އިންޑިއާގެ ބޮލީވުޑް މަޝްހޫރު ބަތަލާއިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ ދަރިފުޅުގެ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާއަށް އާއްމުކުރަން ބޭނުންނުވާ ކަމަށް އާލިޔާ ބުނެފިއެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ކައިވެނިކުރުމަށްފަހު، ނޮވެންބަރު މަހު އެ ދެ ލޯބިވެރިން ވަނީ ފުރަތަމަ ދަރިފުޅު ރަހާއަށް މަރުހަބާ ކިޔާފައެވެ. އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ ރަހާގެ ޕްރައިވެސީ ހިމާޔަތްކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކައި، އޭނާ އާއި ރަންބީރު ސޯޝަލް މީޑިއާގައި ރާހާގެ ފޮޓޯތައް އާންމު ކުރަން ބޭނުންނުވާ ކަމަށް ބުނެފައެވެ.
ވޯގް އިންޑިއާއާ ވާހަކަ ދައްކަމުން އާލިއާ ބުނީ އޭނާގެ ދަރިފުޅު ހުންނައިރު ތަފާތު އެކި ކަހަލަ ވާހަކަ ދެއްކުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް އޭނާ އަށް "ރާހާގެ މަންމަ" ގެ ނަމުން މުހާތަބު ކުރުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ.
ބަތަލާ އިތުރަށް ބުނީ އޭނާ ވާނީ ޕަޕަރާޒީންނަށް ވެސް ރާހާގެ ފޮޓޯ ނުނެގުމަށް އެދިފައި ކަމަށާއި، ދާދި ފަހުން ލަންޑަނުން އެނބުރި އައިއިރު، ޕަޕަރާޒީން ރަހާގެ އެންމެ ފޮޓޯއެއް ވެސް ނަގާފައި ނުވާތީ އޭނާ ވަނީ އެކަން ފާހަގަކޮށްފައެވެ.
"އަހަރެން ގަބޫލުކުރަން މިއީ އެއް އިންޑަސްޓްރީ އެއްކަން. ޕަޕަރާޒީންނަކީ އަހަރެންގެ ވޯކް ފެމިލީ ފަދައިން ވަރަށް އިހުތިރާމް ކުރާ ބައެއް. މިދިޔަ މަހު ލަންޑަނުން އެނބުރި އައިއިރު އަހަރެމެން ފެނުމުން އެ އެންމެން ކެމެރާތައް ތިރިކުރި. ރާހާގެ އެއްވެސް ފޮޓޯއެއް މީޑިއާ ތަކުގައި ދައުރެއް ނުވޭ." އާލިއާ ބުންޏެވެ.
އާލިއާ އާއި ރަންބީރު އަންހެން ދަރިފުޅާއެކު މާޗް މަހު ލަންޑަނަށް ފުރައިގެން ދިޔައީ ބަތަލާގެ 30 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ. އެ ދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ އެއްވެސް މީހަކަށް އެއީ ކޮން ބައެއްކަން ނޭންގޭތީ، ރާހާ ގޮވައިގެން މަގުމަތީގައި ހިނގާލަން ދިއުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. "ރާހާ ހީވަނީ ލަންޑަނުގައި ހުރި ހަގީގީ ލަންޑަން ކުއްޖެއްހެން" އާލިއާ ބުންޏެވެ. ނަމަވެސް އޭނާ ވަނީ މުންބައިގައިި ހިނގާލަން ނިކުތުމަކީ ނުވާނެ ކަމެއްކަން ވަރަށް ހިތާމައާއިއެކު ފާހަގަކޮށްފައެވެ.