logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
Rearview shot of a senior couple going for a walk in the park

ދިރާސާތަކުގެ އަލީގައި، ކޮންމެދުވަހަކު ހިނގުމުން ހަށިގަނޑަށް ލިއްބައިދޭ ފައިދާތައް

އެމެރިކާގައި 2018 ވަނަ އަހަރުގެ ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން އެގައުމުގައި އެންމެ މަގުބޫލު ކަސްރަތަކީ ހިނގާބިނގާވެ އުޅުމެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ހިނގާލުމުން ލިބޭ ފައިދާ ގިނަ ބަޔަކަށް ނޭނގެއެވެ. ހަމައެކަނި ދެފައި ވަރުގަދަ ވުމުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަކޮށް، ބަރުދަން ދަށްވެ، ސިކުނޑި ތާޒާކޮށްދެއެވެ. ކޮންމެ ދުވަހަކު ޤަވާއިދުން ކޮންމެވެސް މިންވަރަކަށް ހިނގާލާނަމަ މި ހުރިހާ ސިއްހީ ފައިދާތަކަކާއި އެނޫންވެސް އެތައް ފައިދާއެއް ލިބޭނެ އެވެ. މި ރިޕޯޓުގައި ގެނެސްދީފައި މިވަނީ ހިނގުމުން ލިއްބައިދޭ އެކި ފައިފައިދާ ތަކުކުގެ މައްޗަށް އެމެރިކާގައި ކޮށްފައިވާ ދިރާސާތަކުން ބުނެދީފައިވާ ބައެއްވާހަކަތަކެވެ.

ކެންސަރު ޖެހުމުގެ ނުރައްކާކުޑަވުން

ކޮންމެ ދުވަހަކުވެސް ވަކި މިންވަރަކަށް ޤަވާއިދުން ހިނގާލާނަމަ  ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. އެކްޓާ އޮންކޮލޮޖިކާގައި 2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ހަފުތާއަކު ފަސް މޭލު ހިނގާ މީހުންނަށް އުރަމަތީގެ ކެންސަރާއި ކޮލޮރެކްޓަލް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑައެވެ. ޖާނަލް އޮފް ކްލިނިކަލް އޮންކޮލޮޖީގައި ޝާއިއުކޮށްފައިވާ އެހެން ދިރާސާއެއްގައި ވަނީ ކޮންމެ ހަފުތާއަކު 2.5-5 ގަޑިއިރު ހިނގާފައި ދާ މީހުން ބަލާފަ އެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ކިޑްނީ، ލިވާ، ކޮލޯން، އެންޑޯމެޓްރިއަލް އަދި ލޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އެފަދަ މީހުންގެކުޑައެވެ.

ބަރުދަން ލުއިވުން

ގިނަބަޔަކު ގަބޫލުކުރާ ގޮތާ ޚިލާފަށް ބަރުދަން ލުއިކުރުމަށް ގަދައަޅައި ކަސްރަތު ކުރާކަށް ނުޖެހެއެވެ. 2002 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ތިން މަސް ވަންދެން ގަވާއިދުން ހިނގާފައި ދިޔަ ބައިވެރިންގެ ބަރުދަން ލުއިވެގެން ދިޔަ އެވެ. މެދުމިނުގައި ހިނގާލުމަކީ ވެސް ބަރުދަން އިތުރުވުން ހުއްޓުވައިދޭ ކަމެކެވެ. ނަމަވެސް ބަރުދަން ލުއިކުރުމަށް ހަމައެކަނި ކަސްރަތު ކުރުމުގެ އިތުރަށް ފައިދާހުރި ކާނާވެސް ކާންޖެހެއެވެ. ބީވައިޔޫގެ ސައިންސްވެރިންނަށް 2020 ވަނަ އަހަރު ކުރިއަށްގެންދިޔަ ދިރާސާއަކުން އެނގުނު ގޮތުގައި ބަރުދަން އިތުރުވުން ހުއްޓުވުމަށް ދުވާލަކު 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ހަމައެކަނި ހިނގުމަކުން ނުފުދެއެވެ. ކަޝްރަތާ އެކު ސިއްހަތަށް ފައިދާހުރި ކާނާ ބެނުންކުރާނަމަ ނަތީޖާ ނެރެވޭލެއް އަވަހެވެ.

ގިނައިން ކާ ހިތްވުން ހުއްޓުވޭ

ޤަވާއިދުން ހިނގުމަކީ ކްރޭވިންސް ހުއްޓުވޭނެ ކަމެއްކަން އެނގޭ ހެއްޔެވެ؟ 2011 ވަނަ އަހަރު ޔުނިވާސިޓީ އޮފް އެގްޒެޓާގެ ސައިންސްވެރިން ވަނީ ރެގިއުލާކޮށް ޗޮކްލެޓް ކާ 78 މީހުން ބޭނުންކޮށްގެން ދިރާސާއެއްކޮށްފައެވެ. 15 މިނެޓުގެ ހިނގާލުމަކަށް އެމީހުން ކޮންމެދުވަހަކު ފޮނުވުމުން މިދިރާސާގެ ބައިވެރިން ވަނީ އެމީހުންނަށް ލިބޭ ޗޮކުލެޓް ކޭ ނިސްބަތް %50 އަށް ދަށްވެފައެވެ.

ޕީއެލްއޯއެސް ވަންގައި 2015 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހަކުރު ހުންނަ ކޮންމެ އެއްޗެއްވެސް ޤަވާއިދުން ހިނގަންފެށުމުން ކާހިތްވުން ކުޑަވެއެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކުޑަ އިންޓެންސިޓީގެ ކަސްރަތަކުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް އެންޑޯފިން އުފައްދައެވެ. އެހެންކަމުން ހަކުރު ނުވަތަ ލޮނު ކެއުމަށް ޝައުގުވެރިވާ ނަމަ ކުޑަކޮށް ހިނގާލަން ގޮސް ދެން އިހުސާސްވާ ގޮތް ބަލާށެވެ.

އުމުރު ދިގުވުން (ދުޅަހެޔޮ ސިއްޙަތެއްލިބުން)

ކަސްރަތު ނުކުރާ މީހުންނަށްވުރެ ކޮންމެ ދުވަހަކު ހިނގާ މީހުން ގިނަ ދުވަހު ދުނިޔޭގައި އުޅެފައިވާކަން ދިރާސާތަކުން ހާމަވެއެވެ. އެމެރިކަން ކެންސަރ ސޮސައިޓީގެ ސައިންސްވެރިން 2017 ވަނަ އަހަރު ވަނީ ކޮންމެ ހަފުތާއަކު 150 މިނެޓު (ނުވަތަ ހަފުތާއަކު ފަސް ދުވަހު ބައިގަޑިއިރު) ހިނގާފައިދާ މީހުންބޭނުންކޮށްގެން ދިރާސާއެއް ކޮށްފައެވެ. މި ބައިވެރިންގެ މަރުގެ ނުރައްކާ 20 އިންސައްތަ ދަށްކަން އެދިރާސާއިން ފާހަގަވިއެވެ. އެހެން ދިރާސާއެއްގައި ހަތަރު އަހަރުގެ ތެރޭގައި 16،000 އަށް ވުރެ ގިނަ ބައިވެރިން ބަލާފައިވެ އެވެ. ދުވާލެއްގެ މައްޗަށް 1،000 ފިޔަވަޅު (ބައި މޭލު) ހިނގާފައިދިޔަ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު 28 ޕަސެންޓް ކުޑައެވެ. އަދި 2،000 ފިޔަވަޅު (1 މޭލު) ހިނގި މީހުންގެ އަވަހަށް މަރުވުމުގެ ފުރުސަތު 32 ޕަސެންޓް ދަށްވިއެވެ.

ނިދަން ފަސޭހަވުން

ސްލީޕް ހެލްތުން 2019 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލު ހިނގާ މީހުން ރޭގަނޑު ރަނގަޅަށް ނިދައެވެ. ޕްރޮފެޝަނަލް ސްޕޯޓްސް ޓްރެއިނަރު ޑާނާ ސެންޓާސް ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް މަދުވެގެން 20-25 މިނިޓް ހިނގާލުމަކީ ނިދި އިތުރުކުރުމަށް ފުދޭވަރެކެވެ. ނަމަވެސް އިތުރު ޞިއްޙީ ފައިދާތައް ހޯދުމަށް ޓަކައި އިތުރަށް ހިނގާބިނގާވެ އުޅެވިދާނެއެވެ.

ނިޒާމު ވަރުގަދަވުން

ފިނިމޫސުމާއި ރޯގާގެ ދުވަސްވަރު ހިނގާބިނގާވެ އުޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ހިނގާލަން ދިއުމަކީ ދިފާއީ ނިޒާމަށް ވަރަށް ބޮޑު ފައިދާއެއް ކުރާ ކަމެކެވެ. މެޑިސިން އެންޑް ސައިންސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒްގެ ދިރާސާތަކުން ދައްކާ ގޮތުގައި 30 މިނެޓުގެ ހިނގާލުމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ. އެހެން ދިރާސާއެއްގައި ވަނީ ހަފުތާއަކު ފަސް ދުވަހު 20 މިނެޓު ހިނގާ އަންހެނުންނާއި ފިރިހެނުން އެނަލައިޒްކޮށްފަ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އެމީހުންގެ ބަލި ދުވަސްތައް ހިނގާފައި ނުދާ މީހުންނަށް ވުރެ 43 ޕަސެންޓް މަދުވި އެވެ. ކަސްރަތު ކުރުމަކީ އިންފްލެމޭޝަން ދަށްކޮށް، ލޭ ދައުރުވުން އިތުރުކޮށްދޭ ކަމެކެވެ.

ހިތުގެ ދުޅަހެޔޮކަން ރަނގަޅުވުން

ކާޑިއޯގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން ރަނގަޅުވާކަން ގިނަ ބަޔަކަށް އެނގެއެވެ. ނަމަވެސް ނަމަވެސް މި ފައިދާތައް ހޯދުމަށް ބާރަށްދުވާކަށް ނުޖެހެ އެވެ. އާޓެރިއޯސްކްލެރޯސިސް، ތްރޮމްބޯސިސް އަދި ވެސްކިއުލާ ބަޔޮލޮޖީގެ ދިރާސާތަކުން ދައްކާ ގޮތުގައި ދުވުމަކީ ދުވާ ވަރަކަށް ހިތް ވަރުގަދަކޮށްދޭ ކަމެކެވެ. އެންމެ މުހިންމު ކަމަކީ ދުވާ ނުވަތަ ހިނގާބިނގާވާ މިންވަރެވެ. ދުޅަހެޔޮ ހިތެއް ލިބުމަށްޓަކައި ހަލުވިކަމާއި އެކު އަދި ކެނޑިނޭޅި ހިނގަން ޖެހެއެވެ. 2011 ވަނަ އަހަރު ސައިންސްވެރިން ނަށް އެނގުނު ގޮތުގައި ގަވާއިދުން ހިނގާބިނގާވެ އުޅުމަކީ ޒުވާން، އަދި އުމުރުން ދުވަސްވީ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ލޭ ޕަމްޕްކޮށް، ހިތަށް އިތުރު ނިއުޓްރިއަންޓްސް ފޮނުވައިދެއެވެ.

މޫޑު ރަނގަޅުވުން

ގަވާއިދުން ހިނގާ މީހުންގެ މޫޑު ރަނގަޅެވެ. އެގޮތުން 2015 ވަނަ އަހަރު ސައިންސްވެރިން ވަނީ ކޮންމެ ހަފުތާއަކު 200 މިނިޓް ނުވަތަ ހަފުތާއަކު ފަސް ދުވަހު 40 މިނިޓް ހިނގާ އަންހެނުން ބަލާފަ އެވެ. ތިން އަހަރު ފަހުން ބައިވެރިންނަށް ނަފްސާނީ ގޮތުން ރަނގަޅު އިހުސާސްތަކެއް ކުރެވުނެވެ. ހިނގާލުމުން އެންޑޯފިންސް، ކެމިކަލްތައް ބޭރުވެ، މޫޑު އުފުލައި، ވޭން ފިލުވައިދެ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް މިއީ ސިއްހަތަށް ފައިދާ ހުރި ކަމެކެވެ. 2000 ވަނަ އަހަރު ފިންލޭންޑްގެ ދިރާސާއަކުން ދައްކާ ގޮތުގައި ކަސްރަތު ނުކުރެވޭ އުމުރުން ދުވަސްވީ މީހުންނަށް ހިނގާބިނގާވެ އުޅުމުން ގިނަ ފައިދާތަކެއް ލިބެ އެވެ. އޭގެ ތެރެއިން އެއް ފައިދާއަކީ ޑިޕްރެޝަންގެ އަލާމާތްތައް ފާހަގަނުކުރެވޭ ވަރަށް މަދުވުމެވެ.

ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވުން

ފޯކަސް ކުރަން އުނދަގޫވާ ނަމަ އަވަސް ހިނގުމަކުން އެކަމުގެ ހައްލު ހޯދިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހިނގާލުމަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ނިއު މެކްސިކޯ ހައިލޭންޑްސް ޔުނިވާސިޓީގައި 2017 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހިނގާބިނގާވެ އުޅުމަކީ ސިކުނޑިއަށް ލޭ ދައުރުވުން އިތުރުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ މަސައްކަތް ތައް އިތުރުވެ ބޭކާރު ވިސްނުންތަކާ ދުރުވެވެއެވެ. މީގެ ތެރެއިން އެއްބަޔަކީ ޑިޕްރެޝަނާއި އެންޒައިޓީއަށް ހިނގާބިނގާވެ އުޅުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅުން ހުރި ކަމެއް ކަމަށް ހާވާޑް ހެލްތު ޕަބްލިޝިން އިން ބުނެއެވެ. މޫޑު ރަނގަޅުވުމުން ސިކުނޑިއަށް މައްސަލަތައް އަވަހަށް ހައްލުވެ، މުޅި ވިސްނުމުގެ ހުނަރު އިތުރުކޮށްދެއެވެ. އެހެންވެ ބްރޭކެއްގައި ހިނގާލުމުން ވޯކްފްލޯ އަވަސްކޮށްދެ އެވެ.

ހަކުރު ބަލީގެ ނުރައްކާ ކުޑަވުން

ޓައިޕް 2 ޑައިބެޓީސް ޖެހިދާނެތީ ކަންބޮޑުވާ މީހުން ކޮންމެ ދުވަހަކު ހިނގާލުން ވަރަށްމުޙިއްމެވެ. މެޑިސިންގައި 2020 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކިގޮތުގައި ހިނގާލުމަކީ ހަމައެކަނި ބަރުދަން ލުއިކޮށްދިނުމުގެ އިތުރަށް  ހިނގުމުގެ ސަބަބުން ލޭގައިހުންނަ ހަކުރު ވެސް ކޮންޓްރޯލް ކުރެއެވެ. ސިއްހީގޮތުން އެންމެ ދުޅަހެޔޮކޮށްހުރުމަށްޓަކައި ކެއުމަށްފަހު ހިނގާލާށެވެ. 2016 ވަނަ އަހަރު ސައިންސްވެރިން ނަށް އެނގުނު ގޮތުގައި ރޭގަނޑުގެ ކެއުމަށް ފަހު ހިނގާލުމަކީ ޓައިޕް 2 ހަކުރު ބައްޔާއި ޕްރީ ޑައިބެޓީސް ހުންނަ މީހުންނަށް ލޭގައި ހަކުރު ހަމައަކަށް އެޅުވިދާނެ ކަމެކެވެ. ޔުނިވާސިޓީ އޮފް އޮޓާގޯގެ ރިސާޗަރެއް ކަމަށްވާ އެންޑްރޫ ރެނޯލްޑްސް ލަފާ ދެއްވަނީ ކޮންމެ ދުވަހަކު ކެއުމަށްފަހު، ހާއްސަކޮށް ކާބޯހައިޑްރޭޓް ގިނަ ކާނާ ކެއުމަށް ފަހު ހިނގާލުމަށެވެ.

ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑަވުން

ނިއުކާސަލް ޔުނިވާސިޓީގެ ސައިންސްވެރިންނަށް 2019 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ހާމަވީ އެބައްޔާއި ހިނގާބިނގާވެ އުޅުމުގެ ވައްޓަފާޅިއާ އާދަޔާ ހިލާފު ގުޅުމެއްވާކަމުގައެވެ. މަޑުމަޑުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހުންނަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ބޮޑެވެ. ހިނގާބިނގާވެ އުޅުމަކީ ސިކުނޑި އަށް ތަރުބިއްޔަތު ލިބޭ ކަމެއް ކަމުން ގިނައިން ކަސްރަތުކޮށް، ހިނގާބިނގާވެ އުޅުން ގިނަ މީހުންނަށް ޑިމެންޝިއާ ޖެހުމުގެ ފުރުސަތު ކުޑައެވެ.

ޖޭ.އޭ.އެމް.އޭ ގައި 2004 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހިނގާބިނގާވެ އުޅުމަކީ ޑިމެންޝިއާ ގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ. މިކަމުގެ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، މޫބިލިޓީ އިތުރުވުމާއި، ހަނދާން ތޫނުވުމާއި، މުޅި ސިއްހަތު ރަނގަޅުވުން ހިމެނެއެވެ.

ވެރިކޯސް ވޭންސްގެ ފުރުޞަތު ކުޑަވުން

ވެރިކޯސްގެ ނާރުތައް އުފެދެނީ ވަލްވްސްތައް ބަލިކަށިވެ ނުވަތަ ހަލާކުވުމުންނެވެ. ގިނަ ފަހަރު މިކަން ކުރިމަތިވަނީ ގިނަވަގުތު ކޮޅަށް ހުރުމާއި، ބަރުދަން އިތުރުވުމާއި، ގިނަ އަދަދަކަށް ހަކުރު ކެއުމުންނެވެ. ނަމަވެސް އޭއޭއާރްޕީން 8 އަހަރު ވަންދެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހިނގާބިނގާވެ އުޅުމަކީ ވެރިކޯޒް ނާރުތަކުން ދުރުކޮށްދޭ ކަމެކެވެ. ހިނގާބިނގާވެ އުޅުމަކީ ބަރުދަން ލުއިކުރުން އަވަސްކޮށްދޭ ކަމެއް ގެ އިތުރުން ލޭހޮޅިތައް ވެސް ވަރުގަދަކޮށްދޭ ކަމެކެވެ. ޓެކްސަސް އެންޑޯވަސްކިއުލާ އިން ބުނި ގޮތުގައި ދުވާލެއްގެ މައްޗަށް 30 މިނެޓުގެ ހިނގާލުމަކީ ވެރިކޯޒް ގެ ނުރައްކާ ހުއްޓުވިދާނެ ކަމެކެވެ. އެކަމާ ކަންބޮޑުވާ ނަމަ ދުވުމަށް ފަހު ނުވަތަ ދިގު ހިނގާލުމަށް ފަހު ދެފައި އުފުލާށެވެ. މިކަމުގެ ސަބަބުން ފައިގައި ލޭ ޖަމާވުން ހުއްޓުވާނެއެވެ.

ޖޮއިންޓް ޕެއިން ދުރުކޮށްދޭ

ހުޅުތަކުގައި ރިއްސާނަމަ ކަސްރަތު ކުރަން ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހަލުވި ދުވެލީގައި ހިނގާލުމަކީ އެ ވޭނަށް ލުޔެއް ލިބިގެންދާނެ ކަމެކެވެ. 2019 ވަނަ އަހަރު ކުރި ދިރާސާއެއްގައި އާތުރައިޓިސް ހުންނަ ބައިވެރިން ހަފުތާއަކު ތިން ދުވަހު ހިންގުވިއެވެ. އޭގެ 6 ހަފުތާ ފަހުން އެ މީހުންގެ ގުނަވަންތަކުގައި ރިއްސުން ވަރަށް ބޮޑަށް ކުޑަވި އެވެ. ކަސްރަތުގެ ސަބަބުން ގުނަވަންތަކުގެ ވަށައިގެންވާ މަސްތައް ވަރުގަދަވެ، ވޭނާއި ދެކޮޅަށް މަސައްކަތްކުރާ ހޯމޯންތައް އިތުރުކޮށްދިނެވެ. ކުރު ކޮށް ހިނގާލުމުން ވެސް އާތުރައިޓިސް ހުންނަ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ ވޭނަށް ލުޔެއް ލިބޭނެއެވެ. ނޯތުވެސްޓަން ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ހަފުތާއަކު އެއް ގަޑިއިރު ހިނގާލުމުން ގުނަވަންތަކުގައި ރިއްސުން ކުޑަކޮށްދެއެވެ.

މުސްކުޅި އުމުރުގައި ވެސް ޙަރަކާތްތެރި މީހަކަށްވެދޭ

އުމުރުން ދުވަސްވާ ވަރަކަށް މަސްތައް ކުޑަވެ، ހިނގާބިނގާވެ އުޅުމަށް ނުކުޅެދޭންފަށައެވެ. ދުވާލެއްގެ މައްޗަށް ހިނގާލުމަކީ އެކަމަށް ލުޔެއް ލިބިގެންދާނެ ކަމެކެވެ. ބީއެމްސީ ޖެރިއެޓްރިކްސްގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހިނގާބިނގާވެ އުޅުމަކީ އުމުރުން ދުވަސްވީ މީހުން އެމީހުންގެ އަމިއްލަ ފައިމަތީ ހިނގާބިގާވެއުޅުމަށް އެހީތެރިވެދޭ ކަމެކެވެ. ގަވައިދުން ހިނގާ މީހުންގެ ފޯލްސް މަދުވެ، ފްލެކްސިބަލްކަން އިހުސާސް ކުރެވެއެވެ. ޖާނަލްސް އޮފް ޖެރޮންޓޮލޮޖީ މެޑިކަލް ސައިންސަސްގައި 10 އަހަރު ވަންދެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އިށީނދެ ތިބޭ ބޮޑެތި މީހުންނަށް އުމުރުން ދުވަސްވާ ވަރަކަށް ހިނގާބިނގާވެ އުޅެން އުނދަގޫވެ އެވެ. މިއަދު ހިނގާލާ ވަރަކަށް އުމުރުން ދުވަސްވާ ވަރަކަށް ފިޓްވެ އުފާވެރިކަން އިހުސާސް ކުރެވޭނެއެވެ.

ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުވުން

ހަލުވި ދުވެލީގައި ހިނގާލުމަކީ ހަޖަމުކުރުމުގެ ނިޒާމަށް ވަރަށްބޮޑު ފައިދާކޮށް ބަނޑުހައިހޫނުކަމަށް ލުޔެއް ހޯދައިދޭނެ ކަމެކެވެ. ސައިންސްވެރިން ވަނީ 2017 ވަނަ އަހަރު ހަޖަމްކުރުމުގެ މައްސަލަތައްހުންނަ އަންހެނުން ޓެސްޓުކޮށްފަ އެވެ. ހަފުތާއަކު ތިން ފަހަރު އެއް ގަޑިއިރު ހިންނުވިއިރު އެމީހުންގެ ބަނޑުގެ އަލާމާތްތައް ވެސް ވަރަށް ބޮޑަށް ރަނގަޅުވިއެވެ. ނިއުޓްރިއެންޓްސްގެ 2019 ވަނަ އަހަރުގެ ދިރާސާއިން ދައްކާ ގޮތުގައި ހިނގާލުމަކީ ބަނޑުގެ މަސްތައް ވަރުގަދަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ލޭ ދައުރުވާ މިންވަރު އިތުރުވުމުން ބެކްޓެރޮއިޑްސް ނަމަކަށް ކިޔާ ސިއްހަތަށް ފައިދާހުރި ބެކްޓީރިއާތައް އުފައްދަން ބަނޑަށް ބާރު އެޅެއެވެ. އަދި 20 މިނެޓުގެ ހިނގާލުމުން ވެސް އަގުހުރި ގުޓް ބެކްޓީރިއާތައް އަލުން އިއާދަކުރެވޭނެ ކަމަށް އެ ދިރާސާއިން ދެއްކިއެވެ.

ކުރިއޭޓިވްނެސް އިތުރުވުން

ސްޓެންފޯޑްގެ ސައިންސްވެރިން ވަނީ 2014 ވަނަ އަހަރު ހިނގާފައި ދާއިރު ގިނަ ބަޔަކަށް އެމީހުންގެ އެންމެ ރަނގަޅު ޚިޔާލުތައް ލިބެނީ ކީއްވެކަން ދެނެގަނެފައެވެ. އަދި ހިނގާފައި ނުވަތަ އިށީނުމަށްފަހު ބައިވެރިންގެ އުފެއްދުންތެރިކަމާ އަޅާކިޔާފައިވެއެވެ. ގިނަ ފަހަރަށް ބައިވެރިން ވަނީ ހިނގާބިނގާވެ އުޅުމަށްފަހު ގޭތެރޭގައާއި ބޭރުގައި ވެސް އިތުރު ޚިޔާލުތަކެއް ގެނެސްދީފައެވެ. މި ދިރާސާގައި ވަކިން ހާއްސަކޮށް ރިޕޯޓްކޮށްފައި ވަނީ ބްރޭންސްޓޮމިންއާ ބެހޭ ގޮތުން ކަމަށާއި، އެކްސްޓެންޑެޑް ފޯކަސް އެއް ނޫން ކަމަށެވެ. ނަމަވެސް މީހުންގެ އުފެއްދުންތެރިކަން ވަނީ 60 ޕަސެންޓް އިތުރުވެފަ އެވެ. ކްރިއޭޓިވް ޕްރޮޖެކްޓަކުން ސްޓަމްޕްވެއްޖެނަމަ ގޭތެރޭގައި ވިޔަސް ނުވަތަ ޓްރެޑްމިލްއެއްގައި ވިޔަސް ކުޑަ ވަގުތުކޮޅަކަށް ހިނގާށެވެ. އެކަމުން ލިއްބައިދޭ އިތުރު އެންޑޯފިންތަކުގެ ސަބަބުން މޫޑު ވެސް ވަރުގަދަވެދާނެ އެވެ.

ހިނގާލަން ޖެހޭނީ ކިހާ އިރަކު؟

ގިނަ މީހުން އާއްމުގޮތެެއްގައި ހިނގާފައި އުޅެނީ ދުވާލަކު 30 މިނެޓެއްހާއިރއެވެު. އެކި ދިރާސާތަކުން ވަނީ އެކި މުއްދަތުތައް ޓެސްޓްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ދިރާސާއަކީ 140،000 އަށް ވުރެ ގިނަ މީހުން ބޭނުންކޮށްގެން އެމެރިކަން ކެންސަރ ސޮސައިޓީން ކޮށްފައިވާ ދިރާސާއެވެ. ސައިންސްވެރިންނަށް އެނގުނު ގޮތުގައި ކޮންމެ ހަފުތާއަކު ދެ ގަޑިއިރު ހިނގާލުމުން މީހުން ދިގު މުއްދަތަކަށް ދިރިއުޅެއެވެ. ހަފުތާއަކު މަދުވެގެން ދެ ގަޑިއިރު ނުވަތަ ހަފުތާއަކު ފަސް ދުވަހު 25 މިނިޓް ނުވަތަ ހަފުތާއަކު ހަތަރު ފަހަރު 30 މިނިޓް ހިނގާށެވެ. އަލަށް ހިނގަންފަށާނަމަ ދިހަ މިނެޓުގެ ހިނގާލުމަކުން ފަށައި މަޑުމަޑުން ދިގުމިން އިތުރުކުރާށެވެ.

ހިނގަންވީ ކިހާ ދިގުމިނަކަށ،ް ކިހާބާރުމިނެއްގައި؟

ހިނގާލަން ޖެހޭނީ ކިހާ ވަރަކަށްތޯ ހިތަށް އަރާނަމަ ޖަވާބަކީ ވަރަށް އާދައިގެ ޖަވާބެކެވެ. ވީހާވެސް ގިނައިންނެވެ. ލޯންގް ވޯކަށް ނުރުހޭ ނަމަ އަދިވެސް މިކަން ހާސިލް ކުރެވޭނެ އެވެ. ފިޒިޝަން އަދި ޕަބްލިކް ހެލްތު ރިސާޗަރު ވިލިއަމް ޓިގްބެ ލަފާ ދެއްވަނީ މުޅި ދުވަހު ކުރު ކޮށް ހިނގުމަށެވެ. އޭގެ ސަބަބުން އެންމެ ފަހުން އެތައް ހާސް ފިޔަވަޅެއް އިތުރުވާނެއެވެ.

ހިނގާލުމުން އެންމެ ރަނގަޅު ގޮތް ހޯދުމަށްޓަކައި ހަމައެކަނި އަރާމުކޮށް ހިނގާލުމަށްވުރެ ގިނަ ކަންކަން ކުރާށެވެ. ޕާސަނަލް ޓްރެއިނަރު ޖޭއާރް ޖޯންސް ލަފާދެނީ ހިނގުމުގެ ތެރޭގައި ހިތުގެ ވިންދު މަތިކުރުމަށެވެ. ޕަވާ ވޯކް ނުވަތަ ބާރަށް ހިނގުމުން އާދަޔާ ހިލާފަށް ހަލުވިކޮށް ހިތް ޕަމްޕް ކުރާހާ ހިނދަކު ސިއްހީ ފައިދާތައްދާނ ީލިބެމުންއެވެ.

މެމޯރިއަލް ޔުނިވާސިޓީ އޮފް ނިއުފައުންޑްލޭންޑްގެ ސައިންސްވެރިން ވަނީ 2020 ވަނަ އަހަރު ހިތްހަމަޖެހޭ ރޭޓެއްގައި ހިނގާފައި ދިޔަ ބައިވެރިން ދިރާސާކޮށްފަ އެވެ. ގިނަ ބައިވެރިންނަށް "އަމިއްލަ ދުވެލީގައި" ހިނގާފައި ދިއުމަކީ ފެޓް އަންދައި، ބަރުދަން ލުއިކުރުމަށް ފުދޭ ވަރުގެކަމެކެވެ.

އޭގެ އިތުރުން އަމިއްލަ ސްޕީޑުގައި ހިނގާފައި ދިއުމަށްފަހު ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ކުޑަވި އެވެ. މުހިއްމުކަމަކީ ހިތުގެ ވިންދު އަވަސްވެ ހިތުގެ ހިނގުން އިތުރުވާ ވަރަށް އަވަހަށް ހިނގާލުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *