logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ވާދަވެރި އިންތިހާބަކަށް ފަހު މޯދީ އިންޑިޔާގެ ބޮޑުވަޒީރުކަން ދިފާއުކޮށްފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބާރްތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)އާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނުން އެ ޤައުމުގެ ޢާންމު އިންތިޚާބު ތިންވަނަ ފަހަރަކަށް ކާމިޔާބު ކޮށްފިއެވެ. އިންޑިޔާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ވަނީ މި ކަން އިޢުލާނު ކޮށްފައެވެ. އެ ކޮމިޝަނުން ޢާންމު ކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުން ފެންނަ ގޮތުގައި ބީޖޭޕީ ހިމެނޭ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ކޯލިޝަނުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ލޮކް ސަބާގެ 543 ދާއިރާގެ ތެރެއިން 280އަށްވުރެ ގިނަ ދާއިރާ ކާމިޔާބު ކޮށްފައެވެ.

ވަގުތީ ނަތީޖާއިން ފެންނަ ގޮތުގައި ބީޖޭޕީން އެކަނިވެސް 240އަށްވުރެ ގިނަ ދާއިރާއަކުން ކުރި ހޯދައި, ގޮނޑި ކާމިޔާބު ކުރިއެވެ. މި ނަތީޖާއާ އެކު ކޯލިޝަނަކާ ނުލައި ސަރުކާރު އެކުލަވައިލުމުގެ ބާރު ބީޖޭޕީއަށް ގެއްލިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އަދި, މިއީ 2019ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި ބީޖޭޕީން ހޯދި ކާމިޔާބީއާ އަޅައިބަލާއިރު ނާކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ. އެ އަހަރުގެ އިންތިޚާބުގައި ބީޖޭޕީން އެކަނި މަޖިލީހުގެ 303 ގޮނޑި ކާމިޔާބު ކުރިއެވެ.

އިންތިޚާބުގައި އެންޑީއޭ ކޯލިޝަނާ ދެކޮޅަށް މައި އިދިކޮޅު ޕާޓީ, ކޮންގްރެސް ޕާޓީން އެކުލަވައިލާފައިވާ ކޯލިޝަން, އިންޑިޔާ އެލަޔަންސުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ވަގުތީ ނަތީޖާއިން ފެންނަ ގޮތުގައި އިންޑިޔާ އެލަޔަންސުން ވަނީ 230އަށްވުރެ ގިނަ ދާއިރާ ކާމިޔާބު ކޮށްފައެވެ. ކޮންގްރެސް ޕާޓީން އެކަނި ވެސް 100އެއްހާ ދާއިރާ ކާމިޔާބު ކޮށްފައިވެއެވެ. މިއީ, 2019ވަނަ އަހަރުގެ އިންތިޚާބާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. އެ އަހަރުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް ލިބުނީ 52 ދާއިރާއެވެ.

"ރައްޔިތުންގެ ނިންމުމުން ފެނިގެން ދިޔައީ, ނަރެންދްރަ މޯދީއާއި އަމިތް ޝާހް ބައިވެރިވާ ސަރުކާރެއް އެ މީހުން ބޭނުން ނުވާ ކަން. މި ޤައުމު ހިނގަމުން މިދާ މަގު އަޅުގަނޑުމެންނަށް ކަމަކު ނުދޭ. ރައްޔިތުން އެ ދިނީ ބޮޑު އަދި ބާރުގަދަ މެސެޖެއް،" ކޮންގްރެސް ޕާޓީގެ ވެރިޔާ ރާހުލް ގާންދީ ވިދާޅުވިއެވެ.

2014ވަނަ އަހަރުގެ ޢާންމު އިންތިޚާބުގައި ބީޖޭޕީން ވަނީ ސުޕަރ މެޖޯރިޓީއެއް ހޯދާފައެވެ. އަދި, ކޯލިޝަނަކާ ނުލައި ސަރުކާރެއް އެކުލަވައިލާފައެވެ. އަދި, ކޯލިޝަން ސަރުކާރުތަކުގެ ނާކާމިޔާބީއަށް ބީޖޭޕީން ނިމުމެއް ގެނައެވެ. 2019ވަނަ އަހަރު ވެސް ބީޖޭޕީން ވަނީ ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބު ކޮށްފައެވެ.

ކުރީ ދެ އިންތިޚާބާ އަޅައިބަލާއިރު މި އަހަރުގެ އިންތިޚާބުގައި ކާމިޔާބީ ލިބުނު ދާއިރާތަކުގެ ޢަދަދު މަދުވި ނަމަވެސް, މި ފަހަރު ބީޖޭޕީއަށް ލިބިފައި ވަނީ ތާރީޚީ މޮޅެއްގެ ގޮތުގައި މޯދީ ދެކެވަޑައިގަންނަވައެވެ. "10 އަހަރަށް ފަހު ތިންވަނަ ފަހަރަކަށް ޢާންމުންގެ ރުހުން ލިބުމަކީ އަޅުގަނޑުމެންގެ ހިތްވަރު އައުވެގެން ދިޔަ ކަމެއް. އަޅުގަނޑުމެންނަށް އައު ރޫހެއް ގެނުވި ކަމެއް. އަޅުގަނޑުމެންގެ ވާދަވެރިން އެކަތިގަނޑަކަށްވެ ކުރި މަސައްކަތުން ވެސް ބީޖޭޕީއާ އަރައި ހަމަ ނުކުރެވުނު،" މޯދީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރަކީ އިޤުތިޞާދާއި ޓެކްނޮލޮޖީ އަދި އީޖާދީ ދާއިރާއިން ގިނަގުނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާނެ ދައުރެއް ކަމުގައި މޯދީ ވިދާޅުވިއެވެ. މި ގޮތުން, އިލެކްޓްރޯނިކްސާއި, ސެމީކޮންޑަކްޓަރސް އުފެއްދުމުގެ ސިނާޢަތުގެ އިތުރުން ދިފާޢީ އަދި އަސްކަރީ ދާއިރާ އިތުރަށް ފުޅާ ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް, މި ދާއިރާތަކާ ގުޅޭ އިތުރު ތަފުސީލު ހާމަ ކުރައްވާފައެއް ނުވެއެވެ.

އުމުރުފުޅުން 73 އަހަރުގެ މޯދީ އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2014ވަނަ އަހަރުއެވެ. މޯދީއަކީ, އިންޑިޔާއަށް މިިނިވަން ހޯއްދަވައިދެއްވި ބާނީ ޖަވާހަރްލާލް ނެހްރޫއަށް ފަހު ވިދިވިދިގެން ތިންވަނަ ފަހަރަކަށް ބޮޑު ވަޒީރުކަން ކުރައްވާ ބޭފުޅާއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *