ޤަތަރުގައި މިންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ދިވެހިރާއްޖޭގައި ދެއްކުމަށް ހަމަޖެހިފައިވަނީ ދިވެހި ޗެނަލްތަކުން އެކަންޏެވެ.
ވޯލްޑް ކަޕްގެ ބްރޮޑްކާސްޓިންގ ރައިޓްސް ދިވެހިރާއްޖެއިން ގަނެފައިވަނީ މީޑިއާނެޓްއިންނެވެ. މީޑިއާނެޓުން ރައިޓްސް ގަތުމަށްފަހު ރައިޓްސް ވިއްކާފައިވަނީ 2 ޗެނަލަކަށްށެވެ. އެއީ މީޑިއާނެޓްގެ ދަށުން ހިނގަމުންދާ އައިސް ޓީވީ އަށާއި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޗެނަލްގެ ގޮތުގައި މިހާރު ފާހަގަކުރެވެމުންދާ ރާއްޖެ ޓީވީއަށެވެ. މީގެ އިތުރުން ދައުލަތުގެ މީޑިއާ ޕީ.އެސް.އެމުންވެސް އަންނަނީ ރައިޓްސް ގަތުމުގެ މަޝްވަރާތައް ކުރަމުންނެވެ.
އެހެންކަމުން މިފަހަރު ވޯލްޑް ކަޕްގެ މެޗުތައް ދައްކާނެކަން މިހާރު ޔަގީންވެފައިވާ އައިސް ޓީވީ އާއި ރާއްޖެ ޓީވީގެ އިތުރުން ދައުލަތުގެ މީޑިއާގެ ޔޭސް ޓީވީއިންވެސް މެޗުތައް ފެނިގެންދާނެއެވެ.
އެހެންނަމަވެސް މީޑިއާނެޓް މެދުވެރިކޮށް މީގެކުރިން އިންޑިއާގެ ސްޓަރ ސްޕޯޓްސް ނުވަތަ ޓެން ސްޕޯޓްސް ފަދަ ބޮޑެތި ޗެނަލްތަކުން ވޯލްޑް ކަޕް ބެލުނުނު ނަމަވެސް މިފަހަރު މި ޗެނަލްތަކުން ވޯލްޑް ކަޕެއް ނުފެންނާނެއެވެ. ސަބަބަކީ ވޯލްޑް ކަޕްގެ ރައިޓްސް މި ޗެނަލްތަކަށް ހޯދިފައިނުވުމެވެ.