logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އެއްވެސް ތަފާތެއް ނެތި ހުރިހާ ފުރުސަތުތަކެއް ތެލެސީމިއާ ކުދިންނަށްވެސް ފަހިވެފައި އޮންނަންވާނެ: ނައިބު ރައީސް

ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގެ އެއްބައި ކަމަށާއި އެހެން ކުދީންނެކޭ އެއްފަދައިން އެއްވެސް ތަފާތެއް ނެތި ހުރިހާ ފުރުޞަތުތަކެއް އެކުދިންނަށް ވެސް ފަހިވެފައި އޮންނަންވާނެ ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާހުކުރުމަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށާއި އަޅުގަނޑުމެން ހަދިޔާކުރާ ލޭފޮދަކީ އެކުދިންގެ ދިރިހުރުމުގެ އުއްމީދުކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.

އިހުގައި ބައެއް އާއިލާތަކުން، ވާނުވާއެއް ނޭނގި ތުއްތު ކުދިން މަރުވާ މައްސަލަ ސައިންސްގެ އަލީގައި ދެނެގަނެވި، އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ތެލެސީމިއާ ބަލި ވާރުތަކުރަނީ ދެ ކެރިއެރުންގެ ފުށުންކަން އެނގި ހާމަވެ، އެ ފުރުސަތު ނައްތާލުމަށް، ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމުގެ މުހިންމުކަމާއި، އެކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެއްޖެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯއްދަވައިދެއްވުން ކަމުގައި ވިދާޅުވެ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ނައިބު ރައީސް ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ބޯންމެރޯގެ ފަރުވާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ އިތުރު ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށާއި ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ދައްކަވަމުން ގެންދެވި އެންމެ މުހިންމު އެއް ވާހަކައަކީ އޭރުގައި އޮތް ސަރުކާރުން ސިއްހީ ނިޒާމަށް ވަމުންއައި އިހުމާލުގެ ވާހަކަ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، މި ނިޒާމުގައި ހުރި ދަތިތަކާއެކުވެސް، ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްޕުޅު ފައްޓަވާފައިވާކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްތައް ބެހިފައި އޮތްގޮތުންނާއި، ދަތުރުފަތުރު ހަމަޖެހިފައިވާގޮތުން ވަރަށް ދަތި އުނދަގުލުގައި، ބަލިތައް ދެނެގަތުމަށް ދަތުރުކޮށްފައި ދުރު ރަށްތަކަށް ދާންޖެހޭ ކަމަށާއި އެހެންކަމުން، ކަމެއް ދިމާވިޔަސް، މާލީ ހާލަތު ތަންދޭގޮތުންވިޔަސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ދަތި އުނދަގޫ ތަހަންމަލުކުރަން ޖެހޭ ކަމަށެވެ. އަދި މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ތަހުލީލު ކުރުމަށް އަމިއްލަ ރަށުގައި، އަމިއްލަ ފަސްގަނޑުގައި ތިބެގެން އެ ލުއިފަސޭހަ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވަމުންދާކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް، ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.

ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެއެވެ. އޭގެތެރޭގައި ހިދުމަތުގެ ފެންވަރު މަތިކުރުމާ ދެވޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާއި އެއްގޮތަށް ހިދުމަތް ބައްޓަންކޮށް، ދެވޭ ހިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފްކޮށް ހިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *