logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

ކަސްޓަމްސް އިން ބުނަނީ އެއާޕޯޓުން ގެއްލުނު ކަމަށް ބުނާ ޑްރަގަކީ ފުރަތަމަ ވެސް ފެނުނު އެއްޗެއް ނޫން ކަމަށް!

ރާއްޖެއަށް މަސްތުވާތަކެތި އެެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރުމަށް ފަހު ލަގެޖް ނުފެނި، ހެކި ނެތިގެން ދޫކޮށްލި ކަމަށް ފުލުހުން ކުރިން ބުނެފައިވާ މީހާގެ ލަގެޖާ އެކު ގެއްލުނު ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ޑްރަގަކީ "ފެނުނު ވެސް އެއްޗެއް ނޫން" ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮފްރާމްގައި ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވީ، ޕާކިސްތާނުގެ އެމީހާގެ ލަގެޖް ފުރަތަމަ މަރުހަލާގައި ވެސް ނުފެންނަ ކަމަށާއި އެ ލަގެޖް ރާއްޖެއަށް ނުގެންނަ ކަމަށް އެމީހާ ތަކުރާރުކޮށް ބުނި ކަމަށެވެ. އޭނާގެ ލަގެޖްގައި 30 ކިލޯގެ ޑްރަގް ހުރި ކަމަށް، އެ ލަގެޖް ނުފެންނަ އިރު ބުނާނީ ކިހިނެތްތޯ، އަދި ނުފެންނަ އެއްޗެއް ގެއްލޭނީ ކިހިނެތްތޯ ވެސް ޝަރީފު ސުވާލު އުފެއްދެވި އެވެ.

"މިހިސާބުން ކިހިނެތްތޯއޭ އެނގޭނީ، އަދި މިބުނަނީ 30 ކިލޯ، މިސާލަކަަށް 30 ކިލޯގެ ފޮށްޓެއް މީހަކު ޗެކިން ކުރުމަކީ 30 ކިލޯ ޑްރަގް ހުންނަން ޖެހޭ ސަބަބެއް ނޫން. ހަމަ އެކަނި އޭގައި އަޅުގަނޑުމެން ބަލައިގެން ނުވާނެ އޭގައި ހުންނާނީ މިސާލަކަށް [ޑްރަގް ކަމަކަށް]، އެހެންވީމާ 30 ކިލޯއެކޭ ބުނެވޭނީ ވެސް ކިހިނެތް ހެއްޔޭ އަދި ނުފެންނަ އެއްޗެއް ގެއްލޭނީ ކިހިނެތް ހެއްޔޭ؟" ޝަރީފު ވިދާޅުވި އެވެ.

ޕާކިސްތާނުގެ އެމީހާއާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ރަސްމީކޮށް ދެއްވި މައުލޫމާތުގައި ވިދާޅުވީ "ރާއްޖެ އޭނާ އައި އިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ" ކަމަށެވެ.

މީޑިއާތަކުން އޭރު އެގޮތަށް ރިޕޯޓް ކުރި މައުލޫމާތަކީ ފުލުހުން ދޭނެ މައުލޫމާތެއް ނޫން ކަމަށް ވެސް ޝަރީފު ތަކުރާރުކޮށް ވިދާޅުވި އެވެ.

"ނޫހުގައި ކިތަންމެ ވަރަކަށް ޕޮލިހުން މައުލޫމާތު ދެއްވިޔޭ ޖެހިޔަސް، އަޅުގަނޑަކަށް…" ޝަރީފު އެހިސާބަށް ވާހަކަ ގެންދެވުމުން ޕްރޮގްރާމްގެ ހޯސްޓް އާމިރު ސަލީމް އިންޓަރަޕްޓް ކުރައްވާފައި ސުވާލުކުރެއްވީ، އެގޮތަށް އެކަން ހިނގި ކަމަށް ބުނެ ފުލުހުން އޭރު ބަޔާނެއް ނެރުއްވި ނޫންތޯ އެވެ.

"މިހާރު، އެ މީހަކު ހަވާލުކުރިކަމަށްތާ ނެރުނީ، އެކަމަކު ފޮށްޓެއް، އެއްޗެއް ފެނިގެން ގެއްލުނު ކަމަކަަށް ނެތެއް ނޫންތޯ،" ޝަރީފު ވިދާޅުވި އެވެ.

ފުލުހުން އޭރު މީޑިއާތަކަށް ފޮނުވި މެސެޖް

"ޖެނުއަރީ އަށް ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވޭ. ނަމަވެސް އޭނާގެ ލަގެޖް ހަވާލުކޮށްފައެއް ނުވޭ. ރާއްޖެ އޭނާ އައި އިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވޭ. މިހައިތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެ ލަގެޖް އަދި ދެނެގަނެވިފައެއް ނުވޭ. އެއާޕޯޓްގެ ބައެއް މުހިއްމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަ ކުރެވޭ،"

ޕާކިސްތާނުމީހާ ރާއްޖެއަށް އަންނަ ފުރި އިރު ލަގެޖް ޗެކިން ކޮށްފައިވޭ

ޝަރީފު މިއަދު ވިދާޅުވި ގޮތުގައި ޕާކިސްތާނު މީހާ ހިފެހެއްޓުމުން، އޭނާ ލަގެޖެއް ނުގެންނަ ކަމަށް ތަކުރާރުކޮށް ބުނި ނަމަވެސް އޭނާ ރާއްޖެއަށް އަންނަ ފުރި އިރު ލަގެޖް ޗެކިން ކުރިކަން ޓެގްތަކުން އެނގެ އެވެ. އޭނާ އެ ލަގެޖާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އޭނާގެ ފޯނު ޗެކް ކުރި އިރު ފެނުނެވެ.

"ފުރަތަމަ ކަމަކީ އޭނާ ފުރަތަމަ ފެނު އިރު ވެސް އިތުރު އެއްވެސް ފޮށްޓެއް އޭނާ އަތަކު ނެތް. އޭނާ ހަމަ ނުކުމެގެން ދަނީ، ހޭންޑް ލަގެޖް ހިފައިގެން ނުކުންނަން ދަނިކޮށް އަޅުގަނޑުމެންނަށް ފެނިގެން އޭނާ ވައްދަނީ. ވައްދާފައި ދެން އޭނާ ޗެކްކުރަން މިފެއްޓީ. ދެން ޗެކްކުރަމުން ދާއިރު އަޅުގަނޑުމެންނަށް ޝައްކުކުރެވެންޏާ އޭނާގެ ފޯނާ އެއްޗިހި ވެސް ބަލާނެ. ބެލި އިރު އަޅުގަނޑުމެންނަށް ފޯނުން މިފެންނަނީ އޭނާ ޗެކިން ކުރި ލަގެޖަކާ އެކީގައި ފޮޓޯއެއް ނަގާފައި ހުއްޓާ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަގެޖާ އެކު ނަގާފައިވާ ފޮޓޯ ފެނުމުން ކަސްޓަމްސް އިން ޕާކިސްތާނު މީހާއާ އިތުރަށް ސުވާލުކުރި ކަމަށާއި ، ލަގެޖެއް ނުގެންނަ ކަމަށް އޭނާ ބުނި ކަމަށެވެ.

"ދެން އެހިސާބުްން އަޅުގަނޑުމެން ލަގެޖް ޓެގް އެއްޗިހި ބަލާފައި، ލަގެޖް، އެއާޕޯޓްގައި ޓާމިނަލް ތެރޭގައި އެއްވެސް ތާކު ހުރިތޯ އަޅުގަނޑުމެން ޗެކްކުރަން ފެށްޓީ،" ޝަރީފު ވިދާޅުވި އެވެ.

އެގޮތުން މުޅި ފްލައިޓްގެ ހުރިހާ ލަގެޖެއް ހުސްވެގެން ދިޔަ އިރު ވެސް އެ ލަގެޖް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޭނާގެ ލަގެޖް ގެއްލިފައިވާ ކަމަށް "ލޮސް ލަގެޖް އެކައުންޓް"ގައި ރެކޯޑްކޮށްފައި ނުވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުރަށް ތަހުގީގުކުރުމަށް ޓަކައި ފުލުހުންނާ އެމީހާ ހަވާލުކުރީ، އޭނާގެ ލަގެޖް ހިފައިގެން އޭނާއާ އެކު ރާއްޖެއަށް އައި އެހެން މީހަކު ނުކުމެގެން ދިއުމުގެ ފުރުސަތު އޮތީމަ އެވެ.

"އަޅުގަނޑުމެން ނިންމީ އަޅުގަނޑުމެން ނަގަން ޖެހެނީ މީގެ އެންމެ ގޯސް ގޮތަށޭ. އެއީ ހަމަ ފުރުސަތު އެބަ އޮތޭ، އެއްވެސް ބަޔަކަށް ނުފެނި ފޮށި، އެހެން މީހަކު ހިފައިގެން އޭނާއާ އެކީގައި ޓްރެވެލް ކުރި، ނޫނީ އަޅުގަނޑުމެންނަށް ނޭނގޭ މީހަކު ހިފައިގެން ނުކުތުމުގެ ފުރުސަތު ވެސް އޮވެދާނޭ،" ޝަރީފުވިދާޅުވި އެވެ.

އެއާޕޯޓުން ޑްރަގް ގެއްލުނު ކަމަށް ފުރަތަމަ ރިޕޯޓްކުރި ބައެއް މީޑިއާތަކުން އޭރު ރިޕޯޓްކުރީ 46 ކިލޯގެ ޑްރަގް ގެއްލުނު ކަމަށެވެ. އޭގެ ތެރެއިން 30 ކިލޯ އަކީ ޕާކިސްތާނު މީހާ އަތުން ފެނުނު ޑްރަގް ކަމަށް ވެސް އޭރު ރިޕޯޓްކުރި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *