އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިޔަށްދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފަށައި އެކަން ކާމިޔާބުކުރާނެ ކަމަށެވެ.
"މިގޮތުން އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިޔަށްދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން. ހަމައެއާއެކު، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫޢުތައް މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނަން." އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ރައީސް ވިދާޅުވީ ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރަން މިއަހަރު ފެށުމާއެކު، ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަންޖެހޭ ހޭދަ މި ސަރުކާރުން ލުއިކޮށްދޭނެ ކަމަށެވެ. އެމަނިކުފާނު ސަރުކާރާ ހަވާލުވެ އެންމެ ފުރަތަމަ ނިންމި ކަންކަމުގެ ތެރޭގައި އަތޮޅުތަކާ ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"ހިޔާ ފުލެޓްތަކުގެ 7000 ހައުސިން ޔުނިޓުގެ ފިނިޝިން ހަރަދު ފުލެޓުގެ އަގުން މިހާރު ވަނީ އުނިކުރެވިފައި. ހިޔާ ފުލެޓްތަކުގެ 7000 ހައުސިން ޔުނިޓްގެ ފިނިޝިން ހަރަދުގެ ގޮތުގައި 200،000 ރުފިޔާ ކަމަށް ބަލައި، ޖެނުއަރީ 2024 އިން ފެށިގެން ހަތް އަހަރު ދުވަހަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު 5500 ރުފިޔާ އިން 3984.21 ރުފިޔާއަށް ވަނީ ކުޑަކުރެވިފައި. މިގޮތަށް ކުޑަކުރުމުން 110،526 ރުފިޔާ ފުލެޓްގެ އަގުން ކުޑަކޮށްދެވޭ. އަދި ބާކީ 89،473 ރުފިޔާ ކުޑަކުރުމުގެ ގޮތުން ފުލެޓްގެ އަގު ދައްކަން ދީފައިވާ 27 އަހަރުން އެއް އަހަރު އުނިކޮށް 26 އަހަރަށް ވަނީ ކުރުކޮށްދެވިފައި." ހިޔާ ފްލެޓްތަކުގެ ކުއްޔަށް ގެނައި ބަދަލުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފުލެޓްތަކުގެ ޑައުންޕޭމެންޓުން 50 ޕަސަންޓް ކުޑަކޮށް މަހު ކުލިން އެވްރެޖްކޮށް 4200 ރުފިޔާ ވެސް މިހާރު ވަނީ ކުޑަކުރެވިފައިވާ ކަމަށާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ފުލެޓްތަކުގެ ކުލިން 20 ޕަސަންޓް ކުޑަކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސިފައިންނާއި ފުލުހުންގެ ފުލެޓުގެ ކުލި ދައްކަން ފެށުން އެއް އަހަރު ދުވަހަށް ފަސްކޮށްދެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖޫރިމަނާ ވެސް މިހާރ މައާފުކުރެވިފައިވާ ކަމަށެވެ.
ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވީ ފަސް ޕަސަންޓަށް ވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި ގެދޮރު އެޅުމަށާއި ގެދޮރު މަރާމާތު ކުރުމަށާއި ފްލެޓް ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.
އަދި ކޮންމެ ފަހަރަކު ގޯތި ހޯދަން ކުރިމަތިލާން ރައްޔިތުންނަށް ޖެހޭ ތަކްލީފް ކުޑަކޮށްދިނުމަށްޓަކައި، ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓްރީއާއި ހާލަތު އަބަދުވެސް އަދާހަމަވަމުންދާ ހާއްސަ ޕޯޓަލްއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.