logo minivan

English

އަންގާރަ, 21 މެއި 2024

ލޯތްބާއިއެކު – ރޯދަ ހަދިޔާ

ރަމަޟާން މަހަކީ އަޅުގަނޑުމެންނަށް ވަރަށް ޙާއްސަމަހެކެވެ. ކޮންމެ އަހަރަކުވެސް އެމަހަކަށްޓަކައި އަޅުގަނޑުމެން ތައްޔާރުވެ އިންތިޒާރުކުރާ މަހެކެވެ. މިމަހުގައި އަޅުގަނޑުމެންގެ ދިރިއުޅުމަށްވެސް އެތަކެއް ބަދަލުތަކެއް އަންނަމަހެކެވެ. އެގޮތުން އެންމެ ބޮޑުބަދަލެއް އަންނަ އެއްކަމަކީ ކެއިންބުއިމެވެ. މިބަދަލުގެ ތެރެއިން ހަށިގަނޑުން ފެން މަދުވުމުގެ މައްސަލައަކީ ވަރަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. ފެން މަދުވުމުގެ ސަބަބުން، ބަނޑުހަރުވެ ފާޚާނާކުރަން އުދަގޫވުމާއި،ކުޑަކަމުދާތަކެތީގައި ޖަރާސީމުހަރުލުމާއި، ބޯއަނބުރާގޮތްވެ، ބޮލުގައި ރިއްސުމުގެ އިތުރުން، ހަންގަނޑު ހިކުމާއި، ލޮޑުވުމާއި، ޚާއްސަގޮތެއްގައި ހަވީރުވާއިރު ވަރުބަލިކަން ބޮޑުވުމުގެ އިތުރުން ރުންކުރުވުމާއި ނިދަން އުދަގޫވުންފަދަ ނަފްސާނީ އުދަގޫތައްވެސް ވަރަށް އާންމުކޮށް ގިނަފަރާތްތަކަށް ކުރިމަތިވާ ކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެ %70 – 60 އަކީ ފެންކަމުގައި ވާއިރު އެހެނިހެން މަސްތަކެކޭ އެއްފަދައިން އެކިއެކި ގުނަވަންތަކުގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ފެން ބޭނުންވެއެވެ. މިދުވަސްވަރު ރަމަޟާންމަހާއި ދިވެހިރާއްޖޭގައި މިދިމާވަނީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރާއެވެ. މިހެންކަމުން ފެނަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެހެންކަމުން މި ރަމަޟާން މަހުގެ ތެރޭގައި ހަށިގަނޑުގައި ފެން ހިފަހައްޓާ، ބޭނުންވާ މިންވަރަށް ފެން ބޭނުންކުރުމަށް ފަސޭހަވާނެ ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. ފުރަތަމަކަމަކީ އެއްފަހަރާ މާގިނައިން ފެންބުއިމުގެ ބަދަލުގައި ރޭގަނޑުގެ ގަޑިތަކަށް ބަހާލައިގެން ފެންބުއިމެވެ. މިސާލެއްގެ ގޮތުން، ރޯދަވީއްލާ ވަގުތުގައި 2 ތަށި، ތަރާވީސްދަމުގައި ވަގުތުގައި 2 ތަށި އަދި ހާރުކެއުމުގެ ވަގުތުގައި 2 ތަށި ފެންބޮވިދާނެއެވެ. ހަމަ މިގޮތަށް ގޭގައި ނުވަތަ މިސްކިތުގައި ތަރާވީސް ކުރައްވާ ބޭފުޅުންވެސް ކޮންމެ ދެ ރަކްޢަތެއްދެމެދުގައި ފެންބޭނުންކުރުމުން ދުވާލު އެބޭރުވެގެންދާ ފެނުގެ މިންވަރު އެތެރެކުރެވޭނެއެވެ. މީގެ އިތުރުން ބޭނުންކުރާ ޖޫސްފަދަ ތަކެތިވެސް ހިމެނޭނީ ފެނުގެ ތެރޭގައި ކަމުން މިތަކެތިވެސް އިތުރުކޮށްލެވިދާނެއެވެ.ހަމަމިއާއިއެކު ސަމާލުކަންދޭން މުހިންމު އަނެއްކަމަކީ ދިޔާތަކެތި ބޭނުންކުރުމުގައި ކޮފީ، ސައި، ކޯލާފަދަ "ކެފެއިން" ހިމެނޭ ބުއިންތައް މަދުކުރުމެވެ. ކެފެއިން ހިމެނޭ ބުއިންތަކުގެ ސަބަބުން ހަށިގަނޑުން އިތުރަށް ފެންބޭރުވެ ފެނަށް ބޭނުންވާ މިންވަރު އިތުރުވެއެވެ. ލޮނު، ތެޔޮ އަދި ފޮނިއެއްޗެހި ގިނައިން ބޭނުންކުރުންވެސް މިފަދައެވެ.

އަދި ކެއުމުގެ ތެރޭގައި ބަތްޕެން އަދި ސޫޕްފަދަ ތަކެތި ހިމެނުމާއި، މޭވާގެ ތެރެއިން ކަރާ އަދި އަލަނާސިފަދަ ފެންގިނަ މޭވާ ބޭނުންކުރުމުން ހަށިގަނޑަށް ފެން ލިބުމަށް ފަސޭހަވެގެންދާނެއެވެ. ކިއުކަންބާއަކީ ކީރިތި ރަސޫލާގެ ސުންނަތުންވެސް އަދި އިލްމީ ދިރާސާއިންވެސް ފެންގިނަ ހަށިގަނޑަށް ފައިދާހުރިކަމަށް ފާހަގަކުރެވޭ ތަރުކާރީއަކަށްވުމުން، ކަދުރާއިއެކު ރޯދަވީއްލާ ވަގުތުގައި ކިއުކަންބާ ބޭނުންކުރެވިދާނެއެވެ. ޓޮމާޓޯވެސް މިފަދައެވެ.

ބޮޑެތިމީހުންނެކޭ އެއްފަދައިން އެކިއުމުރުގެ ކުޑަކުދިންވެސް މި މާތް އަޅުކަން އަދާކުރެއެވެ. ކުޑަކުދިން ރޯދައަށް ތިބޭއިރު ހާރުކެއުމުގެ ވަގުތުވީހާވެސް ފަސްކޮށްލުމަކީ އެންމެ ރަގަޅުގޮތެވެ. މީގެ އިތުރުން ހާރުކެއުމުގައި ޢާއްމުކޮށް ކައިއުޅޭ ފަލަމަޑީގެ (ކާބޯހައިޑްރޭޓްސް) ތެރެއަށް މަސް، ބިސް ފަދަ ޕުރޮޓީންސް އަދި ކިރާއި، ޗީޒް ފަދަ ތަކެތި ހިމެނުމުން ދުވާލުގައި އެކުދިންގެ ބަނޑުހައިކަން ކުޑަވުމާއިއެކު ހަކަތަ އިތުރުވާނެއެވެ. ހަމަ މިއާއިއެކު އެކުދިންގެ ރޭގަނޑު ކެއުމުގައިވެސް ގިނައިން ފެންއެކުލެވޭ ކާނާ ބޭނުންކުރުމާއި، ހޭލާތިބޭ ގަޑިތަކަށް ބަހާލައިގެން ފެންބުއިމަށް ހަދާންކޮށްދިނުމަކީވެސް ސަމާލުކަންދިނުން މުހިންމުކަމެކެވެ. ދުވާލުގެ ގަޑިތަކުގައި ބޮޑަށް ވަރުބަލިވާކަހަލަ، ކުޅިވަރުތައް (މިސާލަކަށް ފުޓްބޯޅަ)ރޭގަނޑުގެ ގަޑިތަކަށް ނުވަތަ ރޯދަވީއްލުމާއި ގާތް ގަޑިއަކަށް ހަދައިފިނަމަ ލޮޑުކަން އިހުސާސްކުރެވޭ މިންވަރު ކުޑަވެ، އެކުޅިވަރުން ބޭރުވާ ފެނާއި ހަކަތަ އިއާދަކުރުމަށް ފަސޭހަވާނެއެވެ. އަދި ހަމަ މިއާއިއެކު ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއް އަރާމުކޮށްލަން ކަޑައެޅުމުން އެކުދިންގެ ހަށިގަނޑާއި ސިކުނޑި ތާޒާވެ ރޯދަހިފުމަށް ފަސޭހެވެގެންދާނެއެވެ. އަވީގައިއުޅޭ ގަޑީގައި ކުޑަ ނުވަތަ ތޮފި ބޭނުންކުރުމަކީވެސް ސަމާލުކަންދިނުން މުހިންމު ކަންކަމެވެ.

މިފަހާގަކޮށްލެވުނީ ވަރަށް ކުދިކުދި ކަންކަން ކަމުގައި ވިޔަސް އެކަންކަމުން މިފަދަ އަޅުކަމެއް ކުރަމުންދާއިރު އަޅުގަނޑުމެންގެ ހަށިގަނޑަށް އޭގެ ފައިދާކުރާނެ ކަންކަމެވެ. އުއްމީދަކީ ފެންމަދުވުމާއި ލޮޑުކަމުގެ އިހްސާސްއާއި ނުލާ ނުވަތަ އެއިހްސާސްވީހާވެސް ކުޑަކޮށްކުރެވޭ މަހެއްގެ ގޮތުގައި މިމަސްވެގެން ދިއުމެވެ. ދުޢާއަކީ މިބަރަކާތްތެރިމަހުގެ ބަރާކާތާއި، ފުއްސެވުމާއި ދިންނެވުން އަޅުގަނޑުމެން އެންމެނަށްވެސް ލިބިގެން ދިއުމެވެ.

ނޯޓު: މިލިޔުންކޮޅަކީ މިރޯދަމަހު އަޅުގަނޑު ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމަކަށްވެސް ރިކޯޑިންއެއްގެ ގޮތުގައި ފޯރުކޮށްދީފައިވާ ވާހަކަކޮޅެކެވެ. އެހެންނަމަވެސް އަދިވެސް އިތުރުފަރާތްތަކަށް މަޢުލޫމާތުކޮޅު ވާސިލްކުރުމުގެ އުއްމީދުގައި ލިޔެލަން ގަސްތުކުރީއެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *