logo minivan

English

ހުކުރު, 26 އޭޕްރިލް 2024

ގެމަނަފުށީ ސްޕޯޓްސް ކުލަބުން އެރަށުގައި ތްރީއޮން ތްރީ ފުޓްބޯޅަ ދަނޑެއް އަޅައިފި

ގެމަނަފުށީ ސްޕޯޓްސް ކުލަބުން އެރަށުގައި ތްރީއޮން ތްރީ ފުޓްބޯލަ ދަނޑެއް އަޅައިފިއެވެ. މިއީ ރާއްޖޭގެ ރަށެއްގައި ޤާއިމްކުރި މިފަދަ ފުރަތަމަ ޓްރީ އޮން ތްރީ ދަނޑެވެ. 

ގެމަނަފުށީ ސްޕޯޓްސް ކުލަބަކީ އެރަށުގެ ކުޅިވަރަށް އެކިއެކި ގޮތްގޮތުން ގިނަ ހިދުމަތްތަކެއް ކުރަމުން އަންނަ ކުލަބެކެވެ. ގެމަނަފުށީ ސްޕޯޓްސް ކުލަބުން މައުލޫމާތުދިން ގޮތުގައި ރަށުގައި ތްރީއޮންތްރީ ފުޓްބޯޅަ ދަނޑެއް އެޅުމުގެ ވިސްނުމަކީ 2016 ވަނަ އަހަރު އެކުލަބުން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވި އެކުލަބުގެ ތިންވަނަ ފުޓްސަލް މުބާރަތުގެ ތެރެއިން އުފެދުނު ހިޔާލެއްކަމަށެވެ. މި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ސާމާނު 2019 ވަނަ އަހަރު ގެމަނަފުއްޓަށް ފޮނުވިއެވެ.

"ދިމާވި ގިނަ ގޮންޖެހުންތަކާއި އެކި ސަބަބުތަކަހުރެ މި މަސައްކަތް ނުކުރެވި ދިގު މުއްދަތެއް ވޭތުވުމަށްފަހު މަސައްކަތް ކުރުމަށްޓަކައި ބިމެއް ހަމަޖެހުނީ 2023 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގެ ތެރޭގައި. ކުލަބުގެ މެންބަރުން މި މަސައްކަތް ކުރަން ބޭނުންވެފައިވާ މިންވަރު ބޮޑުކަމުން ބިން ލިބުނު ދުވަހުންފެށިގެން މަސައްކަތް ފެށީ. އެއީ މި އޭޕްރީލް މަހުގެ 13 ވަނަ ދުވަހު. އެއާއެކު މި ދަނޑު އީދު ދުވަހަށް ނިންމައި ރަށުގައި ތްރީއޮންތްރީ މުބާރާތެއް ބޭއްވުމަށް އިއުލާން ކުރީ. ރެއާއި ދުވާލު ރޯދައަށް ތިބެގެން ކުރި މި ބުރަ މަސައްކަތް ނިންމައި ދަނޑު ހުޅުވާފައިވަނީ މި އޭޕްރީލް މަހުގެ 22 ވަނަ ދުވަހު." ގެމަނަފުށީ ސްޕޯޓްސް ކުލަބުން ބުންޏެވެ. 

ދަނޑު ހުޅުވުމާއެކު ފެށިގެން ދިޔައީ ގެމަނަފުށީ ތާރީހުގަވެސް މިފަދަ ގޮތަކަށް ބޭއްވުނު ފުރަތަމަ ތްރީއޮންތްރީ ފުޓްބޯޅަ މުބަރާތެވެ. ޖުމްލަ 7 ޓީމަކުން ބައިވެރިވި މި މުބާރާތަކީ ވަރަށް ފޯރިގަދަ މުބާރާތެކެވެ.

ގެމަނަފުށީ ސްޕޯޓްސް ކުލަބަކީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްގެން ހިންގަމުން އަންނަ ކުލަބެކެވެ. އެގޮތުން ގެމަނަފުށީގެ ތާރީހުގައިވެސް ބޭއްވުނު ފުރަތަމަ ފުޓްސަލް މުބަރާތް ބާއްވާފައިވަނީ 2012 ވަނަ އަހަރު ގެމަނަފުށީ ސްޕޯޓްސް ކުލަބުންނެވެ. ގެމަނަފުށީ ދާއިރާއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ގއ. ކަނޑުހުޅަދޫއިންނެވެ.

ހަމަ އެއަހަރު އެކުލަބުންވަނީ ރާއްޖޭގެ މަޝްހޫރު ބައެއް ވޮލީ ކުޅުންތެރިންނާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިވެފައެވެ. ތަޖުރިބާކާރު ވޮލީ ކޯޗު ސަތޯއެކު ޕްރެޒިޑެންޓްސްކަޕްގެ ތަށި 2012 ވަނަ އަހަރު އެ ކުލަބުން ހިއްލާލިއެވެ.

އެއަށްފަހު 2014 ވަނަ އަހަރު ގެމަނަފުށީ ދާއިރާއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވިއެވެ. އެ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ގއ ކޮނޑޭ ބަފަނާ ޓީމުންނެވެ. ގެމަނަފުށީ ސްޕޯޓްސްކުލަބުގެ ތިންވަނަ ފުޓްސަލް މުބާރަތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ގއ. ނިލަންދޫގެ އެންއެސް ރޯމާއެވެ. މި މުބާރާތްތަކުގެ ފައިނަލްމެޗްތައް ޓީވީއެމްއާއި ޔެސް ޓީވީން ލައިވްކޮށްފައިވެއެވެ.

މީގެ އިތުރުން ގެމަނަފުށީ ސްޕޯޓްސް ކުލަބުން އެރަށުގައި ފުޓްސަލް ކޯޗިން ކޭންޕްތައް ބާއްވާ ކުޑަކުދިންނަށް ހާއްސަ އެކަޑަމީއެއްގެ މަސައްކަތް ފެށިއެވެ. ރަށު ސުކޫލްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ރާޒުވާ ކުޅެން ދަސްކުރުމަށް ކޯޗިން ކޭންޕަކާއެކު މުބާރާތެއް ބޭއްވިއެވެ. ގެމަނަފުށީ ޒުވަނުންނަށް ހާއްސަކޮށްގެން އެފްއޭއެމްއާއި، ރެފްރީޒް ޑިވޮލަޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީއާއި ގެމަނަފުށީ ކައުންސިލް ގުޅިގެން ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔައެވެ.

ގެމަނަފުށީ ސްޕޯޓްސް ކުރަމުންއަންނަ މިފަދަ ކޮންމެ ކަމަކުން އެރަށަށް ކުޅިވަރުގެ ދާއިރާއިން އަންނަނީ ކުރިއެރުންތަށް ލިބެމުންނެވެ. މި މަސައްކަތްތަކުގައި ގެނަމަފުށީ ކައުންސިލުން ވަރަށްބޮޑަށް އެހީތެރިމަކާއި އެއްބާރުލުން ލިބެމުން އަންނަ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *