logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރިޔާސީ ބަޔާން އަޑުނޭއްސެވިގެން މައިނޯރިޓީ ލީޑަރު ޝަކުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު މަޖިލީހުގެ ތަޅުމަށް ވެދެވަޑައިގަތުމުގެ ފުރުސަތު ނުދިން ކަމަށާއި އެހެންވެ ރިޔާސީ ބަޔާން އަޑުއެެއްސެވޭ ގޮތް ނުވިކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް  ޝަކުވާކުރައްވައިފި އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ފުރަތަމަ މެދުކަނޑައިލަން ޖެހުނީ އިދިކޮޅު މެމްބަރުން ރިޔާސަތުގެ މޭޒުގެ ކުރިމައްޗަށް އަރައި އަޑުގަދަކޮށް ރިޔާސީ ބަޔާން އިއްވެވިޔަ ނުދޭން މަސައްްކަތް ކުރުމުންނެވެ. އެގޮތަށް އެންމެ ފުރަތަމަ އަޑުގަދަކުރެއްވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ. މަޖިލީހުގެ ރިޔާސަތުން ޝިޔާމްގެ ނަން އިއްވުމަށް ފަހު އޭނާ މަޖިލީހުގެ ތަޅުމުން ނެރުނެވެ. ޝިޔާމާ އެކު ރިޔާސަތުގެ މޭޒު ކުރިމައްޗަށް ވަޑައިގެންނެވި އެހެން ބައެއް އިދިކޮޅު މެމްބަރުން ވެސް ނަން އިއްވުމަށް ފަހު ތަޅުމުން ބޭރުކޮށްލި ނަމަވެސް އޭގެ ތެރޭގައި ސަލީމް ހިމެނިވަޑައެއް ނުގަންނަވަ އެވެ.

ޖަލްސާއަށް ފަހު އިދިކޮޅުން ބޭއްވި މީޑިއާބްރީފިން އެއްގައި ސަލީމް ވިދާޅުވި ގޮތުގައި ޖަލްސާ މެދުކަނޑައިލި ވަގުތު އޭނާ ބޭރަށް ނުކުމެވަޑައިގެންނެވީ މަޖިލީހުގެ ބޭރުގައި މުޒާހަރާކުރަމުން ދިޔަ އިދިކޮޅު ފަރާތްތަަކަށް ހިތްވަރު ދެއްވުމަށެވެ.

"އަޅުގަނޑުމެން މަޖިލީހުގެ ރައީސަށާއި އަދި މަޖިލީހުގެ އެކިއެކި ފަރާތްތަކަށް ދަންނަވައިދިނުމަށް އެދުުނިން އަޅުގަނޑަކީ މައިނޯރިޓީ ލީޑަރޭ އެހެންވީމާ އަޅުގަނޑޭ އެ ބަޔާނަށް ޖަވާބުދާރީ ވާން ޖެހޭ މީހަކީ، އެހެންވީމާ އެ ކިޔާ އެއްޗަކާ ނުކިޔާ އެއްޗަކާ ، ކޯއްޗެއްތޯ ކީ އަޅުގަނޑު ބޭނުމޭ އަޑުއަހަން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި މަޖިލީހަށް އެނބުރި ވެދެވަޑައިގަންވަން މަސައްކަތް ކުރެއްވީ މަޖިލިސް މެދުކަނޑައިލި އިރު ނަން ނުއިއްވާ ތިއްބެވި ތިން މެމްބަރުންނެވެ. އެހެން ނަމަވެސް އާދޭސް ދަންނަވައިގެން ވެސް އޭނާ އާއި އަނެއް ދެ މެމްބަރުންނަށް ފުރުސަތު ނުދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ތިން މީހުން، ނަން ނުއިއްވާ ތިބި އެންމެ ތިން މީހުން އެތަނަށް ނުވެއްދުމަކީ، އޭގެ މާނައަކީ މިއަދުގެ ސަރުކާރުގައި ހަމަ އެއްވެސް ގާބިލުކަމެއް ނެތީއޭ،" ސަލީމް ވިދާޅުވި އެވެ.

އޭނާއާއި އަނެއް ދެ މެމްބަރުން ޖަލްސާއަށް ވެދެވަޑައިގަންނަވަން ފުރުސަތު ނުދިނުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރިކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތިން މީހުން ނުވައްދައެއް އެ ބަޔާނެއް ނީއްވޭނެ. ހާއްސަކޮށް މައިނޯރިޓީ ލީޑަރު، އިދިކޮޅުގައި ހުރި އަޅުގަނޑުމެންގެ ޕާލަމެންޓްރީ ދެ ލީޑަރުން ތިއްބާ، އަޅުގަނޑުމެން ދެމީހުން ނުވައްދާ އެ ބަޔާން އިއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ ގާނޫނީ ގޮތަކުން. އެހެން ނަމަވެސް ބަޔާނެއް އިއްވާފައި އެ ދިޔައީ. ދެން އަޅުގަނޑުމެން މިވީ ނޫހުންނާ އެކި އެއްޗިހިން އެ ހޯދައިގެން އެ ބަޔާނަށް ޖަވާބުދާރީވާން،" ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވުމަކީ މަޖިލީހުގައި ތަމްސީލުކުރާ، މަޖިލީހުގެ މެޖޯރިޓީ ނޯންނަ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެމްބަރުން ތިއްބަވާ ޕާޓީއެއްގެ ޕާލަމެންޓްރީ ލީޑަރަށް އޮންނަ ފުރުސަތެކެވެ. މިހާރު އެ ދައުރު އޮންނަނީ ސަލީމަށެވެ. ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވާން މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކުރާނީ އެކަމަށް ތައްޔާރުވާން ވަގުތު ދިނުމަށް ފަހުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *