އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާ އިން ރާއްޖޭގައި ސާފުހަކަތަ ބޭނުންކުރުން އިތުރުކުރުމުގެސިޔާސަތުގެ ތެރެއިން މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި އެންވައިރަންމަންޓް މިނިސްޓްރީއާއި ޖޭވީ ވިޒްޑަމް ނެގޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި، އެންވައިރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރ ތާރިގް އިބްރާހިމް އެވެ. ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ވަންގް ޓާއޯއެވެ.
ފަސް އަހަރުގެ ތެރޭގައި ގައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވިހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.
އެހެންކަމުން، އެންވައިރަންމަންޓް މިނިސްޓްރީން ބުނީ، މި ވައުދުގެ ދަށުން ކުރިއަށް ގެންދެވޭ މަގޭ ސޯލާ މަޝްރޫއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދިގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެއިޖުތިމާއީ އަދި އިގްތިސާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށްފެށިފައިވާ މަޝްރޫއެއް ކަމަށެވެ.
އަދި މި ޕްރޮގްރާމުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެއިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ތަކެއް ރާއްޖޭގެ ރައްރަށުގައި ގާއިމްކުރުން ކަމުގައި ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގަނެވޭ މި 3 މެގަވޮޓްތެރޭގައި ހިމެނެނީ 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމެވެ. މިގޮތުން ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އޭގެ އިތުރުން މިނިސްޓްރީން ބުނީ، މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވިފައިވާ ކަމަށާއި، އެއީގައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް %5 ކަމަށެވެ.