logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ވިލިމާލެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކޮށް، ރައްކާތެރިތަނަކަށް ހަދަނީ

ވިލިމާލޭގައި ޢާއްމުން މޫދަށް އެރުމަށް މިހާރު އޮތް ސަރަޙައްދު ހިމާޔަތްކޮށް، އެތަަނަކީ ރައްކާތެރި ތަނެއްކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު އެހެން ވިދާޅުވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

ވިލިމާލެ މޫދަށް އެރޭ ސަރަހައްދަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން ރައިސަށް ހިޔާލު ހުށަހެޅުއްވީ ނ.ކުޑަފަރީ، ލަކީކޯނަރ، ޒޫނާ ނަސީމްއެވެ. އޭނާ ވަނީ ވިލިމާލޭގައި މިހާރު ކުޑަކުދިންނާއި ޢާއްމުން މޫދަށް އެރިލަން އޮތް ހަމައެކަނި ސަރަޙައްދު ޙިމާޔަތްކޮށްދިނުމަށް އެދިފައެވެ. އަދި ކުޑަކުދިންނާއި ޒުވާނުން މޫދަށް އެރި އުޅޭ ވަގުތުތަކުގައިވެސް އެސަރަޙައްދުގައި ކަނޑު އުޅަނދުތައް ދުއްވާކަންވެސް އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ.
މޫދު ކުޅިވަރުގެ ދާއިރާ ކުރިއަރުވާ އެދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުގައި އުޅޭ ޒޫނާ ވަނީ މޫދު ކުޅިވަރުގެ ދާއިރާއާ ގުޅޭ ޚިދުމަތްތައް ވިލިމާލޭގައި ޤާއިމްކުރުމަކީވެސް އެކަމުގެ ފައިދާ ރައްޔިތުންނަަށް ލިބޭނެކަމެއްކަން ފާހަގަކޮށްފައެވެ.

ޒޫނާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ގިނަ ބައެއްގެ ކަންބޮޑުވުމާއި ގުޅިފައިވާކަމެއްނަމަ ސަރުކާރުން އެކަމަކަށް އިސްކަންދެއްވާނެކަމަށެވެ. އަދި ވިލިމާލޭ ޢާއްމުން މޫދަށް އެރޭނެ މާގިނަ ސަރަޙައްދުތަކެއް ނެތުމުން ވިލިމާލޭގައި މިހާރު މޫދަށް އެރެން އޮތް ސަރަޙައްދު ޙިމާޔަތްކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ.

"ވިލިމާލޭގައި ނެތް މާގިނަ ސަރަޙައްދެއް މޫދަށް އެރޭނެ ތަންތަނެއް. ޒޫނަ ތިވިދާޅުވިގޮތަށް ވިލިމާލޭގައި އެސަރަޙައްދު މޫދަށް އެރެވޭގޮތަށް ޙިމާޔަތްކުރުމަކީ މުހިއްމުކަމެއް. އެއީ ގިނަ ބަޔަކަށް ފައިދާކުރާނެކަމެއް ކަމުގައިވާތީ އެކަން ކުރަން ނިންމާފައިވާކަމެއްކަމުން ޒޫނާގެ ރިކުއސްޓާއެއްގޮތަށް އެކަން ހަމަޖެހިގެންދާނެ. " ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫދު ކުޅިވަރުތަކާއި ގުޅޭ އެކި އެކި ތަމްރީންތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ވަޞީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޤާއިމުކޮށްދެއްވާނެކަމަށެވެ. އަދި އެކަމުގައި ވަކި ފަރާތެއް ތަފާތުކުރުމެއް ނެތި ފުރުސަތުވެސް ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވިލިމާލޭގެ އިތުރުން މިކަމަށް ބޭނުންވާ ބިން މާލޭގެ އެހެނިހެން ސަރަޙައްދުތަކުންވެސް ޖަގައޮތް ދިމަދިމާލުގައި ހަމަޖައްސާދޭނަން." ރައީސް ވިދާޅުވިއެވެ.

ސިލްސިލާކޮށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" އަކީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވާގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރައީސް އޮފީހުން ބުނީ ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް މިންވަރަކުން ރައްޔިތުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވަމުން ގެންދަވާނެކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *