logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ފްރާންސުގެ ފުލުހުންނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

ފްރާންސްގެ ހަމަނުޖެހުން: ހާހެއްހާ މީހުން ހައްޔަރަށް

ފްރާންސްގެ އެކި ސިޓީތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހަމަނުޖެހުންތަކުގައި ކާރުތަކާއި އިމާރާތްތަކުގައި ރޯކޮށް، ފިހާރަތައް ލޫޓުވައިފިއެވެ. 900 އަށް ވުރެ ގިނަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ކަމެއް ފެށުނީ ފުލުހުން، 17 އަހަރުގެ ކުއްޖަކު މަރާލުމައި ގުޅިގެންނެވެ.

ފްރާންސްގެ ދާހިލީ ވުޒާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރާންސްގެ އެކި ސަރަހައްދުތަކުން 994 މީހަކު ހައްޔަރުކޮށްފައިވެއެވެ. ހުކުރު ދުވަހު 45،000 ފުލުހުން ހަރަކާތްތެރިވި ނަމަވެސް ލިޔޯން، މާސޭ އަދި ގްރެނޯބަލް ފަދަ ސިޓީތަކުގައި ޒުވާނުންގެ ގްރޫޕްތަކުން ފިހާރަތަކުން ވައްކަންކޮށް، އަލިފާން ރޯކުރިއެވެ.

އޭގެ ތެރޭގައި ޕެރިސް ސަރަހައްދުގެ ޝޮޕިން މޯލެއްގައި ފާސްޓްފުޑް އައުޓްލެޓެއްގެ ބިއްލޫރިގަނޑު ތަޅާލައި، ބަންދުކޮށްފައިވާ ފިހާރައަކަށް ވަންނަން މަސައްކަތްކުރިއެވެ. އެކަން ހުއްޓުވަން އޮފިސަރުން ކަރުނަ ގޭސް ބޭނުންކުރިއެވެ. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް މި ހާލަތު އަދިވެސް އޮތީ ނުތަނަވަސް ހާލަތެއްގައެވެ.

ނަހެލް އެމްގެ ގަޔަށް ފުލުހުން ބަޑިޖަހާ މަރާލި ވީޑިއޯ އާއްމުވުމުން ފްރާންސްގެ ރައްޔިތުން ތިބި ހައިރާންވެފައެވެ. އޭގެ ސަބަބުން އެގައުމުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ނިކަމެތި އަވަށްތަކުގައި ދިރިއުޅޭ ޒުވާނުންނާއި ފުލުހުންނާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އަދި ފަރަންސޭސި މުޖުތަމައުގައި ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަ ވެސް މިއާއެކު އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ.

މިހާރު ދިމާވެފައިވާ ހާލަތަށް ހައްލެއް ހޯއްދެވުމަށް ފްރާންސްގެ ރައީސް އެމަނުއެލް ހުކުރު ދުވަހު ވަނީ ކްރައިސިސް ބައްދަލުވުމެއް ބާއްވައިފައެވެ. ހަމަނުޖެހުންތައް ހިނގި ނަމަވެސް މެކްރޮން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނެއް ނުކުރައްވައެވެ. އަދި އޭގެ ތެރެއިން ބޮޑު ބަޔަކީ ޒުވާން ކުދިން ކަމަށްވާތީ، ހަމަނުޖެހުން ހިންގާ ކުޑަކުދިންގެ  ޒިންމާ ބެލެނިވެރިން އުފުލުމަށް އޭނާ ގޮވާލެއްވިއެވެ.

ޓިކްޓޮކް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ގުޅިގެން އެ ޕްލެޓްފޯމްތަކުގެ ހިދުމަތުގެ ޒަރިއްޔާއިން "ކޮޕީކެޓް ވަޔަލެންސް" ފެތުރުން ކޮންޓްރޯލް ކުރާނެ ކަމަށް މެކޮރޯން ވިދާޅުވިއެވެ.

ނަހެލްގެ ޖަނާޒާ މިއަދު ޕެރިސްގެ އަވަށެއް ކަމަށްވާ ނަންޓެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަނާޒާގެ ސަބަބުން ހާލަތު ހަމަޔަކަށް އެޅުން އެކަށީގެންވެއެވެ. ނަމަވެސް އެކަމުގެ ޔަގީންކަމެއް ނެތެވެ.

އާއިލާގެ ވަކީލުން ވަނީ ނަހޭލްގެ ޖަނާޒާ ކަވަރު ނުކުރުމަށް ނޫސްވެރިން ގާތު އެދިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *