logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ވާގްނާ ސިފައިންގެ މީހަކު

ބަޢާވަތް ނާކާމިޔާބުވެ، ވާގްނާ ހަނގުރާމަވެރިން ބެލަރޫސަށް

ރަޝިޔާ ގައި ހަރަކާތްތެރިވާ ކުލީ ސިފައިންތަކެއް ކަމަށްވާ ވާގްނާ ސިަފައިން ކުރަން އުޅުނު ބަގާވާތް ނާކާމިޔާބުވެ 24 ގަޑިއިރު ނުވަނީސް ރޮސްޓޮވް އޮން ޑޮން ސިޓީ ދޫކޮށް ދާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ޖަމާއަތުގެ ލީޑަރު ޔެވްޖެނީ ޕްރިގޯޒިން އޭނާގެ ހަނގުރާމަވެރިންނަށް އިރުޝާދު ދެއްވީ އިތުރު ލޭ އޮހޮރުވުންތަކުން ސަލާމަތްވުމުގެ ގޮތުން އެނބުރި ޔޫކްރޭނަށް ދިއުމަށެވެ.

އަދި ޕްރިގޯޒިން މިހާރު އަވަށްޓެރި ބެލަރޫސްއަށް ބަދަލުވެ، އޭނާ އާއި އޭނާގެ ސިފައިންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކުރާނެ ކަމަށް ބުނެފައިވެއެވެ.

ވެގްނާ ގްރޫޕަކީ ރަޝިޔާގެ އަސްކަރިއްޔާއާ އެކު ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ކުލީ ސިފައިންގެ އަމިއްލަ ލަޝްކަރެކެވެ. ހަނގުރާމަ ކުރިއަށްދާ ގޮތާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދުމުގެ ސަބަބުން އެ މީހުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުން ދިޔައިރު، ފަހަކަށް އައިސް ޕްރިގޯޒިން ވަނީ ރަޝިއާގެ އަސްކަރީ ލީޑަޝިޕަށް ފާޅުގައި ފާޑު ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ޔޫކްރެއިންގައި ހުންނަ އެމީހުންގެ ފީލްޑް ކޭމްޕްތަކުން ވާގްނާ ކުލީ ސިފައިން، ބޯޑަރު ހުރަސްކޮށް ދެކުނުގެ ސިޓީއެއް ކަމަށްވާ ރޮސްޓޮވް-އޮން-ޑޮންއަށް ވަނުމުން ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހިނގި ހާދިސާތަކުގައި ސަރަހައްދީ އަސްކަރީ ކޮމާންޑުގެ ކޮންޓްރޯލް އަތުލައި، މޮސްކޯއާ ދިމާލަށް އިތުރަށް އުތުރުގައި އޮންނަ ސިޓީއެއް ކަމަށްވާ ވޮރޯނޭޒްގެ އަސްކަރީ މަރުކަޒުތައް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

ކުލީ ސިފައިން ވެރިރަށާ ދިމާލަށް ހިނގަން ފެށުމުން ކްރެމްލިން އިން ވަނީ މޮސްކޯ ގެ އިތުރުން އެކި ސަރަހައްދުތަކުގެ ސަލާމަތީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. މޮސްކޯގެ މޭޔަރު ވަނީ ދަތުރުފަތުރު ނުކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ވާގްނާ ސިފައިންނާ ދެކޮޅަށް ޗެޗެން ސިފައިން މޮސްކޯއަށް ދަތުރުކުރާކަމުގެ އިންޒާރު ދީފައެވެ.

ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ރަޝިއާއަށް "ހިޔާނާތްތެރިވި" މީހުންނަށް އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރަޝިއާގެ ޓީވީ ޗެނަލެއް ކަމަށްވާ ރޮސިއާ 24 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެލަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯ އާއި ޕްރިގޯޒިން އާ ދެމެދު ބޭއްވި މަޝްވަރާތަކަށް ފަހު ހޮނިހިރު ދުވަހުގެ ރޭ ވަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް؛ އެއްބަސްވުމެއް އުފެދިފައެވެ.

އޭގެ ފަހުން ވާގްނާ ސިފައިން ރޮސްޓޮވް ދޫކޮށް ދާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، ސަޕޯޓަރުންގެ ފަރާތުން މަރުހަބާއާއި ސަލާމް ކުރަމުން ދަނިކޮށް އެ މީހުންގެ ލީޑަރު ދުރަށް ޖައްސާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ މި ހާލަތު "މުޅިން ހަލަބޮލި" ކަމެއްގެ ގޮތުގައި ސިފަކުރައްވައި ކްރެމްލިން އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ފިއްލަވާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ހޮނިހިރު ދުވަހު ފްލައިޓް ޓްރެކިން ޑޭޓާއިން ރިޔާސީ ދެ މަތިންދާބޯޓެއް މޮސްކޯއިން ފުރައިގެން ދިޔަ މަންޒަރު ފެނުމުން ޕޫޓިން މޮސްކޯ ދޫކޮށް ފިއްލަވާފައިވާ ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް ޕުޓިންގެ ޕްރެސް ސެކްރެޓަރީ ޑިމިޓްރީ ޕެސްކޯވް ވަނީ ކްރެމްލިންގައި އަދިވެސް ރައީސް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

އަދި ޕްރިގޯޒިން ހައްޔަރުކުރުމުގެ އަމުރު ބާތިލްކޮށް، އޭނާއާއި އޭނާގެ ސިފައިންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާ ނިމުމަކަށް ގެންނާނެ ކަމަށް ވެސް ޕެސްކޯވް ވަނީ ވިދާޅުވެފައެވެ. އަދި ރަޝިއާގެ ދިފާއީ ވުޒާރާއާއެކު އެއްބަސްވުންތަކުގައި ސޮއިކުރަން ބޭނުންވާ ވާގްނާ ކުލީ ސިފައިންނަށް އަދިވެސް އެކަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *