ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު މިއަދު އަވަހާރަވުމާ ގުޅިގެން، އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯލިހްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
"މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލަހައްޓަވާށިއެވެ. އާމީން." އެމަނިކުފާނުގެ ޕޯސްޓްގައިވެއެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި… pic.twitter.com/LpATU1h0YN
— Dr Mohamed Muizzu (@MMuizzu) July 18, 2024
އުމުރުފުޅުން 80 އަހަރުގެ މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މުއުމިނާ އަކީ އިބޫގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހާއި ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ޕާސަނަލް ސެކްރެޓަރީކަން ވެސް ކުރެއްވި ފާތުމަތު ސޯލިހުގެ ވެސް މަންމާފުޅެވެ.