logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މުފްތީ މެންކް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ ޑރ. އިސްމާޢީލް މެންކް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ދީނީ ޢިލްމުވެރިޔާ މެންކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް ރާއްޖޭގެ މުޖުތަމައަށް މުހިންމު މައުޟޫޢުތަކަށް ދީނީ ދަރުސްދެއްވުމުގެ ސިލްސިލާއެއް ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ދީނީ ޢިލްމު ފެތުރުއްވެވުމުގައި ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ތަޢުރީފުކުރެއްވިއެވެ. އަދި މުފްތީ މެންކަކީ ދިވެހިން ވަރަށް ބޮޑު އިޙްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަމާ އަދި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިން ވަރަށް އުންމީދު ކުރަމުންއައި ދަތުރުފުޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމަޢުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ތަޢުރީފުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކް ވަނީ އެމަނިކުފާނު ކުރިޔަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކާއި އަދި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިޔާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކަކެއްގެ ހުންނަތަފާތުތަކަށް އިޙްތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މުފްތީ މެންކްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ