މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ބައެއް ގަސްތަކުގެ ސަބަބުން ގަބުރުސް ތާނުގެ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބެމުން ދާތީ އެ ގަސްތަށް އެހެން ތަނަކަށް ބަދަލު ކުރަން ސަގާފީ ތަރިކަތަކާ ބެހޭ ގައުމީ މަރުކަޒުން ނިންމައިފިއެވެ.
ސަގާފީ ތަރިކަތަކާ ބެހޭ މަރުކަޒުން ބުނީ، މަހާނަ ގާތަކަށް ގެއްލުން ވަމުން އަންނަނީ ހުކުރު މިސްކިތުގެ ދެކުނު ފަރާތަށް ވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ކަމަށެވެ.
ގަސްތަކުގެ ސަބަބުން މަހާނަ ގާތަކަށް ގެއްލުން ވަމުންދާތީ ގަސްތަށް ނަގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕާކަށް ގެންދިއުމުގެ މަސައްކަތް ސަގާފީ ތަރިކަތަކާ ބެހޭ ގައުމީ މަރުކަޒާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.
މާލޭ ހުކުރު މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ޤަބުރުސްތާނުގެ މަހާނަ ގައުތަކަށް އެކި ވަރުގެ ގެއްލުން ލިބެމުންދާތީ މި ގަސްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މި މަރުކަޒާއި އެޗް.ޑީ.ސީއާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ (1/2) pic.twitter.com/ha7v37NIo2
— National Centre for Cultural Heritage (@HeritageMv) February 28, 2023
މާލޭ ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި މިހާރު ހުރި އާސާރީ ބިނާތަކުގެ ތެރެެއިން އެންމެ ދުވަސްވީ އެއް ބިނާއެވެ. އެ މިސްކިތް ބިނާ ކުރީ މީލާދީން 1656 ވަނަ އަހަރުގައެވެ. މި މިސްކިތަށް މިހާރު 360 އަހަރަށްވުރެ ގިނަ އަހަރުވެފައިވާއިރު، ހުކުރު މިސްކިތް ބަލަހައްޓަމުން އަންނަނީ ސަގާފީ ތަރިކަތަކާ ބެހޭ ގައުމީ މަރުކަޒުންނެވެ.