logo minivan

English

އަންގާރަ, 16 ޖުލައި 2024

ކަނޑަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމަށް ދޮންފަނުގައި ފެސްޓިވަލެއް ބާއްވައިފި

ކަނޑަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ބޭއްވި 2 ވަނަ "ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ފެސްޓިވަލަކީ ކަނޑުތަކާއި ތިމާވެށްޓަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމުގެ މަޤްޞަދާއެކު ސޮނެވާ ނަމޫނާއިން ކޮންމެ އަހަރަކު "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ގެ ނަމުގައި ބާއްވާ ފެސްޓިވަލެކެވެ. މިއީ މި ފެސްޓިވަލް ބޭއްވި ދެވަނަ ފަހަރެވެ. ދޮންފަނު ރަށު ކައުންސިލާއި ސޮނޭވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ބޭއްވި މިފަހަރުގެ ފެސްޓިވަލުގައި ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއްގެ އިތުރުން ވޯޓަރ ޕޯލޯ މުބާރާތެއްވެސް ކުރިޔަށްގެންގޮސްފައިވެއެވެ.

"އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ގެ ވޯޓަރ ޕޯލޯ މުބާރާތުގެ ފައިނަލް މެޗު ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި މުބާރާތަކީ އެކުވެރި ވާދަވެރި މާހައުލެއްގައި ރަށްފުށުގެ މުޖްތަމަޢުތަކުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ "ޝޯ ޓު އޯޕަން ވޯޓަރ" ގެ ތެރެއިން ހިންގި ހަރަކާތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ފެސްޓިވަލްގެ ތެރެއިން ތަމްރީނުވި ސްވިމިންގ އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަޙައްދުގައި ބޭއްވި ސިމިއުލޭޝަން ޑްރިލް ބައްލަވާލައްވާފައެވެ.

މި ފެސްޓިވަލުގައި، ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ ދަށުން ދަސްވެނިވި 11 ސްވިމިން އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދަސްވެނިވި އިންސްޓްރަކްޓަރުންނަށް މެޑަލް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މި ފެސްޓިވަލްގައި އިންސްޓަރަކްޓަރުން ވަނީ ބ. އަތޮޅު ދަރަވަންދޫ، ދޮންފަނު، ކިހާދޫގެ އިތުރުން ކަމަދޫ އަދި ނ. އަތޮޅު ކުޑަފަރީގެ ބައިވެރިވުމާއެކު 200 ޒުވާނަކަށް ތަމްރީނު ދީފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ސޮނޭވާ ނަމޫނާ ޖަމިއްޔާގެ ފަރާތުން އާންމުންގެ މެދުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި ކަނޑުތަކަށް ލޯބިޖެއްސުމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި ފަތަން ދަސްކުރުމާއި މީހުން ސަލާމަތް ކުރުމަށް މޫދުގައި ގެންގުޅޭނެ ސަލާމަތީ ހުނަރުތައް ދަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ރަށްރަށުގެ ގޮނޑުދޮށްތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ އަދި އެފަދަ އާދަތައް ދިރުވާ އާލާކުރާ ރައްޔިތެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ފެންނަން އެދޭކަމުގައި ވިދާޅުވިއެވެ. އަދި އެގޮތުން މުސްތަޤްބަލުގައި ރަށްރަށުގެ ގޮނޑުދޮށްތަކުގައި ސަމާސާކޮށް ކުޅެ ހެދުމުގެ ތެރޭގައި، ދުންފަތުގެ އިސްތިޢުމާލުކުރުމަށްފަހު އެއްލާލާ ފިލްޓަރު ފަދަ ތަކެތި ތުއްތު ކުދިންނަށް ފެނުމުގެ ފުރުޞަތު ކުޑަކޮށްދެވުމަކީ އެކަމުގެ އެދެވޭ ނަތީޖާއެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އެކަމަނާ ސިފަކުރެއްވިއެވެ.

ސްވިމިން އެންޑް ވޯޓަރ ރެސްކިއު ޕްރޮގްރާމްއަކީ ކަނޑުފަޅުތަކަށް ލޯބި ޖައްސާ އެ ތަންތަން ހިމާޔަތް ކުރުމުގެ އާދަ އަންނަން އޮތް ޖީލުތަކުގައި އަށަގެންނެވުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމްއެކެވެ. މިގޮތުން، މި ޕްރޮގްރާމްގެ ދަށުން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކޮށް، އިންސްޓްރަކްޓަރުން މެދުވެރިކޮށް މި ރަށްރަށުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދެވޭނެއެވެ.

އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަޙައްދުގައި ބޭއްވި ސިމިއުލޭޝަން ޑްރިލް ކުރިއަށްގެންގޮސްފައިވަނީ ސޮނޭވާ ނަމޫނާ ޖަމިއްޔާއާއި ދަ މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލާއި ދޮންފަނު ރަށު ކައުންސިލާއި ރައްޔިތުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނަމޫނާ ސްވިމިންގ އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރސް ގުޅިގެންނެވެ.

ސޮނެވާ ނަމުނާއަކީ ރިޑިއުސް، ރީސައިކަލް އަދި އިންސްޕަޔަރ ކުރުމުގެ ފަލްސަފާގެ ދަށުން ޒީރޯ ވޭސްޓް މުޖުތަމައުތަކެއް ދިވެހިރާއްޖޭގައި އުފެއްދުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެކެވެ. ތިން ރަށާއެކު 2019 ގައި ފެށި މި މަސައްކަތް މިހާރު ވަނީ ބ. އަތޮޅު، ނ. އަތޮޅު އަދި ހދ. އަތޮޅުގެ 21 ރަށަކަށް ފުޅާކޮށްފައެވެ. ސޮނެވާ ނަމޫނާ މަސައްކަތް ކުރަނީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކުނީގެ ބޮޑު މައްސަލައަށް އެރަށަކަށް އެންމެ އެކަށޭނެ ހައްލެއް އެރަށެއްގެ ބައިވެރިވުމާއެކު ހޯދުމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *