logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކަރަންޓް ބިލަށް ފައިސާ ނުދައްކަން މާލެ ސިޓީ ކައުންސިލަށް ދެއްކޭނެ ބަހަނާއެެއް ނެތް: ސްޓެލްކޯ

ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކައި ތިބެން މާލޭ ސިޓީކައުންސިލުން ދައްކާނެ ބަހަނާއެއް ނެތް ކަމަށާއި އެ ކައުންސިލަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއިން ކުއްޔަށް ހިފާފައިވާ ތަންތަނުގެ ކުއްޔަށް ވާ ހުރިހާ ފައިސާއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި، އެ ފައިސާ ދައްކައި ޚަލާސްކުރި ކަމުގެ ލިއުމެއް ވެސް ހޯދާފައިވާ ކަމަށެވެ. އެ ލިއުން ނޫސްވެރިންނަށް ދައްކަވައިލައްވަމުން ތަންތަނުގެ ކުއްޔާ ގުޅިގެން މީރާއަށް ދައްކަން މިހާރު އޮތީ 1.4 މިލިޔަން ރުފިޔާގެ ޖޫރިމަނާއެއް ކަމަށާއި އެއީ ވެސް މީރާއާ ސްޓެލްކޯއާ ދެމެދު އަރާފައިވާ އޮޅުމެއްގެ ސަބަބުން އޮތް ޖޫރިމަނާ އެއް ކަމަށެވެ. އެ ޖޫރިމަނާ މާފުކޮށްދޭން އެދި ކަމާ ބެހޭ އިދާރާއަށް ހުށަހަޅާފައިވާ ކަަމަށާއި މާފުނުކޮށްދޭން  ނިންމައިފި ނަމަ އެފައިސާ ވެސް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ސިޓީކައުންސިލަށް، އަޅުގަނޑުމެންގެ ހިދުމަތުގެ ބޭނުންކޮށްފައި، އެ ހިދުމަތުގެ އަގު ދައްކަން ނުޖެހޭނެ އެއްވެސް ބަހަނާއެއް ނެތް. އެހެންވީމާ އަަޅުގަނޑު ގޮވައިލާނީ ސިޓީކައުންސިލުން ޕްރެސްތަކަށް އަރައި ފާޑުފާޑުގެ ވާހަަކަ ދައްކަވާނެ ކަމެއް ނެތް. އަވަހަށް ބިލު ދައްކަވާ. އެހެންނޫނީ ކުރިމަގުގައި އަދިވެސް ކަރަންޓް ކަނޑައިލާނަން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ  ކަރަންޓް ބިލަށް އަރާފައިވާ ގިނަ އަދަދެއްގެ ފައިސާ ދައްކަން އުނދަގޫ ވާ ނަމަ ބަހާލައިގެން ދައްކާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވެސް ސްޓެލްކޯއިން ހުށަހެޅިކަމަށާއި ސިޓީކައުންސިލުން އެކަމަށް ވެސް އިޖާބަ ނުދެއްވި ކަމަށެވެ.

"އެބޭފުޅުންގެ ހަރުކަށިކަމާ، ގޮތް ދޫނުކުރުމާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވާތީ އެކަމަށް ހައްލެއް ހޯދަން ބޭނުން ނުވާ މިންވަރަކީ މިއީ،" އޭނާ ވިދާޅުވި އެވެ.

ކަރަންޓް ބިލު ނުދައްކާތީ މާލޭގެ އާއްމު ތަންތަނުން ކަރަންޓް ކަނޑައިލަން ސްޓެލްކޯއިން އުޅޭ ކަމަށް ސިޓީކައުންސިލުން ކޮށްފައިވާ ތުހުމަތު ޝަރީފު ދޮގުކުރެއްވި އެވެ. އޭނާ  ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ކަރަންޓް ކަނޑައިލާފައި ވާނީ ސިޓީކައުންސިލުން ވިޔަފާރި އުސޫލުުން، ކުއްޔަށްދޭ ތަންތަނާއި ކަރަންޓް ވިއްކައިގެން އާމްދަނީ ހޯދާ ތަންތަނާއި ބައެއް އޮފީސް އިމާރާތްތަކުން ކަމަށެވެ.

"މީގެ ކުރިން ސިޓީކައުންސިލުން ބޭއްވި ޕްރެސް އެއްގައި، އަޅުގަނޑު ހަނދާންވާ ގޮތުގައި ޑެޕިއުޓީ މޭޔަރު ވާހަކަ ދައްކަަވަމުން ވިދާޅުވީ އަޅުގަނޑުމެން، މިސްކިތްތަކުންނާއި އާއްމު ސަރަހައްދުތަކުން ކަރަންޓް ކަނޑައިލާނެ ކަމަށް އިންޒާރުދީފައި އެބަ އޮތޭ. އެއީ ހަގީގަތާ ހިލާފު ވާހަކައެއް އިނގޭތޯ،" ޝަރީފު ވިދާޅުވި އެވެ.

ސިޓީކައުންސިލުން ކަރަންޓްބިލުތަކަށް 21 މިލިޔަން ރުފިޔާ ދައްކަން ޖެހޭ

މާލޭ ސިޓީކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ވެސް ޝަރީފު މިއަދު އާއްމުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖެނުއަރީމަހާ ހިސާބަށް އައި އިރު ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ އަަދަދަކީ 14 މިލިޔަނެވެ. އޭރުގައި ފައިސާ ދައްކަން އެންގުމުން ބަހާލައިގެން އެފައިސާ ދައްކަން ސިޓީކައުންސިލުން ސްޓެލްކޯއާ އެކު އެއްބަސްވުމެއް ހެދި ކަމަށާއި އެހެން ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޓީކައުންސިލުން ކަރަންޓް ބިލުތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 18.4 މިލިޔަނަށް އެރުމުން މިދިޔަ އޮކްޓޯބަރު މަހު ސްޓެލްކޯއިން ސިޓީއެއް ފޮނުވާފައިވާނެ ކަަމަށާއި ދައްކަން ޖެހޭ ފައިސާގެ އަދަދު 19 މިލިޔަނަށް އެރީމާ މިދިޔަ ޑިސެމްބަރުމަހުގެ ހަތަރު ވަނަ ދުވަހު ވެސް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ކަރަންޓް ކަނޑައިލަން ޖެހިދާނެކަމުގެ އިންޒާރު ދިނީ ޝަރީފު ވިދާޅުވި ގޮތުގައި ޑިސެމްބަރު 14 ގައި ދިނުމަށް ފަހު ޑިސެމްބަރު 28 ގައި ވެސް އިންޒާރުގެ ސިޓީއެއް ފޮނުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *