ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ކުރާ ހަރަދު ކުދަކުރުމަށް ހެންވޭ ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވުމުން، ރައީސް ނަޝިދުގެ ސެކިއުރިޓިއާ ދެކޮޅަށް ދައްކަވާ ވާހަކަފުޅެއްކަމަށާއި އެއީ ރައީސް ނަޝީދު އަވަހާރަކޮށްލަން ހިތްވަރުދެއްވުން ކަމުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވެއްޖެއެވެ.
މެމްބަރު ހުސައިން ވާހަކަ ދެއްކެވީ ދައުލަތުން ކުރާ ހަރަދު ކުޑަކުރުމުއި ނަޝީދަށް ކުރާ ހަރަދުގެ ވާހަކަ އެވެ. އޭނާ އެވާހަ ދެއްކެވުމުން ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަަޝީދު (ބޮންޑޭ) ރައްދުދެއްވިއެވެ.
"ދިވެހިރާއްޖޭގެ ރައީސްކަން ކޮށްފައި ހުރި ބޭފުޅަކު މަރައިލަން ބޮމެއް ގޮއްވާލީމާ، ސެކިއުރިޓީ ދިނީމާ އެ ސެކިއުރިޓީއާ ދެކޮޅަށް، އެ ހަރަދު ކުޑަކުރާށޭ ބުނާނީ އަނެއްކާ ވެސް މަރައިލަން ހެން އަޅުގަނޑަށް ހީވަނީ " ބޮންޑޭ ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ އޭނާ ދައްކަވަނީ މަޖިލީހުގެ ރައީސްގެ ސެކިއުރިޓީއަށް ހިނގާ ހަރަދުގެ ވާހަކަ ނޫންކަމަށާއި އެމަނިކުފާނަށް ދައުލަތުން ކުރާ ޖުމްލަ ހަރަދުގެ ވާހަކަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ބޭސްފަރުވާ ގައި ވެސް ބޭކާރު ހަރަދު ހިމެނުނު ކަމަށް ހުސައިނެ ވިދާޅުވިއެވެ.
"ޖަރުމަނަށް ވަޑައިގަތީމާ ޖަރުމަނުގައި ގަނޑުވަރުކޮޅެއް. އަދި އެ ގަނޑުވަރުކޮޅު ވެސް ކުއްޔަށް ހިފާފައި ބަހައްޓަވާފައި އަނެއްކާ ލަންޑަނަށް ވަޑައިގަތީމާ އަނެއްކާ އެއަށް ވެސް، ދެވަނަ ގަނޑުވަރުކޮޅަކަށް ވެސް ސަރުކާރުން ފައިސާ ހަރަދުކުރީ،" ހުސައިން ވިދާޅުވި އެވެ.
އެވާހަކައާ ގުޅިގެން ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައްދުދެއްވިއެވެ.
"އަނެއްކާ އަވަހާރަކޮށްލުމަށް ހިތްވަރު އެ ދެއްވަނީ، މިތަނުގައި އެ ވާހަކައެއް ނުދެއްކެވޭނެ. މައުޟޫއަކަށް ވެސް ނޫން އެ ވާހަކަދައްކަވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރީ ރިސޯޓްތަކުގެ މަތީ މަގާމުތައް ދިވެހިންނަށް ހާއްސަކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރަކަށެވެ.