logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024
ތުރުކީ އާއި ސީރިޔާއަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައި

ސީރިޔާ – ތުރުކީ ބިންހެލުން: މަރުވި މީހުންގެ އަދަދު 5000 އިން މައްޗަށް

ތުރުކީއާ ސީރިޔާއަށް އިއްޔެ އައި ބާރުގަދަ ބިންހެލުންތަކުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ އަދަދު 5،000 އަށް ވުރެ ގިނެވަފއިވާ ކަމަށް ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބިންހެލުންތަކާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ހަތް ދުވަހުގެ ގައުމީ ހިތާމައިގެ ދުވަހެއް އިއުލާނު ކުރައްވާފައިވާއިރު، ސީރިއާއިން ވަނީ އދ.ގެ އެހީތެރިކަމަށް އެދިފައެވެ. 7.8 މެގްނިޓިއުޑްގެ ބިންހެލުމާއި، 7.6 މެގްނިޓިއުޑްގެ ބިންހެލުމާއި، ބައެއް އާފްޓަޝޮކްތަކުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އިތުރުވަމުން ދާނެކަމުގެ ބިރު ކަމާބެހޭ ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

ތުރުކީގެ ނައިބު ރައީސް ފުއާޓް އޮކްޓޭ ވިދާޅުވީ ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3419 އަށް އަރާފައިވާ ކަމަށެވެ.

ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ)ގެ އޮފިޝަލެއް ކަމަށްވާ އޮރްހާން ތަތާރު ވިދާޅުވީ 20،426 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި 5،700 އަށް ވުރެ ގިނަ އިމާރާތް ވެސް ހަލާކުވެފައިވާ ކަމަށް ތަތާރު ވިދާޅުވިއެވެ.

ސީރިއާގެ ސިއްހަތާ ބެހޭ ވުޒާރާ އާއި ވައިޓް ހެލްމެޓްސް ރެސްކިއު އޯގަނައިޒޭޝަނުން ބުނި ގޮތުގައި ސީރިއާގައި 1،602 މީހުން މަރުވެ، ގާތްގަނޑަކަށް 3،500 މީހުން ޒަހަމްވިއެވެ.

ގަދަ ފިނިއައި ސްނޯގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތްކުރުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. ތުރުކީގައި ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެއެވެ. ގިނަ ސަރަހައްދުތަކުން ކަރަންޓާއި ގޭހުގެ ހިދުމަތް ކެނޑިފައިވާއިރު، އެ ދެ ހިދުމަތް ވެސް އަލުން ދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ 7.8 މެގްނިޓިއުޑްގެ ބިންހެލުން އައި 18 ކިލޯމީޓަރު އަޑިން ކަމަށެވެ. އޭގެ ގަޑިއިރުތަކެއް ފަހުން 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް ވެސް އައިސްފައިވެއެވެ. ދެ ވަނަ ބިންހެލުމުގެ ސަބަބުން ތުރުކީގެ ސަންލިއުރްފާ ސިޓީގައި ހުރި ބައެއް އެޕާޓްމަންޓްތައް މަގުމައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ތަތާރު ވިދާޅުވި ގޮތުގައި 10 ޕްރޮވިންސަކުން މިހާތަނަށް 7،800 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްފައެވެ. މެޑިކަލް ފެސިލިޓީތައް ޒަހަމްވެފައިވާ މީހުންނާ އެކު ފުރިފައިވާ ކަމަށް ރެސްކިއު ވޯކަރުން ބުނެއެވެ.

އެ ހާދިސާ ހިނގިތަނާ މާ ގިނަ އިރުތަކެއް ނުވަނީސް ގައުމުތަކުގެ އިތުރުން ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ސީރިޔާއާ ތުރުކީއަށް އެހީތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައެވެ.

ރަސްގެފާނު އަބްދުﷲ ގެ އަމުރަށް އުރުދުންއިން ސީރިއާ އާއި ތުރުކީއަށް އިމަޖެންސީ އެހީ ފޮނުވަމުންދާއިރު މިސްރުން ވަނީ ތުރުކީއަށް އަވަސް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ލުބްނާނުގެ ސަރުކާރުން ވެސް ވަނީ މީހުން  ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ރެޑްކްރޮސް އާއި ސިވިލް ޑިފެންސް ފަސްޓް ރެސްޕޮންޑަރުންނާއި ފަޔާ ފައިޓަރުން ތުރުކީއަށް ފޮނުވަމުންނެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސާޗް އެންޑް ރެސްކިއު ޓީމްތައް މޮބިލައިޒްކޮށްފައިވާއިރު، އެ ބްލޮކްގެ ކޮޕާނިކަސް ސެޓެލައިޓް ސިސްޓަމް އެކްޓިވޭޓްކޮށް، އިމަޖެންސީ މެޕިންގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އީޔޫގެ މެމްބަރު 13 ގައުމަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިނގިރޭސިވިލާތާއި އެމެރިކާ އިން ވެސް ސީރިއާއަށް އެހީ ފޮނުވަން ތައްޔާރަށް ތިބި ކަމަށް ބުނި ނަމަވެސް ވޮޝިންޓަނުން ވަނީ ސީދާ ސީރިޔާ ސަރުކާރާ މުއާމަލާތް ކުރުމަށް ދެކޮޅު ހަދާފައެވެ.

ޖަރުމަނުގެ ހާރިޖީ ވުޒާރާއިން ބުނީ އީޔޫގެ ޕާޓްނަރުންނާ އެކު އެހީގެ ރެސްޕޮންސް ކޯޑިނޭޓްކޮށް، އިމަޖެންސީ ޖަނަރޭޓަރުތަކާއި ޓެންޓުތަކާއި ބްލެންކެޓާއި ވޯޓާ ޓްރީޓްމަންޓް އިކުއިޕްމަންޓްގެ ޑެލިވަރީ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެމެރިކާއިން ދަނީ ނޭޓޯގެ މެމްބަރު ތުރުކީއަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކެލިފޯނިއާގައި ލޮސް އެންޖެލިސް ކައުންޓީގެ 100 އެއްހާ ފަޔާފައިޓަރުންނާއި ސްޓްރަކްޗަރަލް އިންޖިނިއަރުންގެ އިތުރުން ހާއްސަ ތަމްރީނު ލިބިފައިވާ ހަ ކުއްތާ ތުރުކީއަށް ފޮނުވުމަށް ވަނީި ނިންމާފައެވެ.

ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީގެ ރެސްކިއު ޓީމްތައް ސީރިއާއަށް ފުރަން ތައްޔާރުވަމުން އަންނައިރު، އެ ގައުމުގައި ހަރަކާތްތެރިވާ ރަޝިއާގެ އަސްކަރިއްޔާއިން މިހާރުވެސް ވަނީ އި ސަލާމަތްވި މީހުން ހޯދުމުގައި އެހީތެރިވުމަށް 300 މީހުން ހިމެނޭ ގޮތަށް 10 ޔުނިޓް ފޮނުވާފައެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ އިންސާނީ އެހީ ބެހުމަށް ޕޮއިންޓްތަކެއް ކަނޑައަޅައިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *