logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ލޮލަށް ވެއްޓޭ އެއްޗެހި ތިނަގަނީ ކިހިނެއް؟

ލޮލަށް އެއްޗެއް ވެއްޓިއްޖެނަމަ ދެން އެހެން ކަމެއް ނުކުރެވޭ ވަރަށް އުނދަގޫވޭ ދޯ އެވެ.

ލޮލަށް، އެސްފިޔައެެއް ނޫނީ ކުނިކޮޅެއް، ނޫނީ ވެލިފުކެއްް ނޫނީ ކުޑަ ސޫއްޕެއް ވެސް ވެއްޓިދާނެއެެވެ. އެވެ. އެއްޗެއް ވަނުމާއެކު، ލޮލުން ފެން އައިސް ލޯ ކަހަން ފަށައެެވެ. އަދި ނޭނގި ނަމަވެސް ގިނަގިނައިން އެސްފިޔަޖަހާ އެއެއްޗެއް ބޭރުކުރެވޭތޯ މަސައްކަތް ކުރެވެއެވެ. އަދި އެގޮތަށް ނުވިއްޔާ އިނގިލި ނޫނީ އެއްޗެއް ލޮލަށް ބާނައިގެން ވެސް ވެއްޓުނު އެތި ނަގަން އުޅެވެއެެވެ.

އެކަމަކު ލޮލަށް އެއްޗެއް ވެއްޓުމުން ސިއްހީގޮތުން ކުރަންވީ އެންމެ ރަނގަޅު ކަމަކީ ކޮބާބާ އެވެ.

ގުދުރަތީގޮތުން ވާ ގޮތް

ލޮލަށް ވެއްޓޭ އެއްޗެއް ބޭރުކުރުމަށްޓަކައި ގުދުރަތީ ގޮތުން ލޯ ރައްކާތެރިކޮށްދޭ ނިޒާމަކީ ކަރުނައެވެ. އެއްޗެއް ޖެހޭއިރަށް ގުދުރަތީގޮތުން ލޮލުން ކަރުނަ އުފައްދަ އެވެ. ގިނަފަހަރަށް، ވެއްޓޭ އެއްޗެއް ކަރުނަ އާއި އެކީ ބޭރުވެއެވެ. އެހެންނަމަވެސް އެގޮތަށް ބޭރުނުވާ ފަހަރުވެސް އާދެއެވެ. އެކަހަލަ ހާލަތުގައި މިހެން ހެދިދާާނެ ކަމަށް މާހިރުން ބުނެއެެވެ. 

ލޯ ނުއުނގުޅާ އަދި ލޮލަށް އެއްޗެހި ނުކޮއްޕާ!

ލޮލުތެރޭގައި އެއްޗެއް އޮއްވާ ލޯ އުނގުޅުމުގެ ސަބަބުން ލޮލުގެ އެންމެ ބޭރު ފަށަލައިގައި ކޫރުން އެޅުން ގާތެވެ. ކޫރުމެއްގެ ސަބަބުން ލޮލުގައި ރިއްސާ، އުނދަގޫ އިހުސާސްވެ، ރަތްވުން އަދި އައްޔަށް ސެންސިޓިވް ވުމަކީ އެކަށީގެންވާކަމެކެވެ. އެފަދަ ހާލަތުގައި ލޮލަށް އިތުރު އެއްޗެއް ބާނައިފި ނަމަ އިތުރަށް ގެއްލުން ވެދާނެއެވެ. 

ޓްވިޒާ، އަނގޮޓި، ބޮނބިނަރު ފަދަ ތަކެތި ލޮލަށް ނުކޮއްޕާށެވެ. ސަބަބަކީ އޭގެ ތޫނުކޮޅެއް ހެރި އިތުރުގެއްލުމެއް ވުމުގެ އިތުރުން ހުރެދާނެ ޖަރާސީމެއްގެ ސަބަބުން އިންފެކްޝަންއެއް އުފެދިދާނެތީއެވެ.

އަދި ކޮންޓެކްޓް ލެންސް ލައްވާ މީހުން، ލޮލަށް އެއްޗެއް ވެއްޓުމުން  އަވަހަށް ލެންސް ނެގުން ވެސް މުހިއްމެވެ.

ލޮލުގަ އަތްލުމުގެ ކުރިން އަތްދޮންނަންވާނެ

ދިރާސާތައް ދައްކާ ގޮތުގައި 3000 އަށް ވުރެ ގިނަ ޖަރާސީމް އަތުގައި ހުރެއެވެ. ލޮލު ތެރޭގައި އަތް ނުދޮވެ އަތް ލުމުން އިންފެކްޝަންއެއް ޖެހިދާނެއެވެ. އިންފެކްޝަންގެ ބައެއް ނިޝާންތަކަކީ ލޯ ރަތްވުމާއި، ދުޅަވުމާއި، ކެހުމެވެ.

އެހެންކަމުން ލޮލުގައި އަތްލުމުގެ ކުރިން އަބަދުވެސް ސައިބޯނި ލައިގެން އަތް ރަގަނޅަށް ދޮވުން މުހިއްމެވެ.

ލޮލު ތެރެ ރަގަނޅަށް ބެލުން

ލޮލަށް ވެއްޓޭ އެއްޗެއް އޮތީ ކޮންތާކުތޯ ރަނގަޅަށް ބަލަން ވާނެއެވެ. އޭރުން އެއެއްޗެއް ނަގަން ފަސޭހަ ވާނެއެވެ.

ލޯގަނޑު ކުރިމަތީގައި ހުރެ ކޮޅުކޮޅަށް ލޯހިންގާ ވެއްޓުނު އެތި އޮތްތަން ރަނގަޅަށް ދެނެގަންނަންވާނެއެވެ.

ލޮލަށް ވެއްޓޭ އެއްޗެއް ހޯދަން އުނދަގޫ ވާނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. ފަހަރުގައި އެއްޗެއް ވެއްޓިފައި ނެތި ހިނގައިދާނެއެވެ.

ބައެއް ފަހަރު ލޯ ހިކުމުގެ ސަބަބުން އެއްޗެއް ލޮލު ތެރޭ އުޅޭކަމުގެ އިހުސާސް ވާނެއެވެ. އެފަދަ ކަންކަން ޑޮކްޓަރު ބަލާފައި ކިޔައިދޭނެއެވެ.

ލޮލަށް ވެއްޓުނީ ކުޑައެއްޗެއްް ނަމަ އަމިއްލައަށް ނެގިދާނެ ގޮތް

ލޮލަށް ވަންނަ އެއްޗަކީ ކުނޑި ކޮޅެއް، މޭކަޕް ކޮޅެއް ނުވަތަ އެސްފިޔައަކަށް ވެސް ވެދާނެއެވެ. މިފަދަ ހާލަތުގައި އަމިއްލައަށް އެއެއްޗެއް ނެގޭތޯ މަސައްކަތްކުރެވޭނެއެވެ.

މިގޮތުން އެންމެ ރަނގަޅު ގޮތަކީ ސާފު ފެނުން ލޯ ދޮވެލުމެވެ. ބޯތައްޓަކަށް ފެން އެޅުމަށްފަހު ފެނުގެ ކައިރިފަށާއި ލޯ ހަމަކޮށްލާށެވެ. އެއަށް ފަހު ލޯ މަރާ ހުޅުވާލާށެވެ. އޭރުން ލޮލުތެރޭ އުޅޭ އެތި ނުކުންނާނެއެވެ.

މިގޮތުންވެސް ބޭރުނުވާ ކަމުގައި ވަނީ ނަމަ އިސްކުރުން އަންނަ ފެނާއި ލޯ ކައިރި ކޮއްލާ ލޮލަށް ފެން އޮހޭގޮތަށް އިސްކުރުން ދޮވެލާނީއެވެ.

މާ ހޫނުފެނުން ލޯ ނުދޮންނާށެވެ. ތާފަނާފެން ބޭނުންކުރެވިދާނެ އެވެ.

މާ ބޮޑު އެއްޗެއްނަމަ ނުވަތަ ހެރި، މާބޮޑަށް ތަތްލާފައިވާ އެއްޗެއް ނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދަންވާނެ

ލޮލަށް ވަންނަ އެއްޗެއް ބޭރުނުކުރެވޭނަމަ ނުވަތަ ލޮލުގެ ފެނުން ފަނޑުވާ ނަމަ ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. މީގެ އިތުރުން ލޮލަށް ވަންނަ އެތި ބޭރުކުރާތާ 30 މިނަޓު ހަމަވުމަށްފަހު ލޮލުގައި ރިއްސާ، އުނދަގޫ ވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާން ވާނެ ކަމަށް ޑޮކްޓަރުން ބުނެއެެެވެ.

ލޮލުގެ ބޭރު ފަށަލަ ކަމުގައިވާ ކޯނިޔާއަށް ވަދެފައިވާ އެއްޗެއްނަމަ އަމިއްލައަށް ނަގަން ނޫޅޭކަށް ނުވާނެއެވެ. އެފަދަ ކަމެއް ކުރަނިކޮށް އިތުރު ޒަހަމްތަކެއް ވުން ގާތެވެ.

ފުންކޮށް ލޮލަށް ވަންނަ އެއްޗެއްގެ ސަބަބުން އައިބެއްވުން އެކަށީގެންވެއެވެ. މިފަދަ އެއްޗެހި ލޮލުން ނަގާނީ ވިޓްރިއޯ ރެޓީނަލް ސަރޖަން އެކެވެ.

ޑޮކްޓަރުން ބައޯމައިކްރޮސްކޯފް ނުވަތަ ސްލިޓް ލޭމްޕެއް ބޭނުންކޮށްގެން ލޮލުގެ އެތެރެ ބެލުމަަށް ފަހު، ލޮލަށް ވެއްޓުނު އެތިކޮޅު އިނީ ލޮލުގެ ތެރޭގައި ތާށިވެފައިތޯ އާއި އެ ނެގޭނެ ގޮތަކީ ކޮބައިތޯ ބަލައި އެ ނަގައިދޭން މެޑިކަލީ އެންމެ ރަނަގޅު ގޮތައް މަސައްކަތް ކުރާނެ އެވެ.

ލޮލަށް އެއްޗެއް ވެއްޓުމުން ތެޅިގަނެގެން ލޮލަށް އެއްޗެހި ނުބާނާ، ހަމަޖެހި، ވެއްޓުނު އެތި ހޯދާ، ފެނުން ދޮވެ، އެގޮތަށް ނުނެގިއްޖެ ނަމަ، ދެން ސިއްހީ ފަރުވާ ހޯދުމަކީ މުހިންމުކަމެކެވެ. ލޮލަށް ގެއްލުމެއް ލިބިދާނެ ފަދަ މަސައްކަތްކުރާ މީހުން ސަލާމަތީ ފިޔަވަޅު އެޅުމަކީ ވަރަށް މުހިއްމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *