މިދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެހެން ރަށްތަކުން ގިނަ ބަޔަކު މާލެއަށް ހިޖުރަކުރި އިރު، މާލެ ސަރަހައްދުގައި އާބާދީއަށް އެންމެ ބޮޑަށް އިތުރުވީ ހުޅުމާލޭގައި ކަމަށް ބޯހިމެނުމުގެ ހިސާބުތަކުން ދައްކައިފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއްޔެ އާއްމުކުރި "ބޯހިމެނުން 2022″ގެ ހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރު ރާއްޖޭގައި ބޯހިމެނި ފަހުން 2022 ވަނަ އަހާ ދޭތެރޭ ހުޅުމާލޭގެ އާބާދީ 16.82 ޕަސެންޓުން އިތުރުވި އެވެ. އެ މުއްދަތުގައި މާލޭގެ އާބާދީ އިތުރުވީ އެންމެ 1.09 ޕަސެންޓުންނެވެ. އެއާ އެކު ވިލިމާލޭގެ އާބާދީ ދިޔައީ 2.10 ޕަސެންޓުން ދަށަށެވެ.
ހުޅުމާލޭގެ އާބާދީ މިދިޔަ އަށް އަހަރުގެ ތެރޭގައި 16.82 ޕަސެންޓުން އިތުރުވި އިރު 2022 ވަނަ އަހަރު ބޯހިމެނި އިރު ހުޅުމާލޭގައި 53،193 ދިވެހިންނާއި 12،531 ބިދޭސީންނާ އެކު ޖުމްލަ 65،724 މީހުން ދިރިއުޅެ އެވެ. މާލޭގެ އެހެން އަވަށްތަކުގެ އާބާދީއަށް ބަލާއިރު ދެން އެންމެ ގިނަ ބަޔަކު ދިރިއުޅެނީ މާފަންނުގަ އެވެ. އެއީ 34،112 ދިވެހިންނާއި 12،816 ބިދޭސީންނެވެ. އެގޮތުން މާފަންނުގައި ދިރިއުޅޭ މީހުންގެ ޖުމްލަ އަކީ 46،928 އެވެ. ބޯހިމެނި އިރު މައްޗަންގޮޅީގައި ތިބީ 20،993 ދިވެހިންނާއި 6،831 ބިދޭސީންނެވެ. ގަލޮޅުގައި 21،348 ދިވެހިންނާއި 7،252 ބިދޭސީންނެވެ. ހެންވޭރުގައި 24،949 ދިވެހިންނާއި 9،132 ބިދޭސީންނެވެ. މާލެ ސަރަހައްދުގައި އެންމެ މަދު ބަޔަކު ދިރިއުޅޭ ވިލިމާލޭގައި ބޯހިމެނި އިރު ތިބީ 5،967 ދިވެހިންނާއި 787 ބިދޭސީންނެވެ.
ރާއްޖޭގައި 2014 ވަނަ އަހަރު ބޯހިމެނި އިރު މާލެ ސަރަހައްދުގައި ދިރިއުޅެނީ ރާއްޖޭގެ ޖުމްލަ އާބާދީގެ 39 ޕަސެންޓް ކަމަށް ވިޔަސް، މިދިޔަ އަހަރު ބޯހިމެނި އިރު އާބާދީގެ 41 ޕަސެންޓް ދިރިއުޅެނީ މާލެ ސަރަހައްދުގަ އެވެ. ކުރީގެ ބޯހިމެނުން ތަކަށް ބަލާއިރު 2006 ވަނަ އަހަރު މާލޭގައި ތިބީ ރާއްޖޭގެ އޭރުގެ އާބާދީގެ 35 ޕަސެންޓް މީހުންނެވެ. އޭގެ ކުރިން 2000 ވަނަ އަހަރު ބޯހިމެނި އިރު މާލޭގައި ތިބީ އާބާދީގެ 27 ޕަސެންޓް މީހުންނެވެ.