އއ. މާޅޮހު ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ފަށައިފި އެވެ.
މި ބައި-އިލެކްޝަނަކީ މާޅޮހު ކައުންސިލުން އަންހެނުންނަށް ހާއްސަކުރާ ގޮނޑިއަށް ބާއްވާ ބައި-އިލެކްޝަނެކެވެ. މި ބަައި-އިލެކްޝަންގައި 2 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8 އިން ހަވީރު 4 އަކަށް ކަމަށެވެ. ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ މާޅޮހު ސްކޫލާއި ދަރުބާރު ގޭގައެވެ. މި ބައި-އިލެކްޝަންގައި 558 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
މީގެ އިތުރުންވެސް އިތުރު ބައި-އިލެކްޝަންތަކެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހއ. ތަކަންދޫ ކައުންސިލުން ހުސްވެފައިވާ އަންހެން މެންބަރުގެ ގޮނޑިއަށް ބާއްވާ ބައި-އިލެކްޝަނާއި، ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ހިމެނެއެވެ. އަދި ނ. މާފަރު ކައުންސިލްގެ އަންހެން މެންބަރާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރިމަތިލުމުގެ ފުރުސަތުވެސް މިހާރު އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ.