ދުނިޔޭގެ މާކަނޑުތައް ހިމާޔަތް ކުރުމުގެ މުއާހަދާއެއް ގާއިމްކުރަން ގައުމުތަކުން މަޝްވަރާކުރާތާ 10 އަހަރު ފަހުން، އެ މުއާހަދާ އެކުލަވައިލަން ގައުމުތަކުން އެއްބަސްވެއްޖެ އެވެ.
"ހައި ސީސް ޓްރީޓީ" ގެ ނަމުގައި އެކުލަވައިލި އެ މުއާހަދާގައިވާ ގޮތުން 2023 ވަނަ އަހަރު އައުމުގެ ކުރިން ދުނިޔޭގެ ކަނޑުތަކުގެ 30 ޕަސެންޓަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ހަދަން ޖެހެ އެވެ. އެ މުއާހަދާއަށް ގައުމުތަކުން އިއްޔެ އެއްބަސްވީ އެމެރިކާގެ ނިއުޔޯކްސިޓީގައިވާ އދ.ގެ މައި އިދާރާގައި 38 ގަޑި އިރަށް ދެމިގެން ދިޔަ މަޝްވަރާތަކަކަށް ފަހުގަ އެވެ.
ރާއްޖޭގެ އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ސިފަކުރެއްވި ގޮތުގައި މިއީ މުޅި ދުނިޔެއަށް ވެސް ތާރީހީ ވަގުތުކޮޅެކެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، އީކޯ ސިސްޓަމްތައް ރަނގަޅު ގޮތުގައި ހިނގުމަށް ޓަކައި މާކަނޑުތައް ހިމާުޔަތްކުރުމަކީ އިންތިހާއަށް މުހިއްމު ކަމަކަށް ވާތީ އެވެ.
"އަޅުގަނޑުމެނަށް ކުރިމަތިވެފައިވާ ކްލައިމެޓް އަދި ބަޔޯޑައިވާސިޓީ ކާރިސާއިން އަރައިގަތުމަށް ޓަކައި ގުދުރަތީ ވަސީލަތްތައް އިއާދަކުރުމާއި އެކަމަށް ހަރަދުކުރުން ވާން ޖެހޭނީ ބައިނަލް އަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮންނަ ކަމަކަށް،" ކަނޑުތައް ހިމާޔަތްކުރާ މުއާހަދާއަށް ގައުމުތަކުން އެއްބަސްވި ޚަަބަރާ އެކު ކުރެއްވި ޓްވީޓެއްގައި ޝައުނާ ވިދާޅުވި އެވެ.
This is a historic moment for the planet. Protection in the the high seas is critical for our ecosystems to function. Restoring and financing nature should be a top global agenda to reverse the climate and biodiversity crises we face. https://t.co/6Qwuxr6URE
— Shauna Aminath 🎈❓ (@anuahsa) March 5, 2023
އެ މުއާހަދާ އެކުލަވައިލަން މީގެ ކުރިން ކުރި މަސައްކަތްތައް ކާމިޔާބު ނުވެ އޮތީ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށް ބަލަހައްޓަން ހަރަދުކުރާނެ ގޮތަކާއި މަސްވެރިކަން ކުރުމަށް ގައުމުތަކަށް އޮތް ހައްގު ފަދަ މައުޟޫއުތަކުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ހެދި އެވެ. މާކަނޑުތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން އޮތް ހަމަ އެކަނި މުއާހަދާ އަކީ މީގެ 40 އަހަރު ކުރިން ގާއިމްކުރި "ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ސީ" އެވެ. އެ މުއާހަދާއިން ކުރި ކަމަކީ "ހައި ސީސް"ގެ ނަމުގައި ސަރަހައްދުތަކެއް ކަނޑައަޅައި، މަސްވެރިކަމާއި ދަތުރުފަތުރާއި ދިރާސާކުރުމުގައި ހުރިހާ ގައުމަކަށް އެއްވަރުގެ ހައްގު ދިނުމެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކަމަށް އެ މުއާހަދާއިން ކަނޑައެޅީ ކަނޑުތަކުގެ އެންމެ 1.2 ޕަސެންޓެވެ. ބާކީ އޮތް ހުރިހާ ސަރަހައްދަކަށް މިހައިތަނަށް ބޮޑެތި ގެއްލުންތައް ލިބެމުން އައީ ހައްދެއް ނެތި މަސް ބޭނުމާއި އާގުބޯޓުފަހަރުގެ ދަތުރުތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.