logo minivan

English

ހޮނިހިރު, 27 ޖުލައި 2024
Umar

އުމަރު ވިދާޅުވަނީ ޕާޓީތަކަށް އިތުރު 10 އަހަރު ދީފިއްޔާ ދައުލަތް ފެއިލްވާނެ ކަމަށް!

ރާއްޖޭގެ ވެރިކަން އެކި ސިޔާސީ ޕާޓީތަކުން ކުރާތާ 15 އަހަރު ވީއިރު އެއްވެސް ވެރިއަކަށް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ މައްސަލައެއް ވެސް ހައްލުނުުކުރެވުނު ކަމަށާއި ޕާޓީތަކަށް އިތުރު 10 އަހަރު ދީފި ނަމަ ދައުލަތް ފެއިލްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ  ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާކަން އިއުލާނުކުރައްވައި، ކެމްޕޭން ފެށްޓަވަން ރޭ ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ޕާޓީތަކުގެ ފަރާތުން ވެރިކަމަށް އަންނަ ކޮންމެ ވެރިއަކު ޕާޓީގެ އެތެރޭގެ ކޯޅުމުގައި ވަގުތު ހޭދަކުރައްވައި، އެގޮތުގައި ދައުރު ނިންމަވާފައި ވަޑައިގަންނަވާ ކަމަށެވެ. އެގޮތަށް ދައުރު ނިންމަވާފައި ވަޑައިގަންނަވާ އިރު، ރާއްޖޭގެ ބޮޑެތި މައްސަލަތައް ހުރިގޮތަށް ހައްލު ނުވެ ހުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ މިދަނީ މިނިވަންކަން ގެއްލި، އަމިއްލަވަންތަކަން ގެއްލި، އަހުލާގު ގެއްލި މިސްރާބު ގެއްލިގެން. އިތުރު 10 އަހަރު އަޅުގަނޑުމެން މަޑުކޮށްފިއްޔާ ދިވެހިރާއްޖެ ވާނީ ނާކޯ ސްޓޭޓަކަށް، ނުވަތަ ފެއިލްޑް ސްޓޭޓަކަށް،" އުމަރު ވިދާޅުވި އެވެ.

ރާއްޖެ ދަތުރުކުރާ މިސްރާބު ބަދަލުކުރުމަށް ޓަކައި އޭނާއާ އެކު ކުރިއަށްދާން އެދިވަޑަައިގަންނަވަނީ އެހެންވެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެހެންނޫނީއްޔާ ޖެހޭނީ ހަމަ އެއްތާކުއޭ. އަދި ވެސް ސިޔާސީ ޕާޓީތަކަށް ތިޔަ ބޭފުޅުން ވޯޓުދީގެން ނަގައިގަތް ކަތީބުން ( ކުރިން ވެރިކަން ކުރެއްވި ބޭފުޅުން) އަނބުރާ ގެނެވިދާނެ އެކަމަކު ޖެހޭނީ ހަަމަ އެއްތާކު،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ވެރިން އަނބުރާ ވެރިކަމަަށް ގެނެސްގެން ހުސްވާނީ ރާއްޖޭގެ "ތިޖޫރީ" ކަމަށާއި ރާއްޖޭގެ ދަރަނި ދާނީ ބޮޑުވެ، ގައުމު ދާނީ ހަލާކުވަމުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީއާ އެކީގައި ދެޕާޓީއަކަށް ރާއްޖޭގެ ވެރިކަން ރައްޔިތުން ދީފި ކަމަށާއި އެހެން ނަމަވެސް ގެނެވުނު ބަދަލެއް ނެތް ކަމަށް ވިދާޅުވެ، އެމްޑީޕީއަށާއި ޕީޕީއެމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

އެ ގޮތަށް ފާޑުވިދާޅުވި އިރު މަޖިލީހުގެ ސުޕަމެޖޯރިޓީއާ އެކު ޕީޕީއެމުން ވެރިކަން ކުރި އިރު ގިނަ ދުވަސްތަކެއް ވަންދެން އުމަރު ނަސީރު ހުންނެވީ އެންމެ ބާރުގަދަ އެއް ވުޒާރާ ކަމަށްވާ ދާޚިލިއްޔާގެ ވަޒީރަކަށެވެ.

"ގެނެވުނު ބަދަލެއް ނެތޭ އިނގޭތޯ އެއްވެސް ބަދަލެއް، ސުޕަމެޖޯރިޓީއާ އެކީގައި ވެރިކަން ދިނީމާ ވެސް. ސުޕަމެޖޯރިޓީއާ އެކީ ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރާ އެކީ މިދިނީ ކޮންމެ ފަހަރަކު. ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރާ އެކީ. އެކަމަކު ގާނޫނު އަސާސީގެ އެންމެ އެއްޗެއް ވެސް ބަދަލުކުރުމުގެ އައިޑިއާ އެއްވެސް ނައި އެއްވެސް މީހަކަށް އިނގޭތޯ. އެންމެ ފަހަރަކު އެ އައިޑިއާ އައީ އެއީ ރައީސްކަން ކުރާ މީހެއްގެ އުމުރު ބަދަލުކޮށްލަން އެފަހަރު ވެސް ޗައްކަރެއް ޖަހައިގެން މިހާރު އޭނަ ވެއްޖެ ޖަލަށް ވެސް ލާފައި،" ކުރީގެ ރައީސް ޔާމީނާ ބެހޭ ގޮތުން އުމަރު ވިދާޅުވި އެވެ.

އުމަރު ތުހުމަތުކުރެއްވި ގޮތުގައި ޕާޓީތައް ވެރިކަމަށް އަންނަ ކޮންމެ ފަހަަރަކު މުއްސަނދިވަނީ އެޕާޓީތަކުގެ ސިޔާސީ ބައިވެރިންނެވެ. މަޖިލީހުގެ މެމްބަރުންނަށް ފަޅުރަށްތައް ލިބޭ ކަމަށާއި އެ ބޭފުޅުންނަށް ހުޅުމާލޭން ގޯތި ލިބޭ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"ތިލަފަތަކަށް ވޯޓު ދިނަސް، ދޮލަނގަކަށް ވޯޓު ދިނަސް ޖެހޭނީ ހަމަ އެއްތާކު، އެއްވެސް ބަދަލެއް ނާންނާނެ،" އުމަރު ވިދާޅުވި އެވެ.

ރިޔާސީ ވައުދެެއްގެ ގޮތުގައި އުމަރު ރޭ ވައުދުވެވަޑައިގެންނެވީ 2045 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށެވެ. އޭނާ ވިދާޅުވީ އޭނާގެ ވެރިކަމެއްގެ 10 އަހަރު ( ދެ ދައުރު) ނިމޭ އިރު ތަރައްގީ ވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުވާން ބޭނުންވާ ހުރިހާކަމެއްގެ ބިންގާ އަޅުއްވާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *