logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

"ހިޔަލަ ވީކެންޑް މަރކެޓް" މިއަދު ފަށަނީ

އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ "ހިޔަލަ ވީކެންޑް މަރކެޓް"މިއަދު ހަވީރު ފަށާނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި މަރކެޓް، ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ދާނޭކަމަށް ބީސީސީން ބުނެއެވެ.

އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި ވީކެންޑް މަރކެޓް ކުރިއަށްދާނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. މި މަރކެޓް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:30ގައެވެ. މި މަރކެޓް ރަސްމީކޮށް ފައްޓަވައި ދެއްވާނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢާއިޝަތު ޝިހާމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި މަރކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު މި ދެދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. "ހިޔަލަ ވީކެންޑް މަރކެޓް"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ހިޔަލަ ވީކެންޑް މަރކެޓަކީ ހަފްތާ ސާދައިގެ މަގު ޗާޓުގައި އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ވެފައިވާ ވަޢުދުގެ ދަށުން ބީސީސީން ކުރިއަށްގެންދާ މަރކެޓެކެވެ. މި މަރކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނޭކަމަށް ބީސީސީން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ