logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގައްދޫ އާއި މާވަރުލު އެއާޕޯޓު އެއްގަމުން ގުޅާލަދޭނަން: ރައީސް

ގދ. ގައްދޫ އާއި ގދ. މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލުމަށް ވައުދުވެވަޑައިގެންވި ގޮތަށް އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިވަގުތު އައްޑޫ ސިޓީ ހިމެނޭހެން ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ގައްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ގައްދޫގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ބިން ހިއްކުމުގެ މަޝްރޫއަކީ މުހިންމު މަސައްކަތެއް ކަމަށާއި އެކަން މި ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.

އަދި ގައްދޫ ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް އިތުރު މަސައްކަތް ކުރަންޖެހޭ ކަމަށާއި އެ މަސައްކަތްތަކަށް ފަހު މާވަރުލު އެއާޕޯޓާއި ގައްދޫ އެއްގަމުން ގުޅާލާނެ ކަމަށެވެ. އެގޮތުން ގައްދޫ ބިން ހިއްކުން މިއަންނަ އަހަރު ކުރިއަށް ގެންގޮސް އެއާޕޯޓު ގުޅާލުމުގެ މަސައްކަތް މި އަންނަ އަހަރު ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއާޕޯޓާ މި ރަށާ އެއްގަމުން ގުޅާލަދޭނެ ވާހަކަ ދަންނަވަން. އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ. ނަމަވެސް އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް މި ސަރަަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި އެއާއެކު ފުރުސަތުތައް ފަހިވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، އަތޮޅަށް ބޭނުންވާ ރިސޯޓުތައް ތަރައްގީ ކުރުމާއި އެކު ފްލައިޓުތައް ގިނަ ކުރެވި، ރައްޔިތުން ބޭނުންވާ ގޮތަށް މިހާރަށް ވުރެ ރަނގަޅު އެއާޕޯޓަކަށް މާވަރުލު އެއާޕޯޓު ބަދަލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ