logo minivan

English

ބުދަ, 24 ޖުލައި 2024
Turkey-Syria quake
ބިންހެލުމުގައި ވެއްޓުނި އިމާރާތެއްގެ ކައިރީގައި ތުރުކީ ބަޔަކު ދިރިއުޅެނީ. ފޮޓޯ:އޭޕީ

ތުރުކީ-ސީރިއާ ބިންހެލުން: ހިތާމަވެރި ބައެއް ހަގީގަތްތައް!

މިދިޔަ ހޯމަ ދުވަހު ތުރުކީއަށާއި ސޫރިއާއަށް އައި ބިންހެލުންތަކާއި އެ ބިން ހެލުންތަކާއި އޭގެ ފަހުން އައި ލޮޅުންތަކުގައި ދެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21،000 ފަހަނައަޅައި ގޮަސްފަ އެވެ.

އެ ކާރިސާގައި ތުރުކީއަށް ލިބުނު ގެއްލުން އެހާ ބޮޑުވި ސަބަބުތަކާ ބެހޭ ގޮތުން ގަތަރުގެ އަލްޖަޒީރާއިން ވަނީ ތުރުކީގެ އިންޖިނޭރުންނާ ސުވާލުކޮށް، މުހިއްމު މައުލޫމާތުތަކެއް އެއްކޮށްފަ އެވެ. މިއީ އެ މައުލޫމާތުތަކާ އެކު އަލްޖަޒީރާއިން ލިއުނު ރިޕޯޓެއްގެ ހުލާސާ ތަރުޖަމާ އެކެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ފެނޭތޯ އަދިވެސް އަތްފުނާ އަޅަމުން އަންނަ އިރު، މިފަހަރުގެ ބިންހެލުންތަކުގައި ތުރުކީން އެހާ ގިނަ އިމާރާތްތައް ބިމާ ހަމަވީ ކީއްވެތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަދަ ބިންހެލުންތަކަށް ތައްޔާރުވާން ތުރުކީން ވާނީ 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކޮށްފަ އެވެ. އެއީ 1999 ވަނަ އަހަރު އެގައުމަށް އައި ހަމަ މިފަދަ ބާރުގަދަ ބިންހެލުމަކަށް ފަހުގަ އެވެ. އެފަހަރު 18،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

"އެއީ ރިކްޓަ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމާއި އޭގެ ފަހުން އައި 7.6 ގެ ބާރުމިނުގެ ބިން ހެލުން، އިމާރާތްތައް ކޮޅަށް ހުންނަވަރަށް ވުރެ މާ ބާރުގަދަވީމާ ވީގޮތެއް ހެއްޔެވެ؟ ނުވަތަ އެއީ އިމާރާތްކުރުމުގައި ޒަމާނީ މިންގަނޑުތަކަށް އަމަލުކޮށްފައި ނުވުމުގެ ނަތީޖާ ހެއްޔެވެ؟ ނުވަތަ އެއީ އިމާރާތްކުރުމުގެ ދާއިރާއާ މެދު އިދާރާތަކުން އިހުމާލުވެފައި ވުމުގެ ނަތީޖާ ހެއްޔެވެ؟" ރިޕޯޓް އެކުލަވައިލަން އަލްޖަޒީރާއިން އުފެއްދީ މި ސުވާލުތަކެވެ.

އިސްތަންބޫލް ޓެކްނިކަލް ޔުނިވާސިޓީގެ ޖިއޮލޮޖިކަލް އިންޖިނޭރު އޮކާން ޓުއިސުޒް އަލްޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި މިފަހަރުގެ ބިންހެލުންތަކުގެ ގެއްލުން ތުރުކީއަށް އެހާ ބޮޑުވީ އެ ސުވާލުތަކުގައިވާ ހިތާމަވެރި ހުރިހާ ކަމެއް އެކުވެގެންނެވެ.

"މިފަހަރު އަހަރެމެންނާ ކުރިމަތިމިވީ ހަގީގަތުގައި ވެސް ވަރަށް ވަރުގަދަ ބިންހެލުންތަކަކާ. ފުރަތަމަ ބިންހެލުމުން، ގާތްގަނޑަކަށް ފަސް މިލިޔަން ޓަނުގެ ޓީއެންޓީ ގޮވުމުން، އުފެދޭ ވަރުގެ ހަކަތަ އުފެދުނު. ދެވަނަ ބިންހެލުމުން ގާތްގަނޑަކަށް 3.5 މިލިޔަން ޓަނުގެ ޓީއެންޓީ ގޮވުމުން އުފެދޭ ވަރުގެ ހަކަތަ އުފެދުނު. އެވަރުގެ ބާރެއްގެ ކުރިމަތީ ގިނަ އިމާރާތްތައް ކޮޅަށް ހުރުމަކީ ދުރުކަމެއް، ޓުއިސުޒް ވިދާޅުވެފައި ވެ އެވެ.

ސިވިލް އިންޖިނިއަރު އަދި ތުރުކީގެ އާތުކްއޭޓް ރެޓްރޮފިޓް އެސޯސިއޭޝަންގެ ރައީސް ސިނާން ތަރުކަން ވިދާޅުވެފައިވާ ގޮތުގައި ގެއްލުން އެހާ ބޮޑުވީ ހަމަ އެކަނި ބިންހެލުންތަކުގެ ބާރު ގަދަކަމުން އެކަންޏެއް ނޫނެވެ. އެއް ބިންހެލުމަށް ފަހު އަނެއް ބިންހެލުން އައިލެއް ވެސް އިންތިހާއަށް އަވަސްވީމަ އެވެ.

"ފުރަތަމަ ބިންހެލުމުގައި ގިނަ އިމާރާތްތަކަށް ލިބުނީ ކުދި ނުވަތަ މެދުމިނުގެ ގެއްލުންތައް. އެ އިމާރާތްތައް ވެއްޓުނީ ދެވަނަ ބިންހެލުމުގައި،" އޭނާ ވިދާޅުވެފައި ވެ އެވެ.

އެހާ ބާރުގަދަ ދެ ބިންހެލުން އެހާ ގާތްގާތުގައި އައުމަކީ ކިތަންމެ ވަރުގަދަކޮށް ހަދާފައިވާ އިމާރާތަކަށް ވެސް ނުރައްކާތެރި ކަމަކަށް ވާނެކަމަށް ގިނަ މާހިރުން އެއްބަސްވެ އެވެ.

ތުރުކީ ސަރުކާރުގެ ރަސްމީ އަންދާޒާތަކުން ދައްކާ ގޮތުގައި މިފަހަރުގެ ބިންހެލުންތަކުގައި 6،000 އާއި 7،000 އާ ދެމެދުގެ އަދަދެއްގެ އިމާރާތްތައް ބިމާ ހަމަވި އެވެ.

ތަރުކަން ދެކެވަޑައިގަންނަވާ ގޮތުގައި ބިންހެލުންތަކުގެ ބާރު ކިތަންމެ ގަދަޔަސް، ރަނގަޅު މިންގަނޑުތަކަށް އިމާރާތްތައް ހަދާފައި ހުރި ނަމަ ގެއްލުންތައް މިއަށް ވުރެ ކުޑަވީހެވެ.

އެކަމަކު މިފަދަ ކާރިސާއަކަށް ތައްޔާރުވާން ތުރުކީން ކޮށްފައިވާ މަސައްކަތް އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ދިފާއު ކުރެއްވި އެވެ. ބިންހެލުންތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް ބުދަދުވަހު ކުރެއްވި ޒިޔާރަތެއްގައި އެމަނިކުފާނު ވިދާޅުވީ ، މިވަރުގެ ކާރިސާއަކަށް ތައްޔާރުވުމަކީ [މިވަރުގެ ކާރިސާއެއްގެ ގެއްލުން ކުޑަކުރުމަކީ] އެއްވެސް ބަޔަކަށް ކުޅަދާނަ ކަމެއް ނޫން ކަމަށެވެ.

ދެން ވިދާޅުވީ ބިންހެލުންތަކުގައި ގެއްލުންވި 10 ޕްރޮވިންސުން ހަލާކުވި ހުރިހާ އިމާރާތެއް، އަހަރު ދުވަހުގެ ތެރޭގައި އަލުން އިމާރާތްކުރައްވާނެ ކަމަށެވެ.

"މަލަޓިޔާ، އެލާޒިގް އަދި ބިންގޯލް ގައި ވެސް އަޅުގަނޑުމެން ކަންތައް ކުރި ގޮތަށް މި ތަނުގައި ވެސް އަލުން އިމާރާތްކުރާނަން،" ތުރުކީ އަށް 1999 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަށް ފަހު އަލުން އިމާރާތްކުރަން ކުރި މަސައްކަތަށް އިޝާރާތްކުރައްވައި އުރުދުޣާން ވިދާޅުވި އެވެ.

އަލްޖަޒީރާގެ ހޯދުންތަކަށް ފަހު އެ އެޖެންސީގެ ރިޕޯޓްގައި ބުނި ގޮތުގައި މިފަަހަރުގެ ބިންހެލުންތަކުގައި ހަލާކުވި ގިނަ އިމާރާތްތަކަކީ 1999 ވަނަ އަހަރުގެ ބިންހެލުމުގެ ކުރިން އިމާރާތްކޮށްފައިވާ ތަންތަނެވެ.

"ޓާކިޝް ސިއިސްމިކް ޑިޒައިން ކޯޑް" ގެ ނަމުގައި އިމާރާތްކުުރުމުގެ އާ މިންގަނޑުތަކެއް އެކުލަވައިލީ އޭގެ މާ ފަހުން 2008 ވަނަ އަހަރު އެވެ. އެކަމަކު އެ ކޯޑަށް ނުފެތޭ ގޮތަށް އޭގެ ފަހުން ވެސް ވަނީ ގިނަ އިމާރާތްތަކެއް ހަދައިފަ އެވެ. އަލްޖަޒީރާއާ ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެ ކޯޑަކީ ގިނަ ގައުމުތަކުގައި އަމަލުކުރާ އިމާރާތްކުރުމުގެ ކޯޑްތަކަށް ވުރެ މަތީ ފެންވަރުގެ އުސޫލުތަކެކެވެ. އެހެން ނަމަވެސް އެ އުސޫލުތައް އޮތީ ކަރުދާހުގަ އެވެ. އިމާރާތްކުރުމުގެ ދާއިރާގެ ހަގީގަތްތައް އޮތީ އެއާ މުޅިން ހިލާފަށެވެ.

ތުރުކީގެ ބައެއް ސަރަހައްދުތައް އާބަން ސެންޓަރުތަކަށް ބަދަލުކުރަން ސަރުކާރުން އިންސެންޓިވްސް ދިން ނަމަވެސް އިމާރާތްކުރުމުގެ ދާއިރާގައި އަމަލީ ގޮތުން ސަރުކާރުގެ ބައިވެރިވުން ކުޑަ އެވެ. އުސޫލުތަކަށް އަމަލުކުރޭތޯ ބެލުން ކުޑަ އެވެ. މަރުމަރާ ބިންހެލުމުގެ ފަހުން 20 ވުރެ ގިނަ އަހަރު ވީ އިރު ވެސް ދެރަ މެޓީރިއަލް ބޭނުންކޮށްގެން ހަދާފައިވާ އިމާރާތްތައް ހުރި ސަބަބަކީ، މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި މި އެވެ.

ތަރުކަން ވިދާޅުވީ އެއީ އޭނާއަށް ފުންހިތާމައެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *