logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މި ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެ އުއްމީދު ގެއްލިއްޖެ: ރައީސް ސޯލިހު

ރާއްޖޭގެ ރައްޔިތުން މިހާރު ތިބީ މި ސަރުކާރު ގެނެވުނީތީ ކަންބޮޑުވެފަކަމަށާއި ސަރުކާރާ މެދު އޮތް އުއްމީދު ގެއްލި، މާޔޫސްވެފައިވެއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިން ނިންމުމަށް ބޭއްވި ޖަލްސާގައި ސޯލިހު ވަނީ، މި ސަރުކާރަށް ފާޑުވިދާޅުވެ ގިނަ ވާހަކަތަކެެއް ދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ، މި ސަރުކާރުގެ ސަބަބުން ރާއްޖެއަށް ގެއްލުން ވަމުންދާ ކަމަށާއި އެކަމާ އަޅާނުލާ ދެން ނުތިއްބެވޭނެކަމަށް ވިދާޅުވެފައެވެ.

"މިހައިތަނަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ، ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ ވަގުތުކޮޅެއް ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އަދިވެސް ހިތަށް އަރާ ބައެއް ފަހަރު، އަދިވެސް ކުޑަވަގުތުކޮޅެއް އަޅުގަނޑުމެން ބަލައިލަންވީއޭ، އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ދެން ބަލަން ތިބެވޭކަށް އޮތް ހެނެއް،" ސޯލިހު ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީކުރަން އެމްޑީޕީ އަލުން ނުކުންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ގިނަ ސަބަބުތަކެއް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ.

އެފަދަ އެއް ކަމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބޮޑުބައި މިހާރުގެ ސަރުކާރުން ހުއްޓައިލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު އެދިވަޑައިގެންނެވީ ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެ މަސައްކަތް އެމްޑީޕީން ނުކޮށްފި ނަމަ ރާއްޖެ ބޮޑު އަނދަވަަޅަކަށް ވެއްޓޭނެ ކަަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ސަބަބުން ލިބެމުންދާ އަނެއް ގެއްލުމަކީ ސޯލިހު ތުހުމަތުކުރެއްވި ގޮތުގައި ރާއްޖޭގެ ހާރިޖީ ގުޅުން ގޯސްވަމުން ދިއުމެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އިޝާރާތް އެ ކުރެއްވީ އަވަށްޓެރި އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވާތީ އެކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ފެށްޓެވި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ދޫކުރި ގޯއްޗާއި ފްލެޓް ހަވާލުކުުރުން ސަރުކާރުން ލަސްކުރާތީ އެކަމަށް ވެސް ވަަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި ފްލެޓާއި ގޯތި ހަވާލުކުރުން ލަސްކުރާ މައްސަލަ ހައްލުކުރެވޭނީ މާލޭގެ މޭޔަރަކަށް އާޒިމް އިންތިހާބުކޮށްގެންކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *