logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކޮވިޑުގައި ލަންކާގެ ހާލަތަށް ނުދިޔައީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން: ރައީސް

ކޮވިޑްގެ ހާލަތާ އެކު އަވަށްޓެރި ސްރީ ލަންކާއަށް  އިގްތިސާދީ ގޮތުން ކުރިމަތިވި ފަދަ ހާލަތަކަށް ރާއްޖެ ނުދިޔައީ، ކޮވިޑުގައި ސަރުކާރުން ޒިންމާ އަދާކޮށް އެޅި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހާރު ފ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އެއަތޮޅު ބިލެއްދޫގައި ހުޅުވާ އިންޖީނުގޭ ހުޅުވުމެ ރަސްމިއްޔަތުގައި ވިދާޅުވީ، ރާއްޖެ ކޮވިޑުން އަރައިގަތް ގޮތް އެހެން ގައުމުތަކުން ނަމުނާ އަކަށް ބެލި ކަމުގައެވެ.

އެ ގޮތުން އަވައްޓެރި ލަންކާގެ އެއިރުގެ ވަޒީރަކު އެމަނިކުފާނު އަރިހުގައި ލަންކާއަށް ހެދުނު ގޯހުގެ ވާހަކަ ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރު ލަންކާގެ މިނިސްޓަރެއް ވިދާޅުވި ހެދުނު އެންމެ ބޮޑު ގޯހަކީއޭރު ލަންކާގައި ފަށާފައި ހުރި އިންފްރާސްޓްރަކްޗާގެ މަސައްކަތް ހުއްޓާލުން ކަމަށް، މުޅި ރަށް ހުއްޓުމަކަށް އައޭ، ވަޒީފާތައް ގެއްލުނޭ، ވިޔަފާރިތައް ހުއްޓުނޭ،" ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ބޮޑުބޭބެ ކިޔާ ދަރިއަކާ ހަވާލާދީ ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ބޯޑަރު ބަންދުކޮށް، ފަތުރުވެރިންނަށް ހުޅުވާނުލައި ދިގު ދެންމުން ވެސް އޭނާ ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއާ ހިލާފަށް ރާއްޖެ މިއަދާ ހަމައަށް އާދެވިފައި މިއޮތީ އޭރު ނެގުނު ޑިސިޝަންތަކެއްގެ ސަބަބުންނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ދުވަސްވަރު ސީޝެލްސްގެ ރައީސް ފޯނުން ވާހަކަ ދައްކަވައި، ރާއްޖެއިން ކޮވިޑް މެނޭޖްކުރިގޮތް އޮޅުން ފިލުއްވި ކަަމަށެވެ.

އަދި ކޮވިޑަށްފަހު ސީޝެލްސްގެ ރައީސާ ބައްދަލުވުމުން، އެގައުމުން ކޮވިޑް މެނޭޖް ކުރުމުގައި ބަލަމުންއައީ ރާއްޖެއިން އަމަލު ކުރި ގޮތް ކަމަށް ސީޝެލްސްގެ ރައީސް ވިދާޅުވި ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ.

" ސީޝެލްސްއިން ބަލަމުން ގެންދިޔައީ ރާއްޖެއިން ކަން ކުރާ ގޮތަށް، ބުނީ،  ރާއްޖެ އަޅާ ކޮންމެ ފިޔަވަޅެއް ބަލައި އެގޮތަކަށޭ ތިމަންނަމެން ކަން ކުރަމުން ދިޔައީ، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ތިމަންނަމެންނަށް ފެނުނީމައޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެގޮތަށް ކަންކުރުމުގައި ހިޔާލުތަފާތުވުންތައް ހުރިނަމަވެސް އެ ހުރިހާ ހިޔާލަކާއި މަޝްވަރާއެއް އެއް ކުރީމާ ކުރިއަށް އަޅަން ޖެހޭ ޖެހޭ ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާ ކަމަށެވެ.

ފ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސް އެ އަތޮޅުގެ ގިނަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރައްވަމުން ގެންދަވައެވެ.  މިދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ވަޑައިގަންނަވާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *