logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
Photo: Emily G Cunningham

އެންޓާކްޓިކާގެ ހާލަތު، މެރިން ބަޔޮލޮޖިސްޓެއްގެ ގަލަމުން!

އެމިލީ ޖީ ކަނިންގަމް އަކީ އިނގިރޭސިވިލާތުގެ ކަނޑުތައް ހިމާޔަތްކުރަން މަސައްކަތްކުރައްވާ އިނގިރޭސިވިލާތުގެ މަޝްހޫރު މެރިން ބަޔޮލޮޖިސްޓެކެވެ. ދުނިޔޭގެ ދެކުނު ތަނޑީގައިވާ އެންޓާކްޓިކާގައި ކުރެެއްވި މަސައްކަތްތަކެއް ނިންމަވައިލެއްވުމަށް ފަހު ސޯޝަލް މީޑިއާ ޓްވިޓާއާއަށް މިދިޔަ ބުދަދުވަހު އޭނާ ދޫކޮށްލެއްވި ވަދާއީ ތުރެޑް މިހައިތަނަށް 3.5 މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ކިޔައިފަ އެވެ. އެ ތްރެޑް 7،000 އަށް ވުރެ ގިނަ މީހުން ރީޓްވީޓް ކުރި އިރު 21،000 އަށް ވުރެ ގިނަ މީހުން އެ ތުރެޑަށް ލައިކް ދިނެވެ. ތިރީގައި މިވަނީ އެމިލީގެ ތްރެޑްގައި ހިމަނުއްވާފައިވާ މައުލޫމާތުތަކެވެ.

އެންޓާކްޓިކާ އަކީ އަޖާއިބުކުރުވަނިވި މިންވަރަކަށް ދިރުންތައް ހުރި ތަނެކެވެ. އެމިލީ ސިފަކުރެއްވި ގޮތުގައި އެތަނުގައި ދިރުންތައް ހުރީ ތާރީހު ފޮތެއްގައިވާ ވާހަކަތަކެއްގެ ގޮތުގައި ނޫނީ ފެނިވަޑައިނުގަންނަވާނެ ކަމަށް އޭނާ ކުރިން ހީކުރެއްވި މިންވަރަކަށެވެ. އެހުރިހާ ދިރުންތަކަކާ އެކު އެންޓާކްޓިކާގައި އޮތީ ބަލާ ފޫހިނުވާ ފަދަ މާހައުލެކެވެ.

"…ހީވަނީ ވައިލްޑްލައިފް ޑޮކިއުމެންޓްރީ އެއް ހެންނެވެ. ޕެންގުއިންތައް ފައިގެ ކައިރިން ހެލެމުންހެލެމުން ދެ އެވެ. ބޯޓް ކައިރިން ކުއްލިއަކަށް ސީލްތައް މައްޗަށް އަރަ އެވެ. ލޮނުގަނޑު ފޫއަޅައި ވޭލްތައް ނޭވާލާ މަންޒަރު ބަލައިލި ކޮންމެ ދިމާލަކުން ފެނެ އެވެ،" އެންޓާކްޓިކާގެ ރީތިކަން ސިފަކުރައްވަމުން އެމިލީ ލިއުއްވާފައި ވެ އެވެ.

އެހުރިހާ ރީތިކަމަކާ އެކުގައި ވެސް އޭނާ ވިދާޅުވެފައިވާ ގޮތުގައި އެންޓާކްޓިކާ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް ލިބެން އޮތް ބޮޑު ގެއްލުމަކާ މެދު ދޭ އިންޒާރެއް ކަމަށް ބަލައިގަންނަން ޖެހެ އެވެ.

"އެންޓާކްޓިކް ޕެނިންސޫލާ ހޫނުވަމުން ދަނީ  ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވުރެ ފަސްގުނަ އަވަހަށެވެ. އަހަރެން އެތަނުގައި އުޅެނިކޮށް، އެންޓާކްޓިކާގެ ކަނޑުގެ ގަނޑުފެންތައް ރެކޯޑް މިންވަރަކަށް މަދުވި އެވެ. އަދި އެންޓާކްޓިކާގެ ބޮޑު ބައި އާއްމު މިންވަރަށް ވުރެ ހޫނެވެ،" އެންޓާކްޓިކާއަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ ބޮޑު މައްސަލަ ސިފަކުރައްވަމުން އެމިލީގެ ތުރެޑްގައި އޭނާ ލިއުއްވާފައި ވެ އެވެ.

އެންޓާކްޓިކާ އާއްމުކޮށް އޮންނަ ވަރަށް ވުރެ ހޫނުވުމުގެ ސަބަބުން ނުކުތް އެއް ނަތީޖާއަކީ އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ސަރަހައްދުގައިވާ ގިނަ ދިރުންތަކުގެ ކާނާކަމަށްވާ ކްރިލްގެ އާބާދީ ދަށަށް ދިއުމެވެ.

"ކްރިލް އަލީ އެންޓާކްޓިކާގެ އީކޯ ސިސްޓަމްގެ ހިތެވެ. ކްރިލް މަދުވުމުގެ މާނައަކީ ޕެންގުއިންއާއި ބޮޑުމަހާއި ސީލްގެ ކާނާ މަދުވުމެވެ،" އޭނާ ލިއުއްވާފައި ވެ އެވެ.

ކްރިލް މަދުވުމުގެ ސަބަބުން "ބެލީން ވޭލް" ނަމަކަށް ކިޔާ ބާވަތުގެ ބޮޑުމަސް ދަރިމައިވާ މިންވަރު މިހާރު ވެސް ދަށަށް ގޮސްފައިވާކަމަށް ، އެމިލީ ވިދާޅުވެފައިވާ ގޮތުގައި ފަހުގެ ދިރާސާއަކުން ވަނީ އެނގިފަ އެވެ. ވިޔަފާރީގެ ބޭނުމަށް ކުރާ ކްރިލްގެ މަސްވެރިކަމުގެ ސަބަބުން އެ މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންޓާކްޓިކާ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު ހޫނުވާތީ ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު އެހެން މައްސަލައެއް ވެސް އޭނާ ފާހަގަކުރައްވާފައި ވެ އެވެ. އެއީ އެ ސަރަހައްދުގައި ކުރިން ނޫޅޭ ބާވަތްތައް އެ ސަރަހައްދަށް ގިނަވާން ފެށުމެވެ. އޭގެ އެއް މިސާލަކީ އޭނާ ވިދާޅުވި ގޮތުގައި "ކިންގް ކްރެބް" ނަމަކަށް ކިޔާ ބާވަތުގެ ކަކުންޏެވެ. އެ ބާވަތް މިހާރު އަންނަނީ އެ ސަރަހައްދަށް ވެރިވަމުންނެވެ.

މުޅި ދުނިޔޭގައި ވެސް ބޮޑު މައްސަލައަކަށް ވެފައިވާ ޕްލާސްޓިކްގެ ގެއްލުން އެންމެ ކުޑަވާނެ ކަމަށް އެންމެން ވެސް ހީކުރާނީ އެންޓާކްޓިކާ އަށެވެ. އެއީ އިންސާނުންގެ ބޮޑު އާބާދީއެއް ނެތް ސަރަހައްދަކަށް ވާތީ އެވެ. އެހެން ނަމަވެސް އެމިލީ ވިދާޅުވެފައިވާ ގޮތުގައި އޭނާއާއި އޭނާގެ ޓީމުން ކުރި "މައިކްރޯ ޕްލާސްޓިކް ރިސާޗް"ގެ ބޭނުމަށް ނެގި ކޮންމެ ސާމްޕަލެއްގައި ޕްލާސްޓިކްގެ މައިކްރޯފައިބަރު ހުއްޓެވެ.

"ކަނޑުގެ އެންމެ އަޑީ ވެލިގަނޑުން ވެސް އަހަރެމެންނަށް ޕްލާސްޓިކް ފެނުނެވެ،" އޭނާ ލިއުއްވާފައި ވެ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *