logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024
MP Shiyam
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.

އިދިކޮޅު މެމްބަރަކު އަޑުގަަދަކުރެއްވި އިރު ނަޝީދު އަޅައެއް ނުލެއްވި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވާހަކަ ދައްކަވަމުން ގެންދެވި އިރު، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަޑުގަދަކުރައްވައި، ޖަލްސާގެ ނިޒާމު ގެއްލުވައިލެއްވި އިރު ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ އަޅުއްވައި ނުލެއްވުމުން އެމްޑީޕީގެ ބައެއް މެމްބަރުން އެކަމާ ޝަކުވާ ކުަރައްވައިފި އެވެ.

ޝިޔާމު އަޑުގަދަކުރައްވަން ފެށްޓެވީ ވަށައިޖެހޭ ގޮތަކަށް ނަފުސާނީ ފަރުވާ ލިބޭނެ ނިޒާމެއް ގާއިމްކުރަން ސަރުކާރަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވާހަކަ ދައްކަވަނިކޮށެވެ. ޝިޔާމް އަޑުގަދަކުރައްވާތީ ވާހަކަ ކުރިއަށް ގެންދަން ދަތި ކަމަށް ވިދާޅުވެ، ހުސައިން ވާހަކަ މެދުކަނޑުއްވައިލުމުން، ރިޔާސަތުން ނަޝީދު ވިދާޅުވީ އޭނާ ފުރުސަތު ދޫކޮށްލައްވާ ނަަމަ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް ފުރުސަތު ދެއްވާނެ ކަމަށެވެ. އަޑުގަދަވާތީ ވާހަކަ ދައްކަވަން ދަތި ކަމަށް މެމްބަރު ހުސައިން ވިދާޅުވި ވާހަކައަށް ރިއާޔަތް ނުކުރައްވަ އެވެ.

އަފީފު ވާހަކަ ދައްކަވަން ފެށްޓެވުމުން ޝިޔާމު ކުރިއަށް ވުރެ ބޮޑަށް އަޑުގަދަ ކުރެއްވި ނަމަވެސް އެކަމާ އަފީފު އެއްޗެއް ވިދާޅެއް ނުވެ އެވެ. ނިޒާމާ ބެހޭ މައްސަލައެއްގެ ގޮތުގައި އެކަމުގެ ޝަކުވާ ރިޔާސަތަށް ހުށަހެޅުއްވީ އަނެއްކާ ވެސް މެމްބަރު ހުސައިން އެވެ.

"މިތަނުަގައި ދައްކާ ވާހަކައެއް އަޅުގަނޑުމެނަކަށް ސާފެއް ނުވޭ އިއްޒަތްތެރި މެމްބަރުންގެ ބަހުސެއް ސާފެއް ނުވޭ. އެހެންވީމާ ނިޒާމު ގެއްލިފައި ކަމަށް އަޅުގަނޑު ބަލަނީ،" ހުސައިން ވިދާޅުވި އެވެ.

އޭނާއަށް ޖަވާބު ދެއްވަމުން ރިޔާސަތުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ޗެމްބަރުގެ މައިކް ސިސްޓަމްގައި މައްސަލައެއް ހުރިކަން ފާހަކުރެއްވިފައި ނުވާ ކަމަށެވެ.

" އަޅުގަނޑު އަދި ޓެކްނިކަލް ބޭފުޅުންނާ ވެސް މަޝްވަރާކޮށްލާނަން، މަައިކްތަކުގެ މައްސަލައެއް ހުރިކަމަކަށް ފާހަގައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

ޝިޔާމް އަޑުގަދަކުރައްވާތީ ނިޒާމާ ބެހޭ މައްސަަލައެއްގެ ގޮތުގައި ދެން ޝަކުވާ ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ. މަޖިލީހުގެ ޖަލްސާ އެ ނޫން ގޮތަކަށް ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްނޫންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ރައީސްގެ މަސްއޫލިއްޔަތާ އެއްގޮތަށް ތޯ މި ފްލޯ ކުރިއަށް [ތިޔަ] ގެންދަވަނީ؟" މުޣުނީ ސުވާލު ކުރެއްވި އެވެ.

އަޑުމަޑުކުރައްވަން ޝިޔާމަށް އަންގަވަން ނަޝީދު އެހިސާބުން ވެސް ދެކޮޅު ހައްދަވައި، އެކަމަށް ރިއާޔަތް ވެސް ނުކުރައްވަވައި ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށެވެ.

"މަޖިލިސްގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ގަވައިދުގައި އޮތް ގޮތަށް އަދާކުރަމުން ގެންދާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ހެނދުނުގެ ސަޔަށް، ދޭ ހުސްވަގުތުކޮޅަށް، މެދު ކަނޑައިލުމަށް ފަހު އާދައިގެ މަތިން، މިއަދު ވެސް ޖަލްސާގެ ރިޔާސަތަށް ނަޝީދު ވަޑައެއް ނުގަންނަވަ އެވެ. އޭގެ ފަހުން ރިޔާސަތު ބަލަހައްޓަވަން ވަޑައިގެންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން އުމުުރުން އެންމެ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން އަފީފު ބަލަަހައްޓަވަން ޖެހިވަޑައިގަންނަވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ޖަލްސާގައި ވަޑައިގެން ނުތިއްބަވާ ހާލަތުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *