ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސައުދީއަށް ފުރާވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރަކީ ސައުދީގެ ހައްޖާ ގުޅޭ މިނިސްޓަރު ތައުފީގް ބިން ފައުޒާގެ ދައުވަތަކަށް ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ދަތުރަށް ފުރާ ވަޑައިގަތުމުގެ ކުރިން ޝަހީމް މީޑިއާއަށް ވިދާޅުވީ، ހައްޖާ ގުޅޭ އެއްބަސްވުމެއްގައި އެ ގައުމުގެ ހައްޖު މިނިސްޓްރީއާ އެކު ސޮއިކުރާނެ ކަމަށާއި ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ލިބޭ ހިދުމަތްތައް ރަނގަޅުކުރުމަށް ވެސް މަސައްކަތް ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ހައްޖު ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ އެކި ޖަމާއަތްތަކާއި އިސްލާމީ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރައްވާނެ އެވެ.
މިސަރުކާރުން ވަނީ ރާއްޖެއިން މީހުން ޙައްޖަށް ގެންދާނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނި ކަމަށް ނިންމާފައެވެ.