އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މަދްޔާ ޕްރަދޭޝްގެ ފައްޅިއެއްގައި މީހުން ހިނގާބިނގާވެ އުޅޭ ތަޅުންގަނޑެއްގެ އަޑީގައި ހުރި ވަޅެއްގެ މަތިގަނޑު ހަލާކުވެ، އެ ވަޅަށް ވެއްޓި 35 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި ވަޅުގެ މަތީގައި ކޮންކްރީޓް ޝީޓެއް ފުނޑުފުނޑުވެ، ތަޅުންގަނޑާ އެކު މީހުންތައް ވަޅުތެރެއަށް ވެއްޓުނީ ބަރުބޮޑުވެގެންނެވެ. އެ ހާދިސާ ހިނގީ ހިންދޫންގެ ދީނީ އިހުތިފާލެއް ކަމަށްވާ "ރާމް ނަވާމީ" ފާހަގަކުރަން ބެލޭޝްވަރު މަހާދޭވް ޒުލޭލާލް ޓެމްޕަލް ނަމަކަށް ކިޔާ ފައްޅީފައި ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެތަނުގައި ތިބި މީހުން ވެއްޓުނީ 40 ފޫޓު އަޑިއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ މީގެ ގާތްގަނޑަކަށް 40 ވަރަކަށް އަހަރު ކުރިން ބަންދުކޮށްފައި ހުރި ވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސަލާމަތްކުރި މީހުންގެ ތެރެއިން 18 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ދެ މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ސްޓޭޓް އަދި ފެޑެރަލް އިމަޖެންސީ ރެސްޕޮންސް ފޯސްގެ މެމްބަރުން ހިމެނޭ ގޮތަށް 75 މީހަކު ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗޯހާން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ފަސް ލައްކަ ރުޕީސް އަދި ޒަހަމްވި މީހުންނަށް 50،000 ރުޕީސް ދޭން ނިންމާފައެވެ.