ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ވިޔަފާރިވެރިންގެ ނަންތަށް އާންމުކުރަން އެ އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އެ ކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރުމައްޓަކައި ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ހޯދުމައްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށާއި،
އެގޮތުން، އެ އިއުލާނުގައި ވަނީ، އެޗްޑީސީން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަނުގެ އިތުރުން ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަންޖެހި، ނުދައްކާ ހުރި ފަރާތްތަކުން، މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ފައިސާ ދައްކައި ހަލާސްކޮށް، އެޗްޑީސީއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ޔަގީންކުރުމަށް އަންގާފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އިއުލާނުގައި ވަނީ، އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ، އެޗްޑީސީގެ އީމެއިލް މެދުވެރިކޮށް recovery@hdc.mv އަށް މެއިލްކޮށްގެން ކުރިއަށްގެންދިއުމަށް ބުނެފައެވެ.