ކްރޮއޭޝިއާއިން މިހާރު ވެސް ވަނީ ބްރެޒިލްގެ ނޭމާގެ ވޯލްޑްކަޕް ހުވަފެން ބިލާހަކަށް ހަދައިފަ އެވެ. މިހާރު އެމީހުންގެ އުއްމީދަކީ އާޖެންްޓީނާގެ ލިއޮނަލް މެސީއާ މެދުގައި ވެސް ހަމަ އެގޮތަށް ކަންތައް ކުރުމަށެވެ.
އެހެން ނަމަވެސް އާޖެންޓީނާގެ ސުޕަސްޓާ "މޭން-މާކް"ކޮށް ހިފެހެއްޓުމުގެ ވިސްނުމެއް އެމީހުންގެ ނެތެވެ. އޭގެ ބަދަލުގައި އެމީހުންގެ އަމާޒަކީ މާދަމާ ރޭ ކުޅޭ ވޯލްޑްކަޕް ސެމީފައިނަލް މެޗުގައި އާޖެންޓީނާގެ މުޅި ޓީމު ހުއްޓުވުމެވެ. ކްރޮއޭޝިއާގެ ބައެއް ކުޅުންތެެރިން ގަތަރުގެ އަލްޖަޒީރާ އަށް ދިން އިންޓަވިއުގައި ބުނެފައި އޮތީ މިހެންނެވެ.
"މެސީ ހުއްޓުވަން އަަހަރެންގެ ވަކި ހާއްސަ ޕްލޭނެއް އަދި ނެތް. ވަކިކުޅުންތެރިއަކު ހުއްޓުވާކަށް އަހަރެމެން އާއްމުކޮށް ނުވިސްނަން. އޭގެ ބަދަލުގައި އަހަރެމެން ވިސްނަނީ މުޅި ޓީމު ހުއްޓުވަން،" ކްރޮއޭޝިއާ ޓީމުގެ ކުރިއަށް ކުޅޭ ބްރޫނޯ ޕެޓްކޮވިޗް އަލްޖަޒީރާއަށް ބުނެފައި ވެ އެވެ.
ކްރޮއޭޝިއާއިން މާދަމާ ރޭގެ މެޗަށް ނުކުންނާނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑްކަޕް ފައިނަލް ކަށަވަރުކުރުމަށެވެ. ވޯލްޑްކަޕް 2018 ގެ ފައިނަލް ގައި އެމީހުން ބަލިވީ ފްރާންސް އަތުންނެވެ. މާދަމާރޭގެ މެޗަށް ނުކުންނަ އިރު އެޓީމުގެ އެއްވެސް ކުޅުންތެރިއަކު ސަސްޕެންޝަނަކު އަދި އަނިޔާވެ ނުކުޅެވޭ ހާލަތަކު ވެސް ނެތެވެ. އެހެންވެ އެ ޓީމު އޮތީ ވަަރަށް އިތުބާރާ އެކުގަ އެވެ.
ގަަތަރުގައި ކުރިއަށްދާ މިފަހަރުގެ ވޯލްޑްކަޕްގައި ކްރޮއޭޝިއާއިން މިހާރު ވެސް ވަނީ ގިނަ ބަޔަކު ހައިރާންކޮށްލައިފަ އެވެ. އެއީ މިމުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ނުކުތް ބްރެޒިލް ކުއާޓާފައިނަލްގައި، ފަހަތުން އަރައި އެއްވަރުކޮށް، ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިކޮށްލައިގެންނެވެ.
ކްރޮއޭޝިއާއިން އެ މެޗް 4-2 އަކުން ކާމިޔާބުކުރުމުން ބްރެޒިލްގެ ތަރި ނޭމާ ކަރުނައަޅައި ރުޔެވެ. ކްރޮއޭޝިއާއިން މިހާރު ތައްޔާރުވަމުން އަންނަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް މިހައިތަނަށް ނުލިބި އޮތް ހަމަ އެކަނި ތަށިކަމަށްވާ ވޯލްޑްކަޕް ކާމިޔާބުކުރުމަށް އޭނާ ކުރާ މަސައްކަތް ފެނަށް ދުއްވައިލުމަށެވެ.
މާދަމާރޭގެ މެޗަށް ނުކުންނަ އިރު ކްރޮއޭޝިއާގެ މެދުތެރެއަށް ކުޅޭނީ ކެޕްޓަން ލޫކާ މޮޑްރިޗްގެ އިތުރުން މާޓިއޯ ކޮވަސިޗާއި މާސެލޯ ބްރޮޒޮވިޗެވެ. މެޗުގެ ޕޭސް ހިފަހައްޓާނީ އެމީހުންނެވެ. ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެ މަސައްކަތް ކުރީ މިކުޅުންތެރިންނެވެ. ޑިފެންޑަރު ޖޮސިޕް ޖުރަނޮވިޗް އިއްޔެ ބުނީ އެކުޅުންތެރިންނަށް އޭނާ އިތުބާރުކުރާ ކަމަށެވެ.
"މާޓިއޯ، ލޫކާ އަދި މާސެލޯ އަކީ ތާރީހުގައި ވެސް ކްރޮއޭޝިއާގެ މެދުތެރެ ބަލަހައްޓާ އެންމެ މޮޅުކުޅުންތެރިން. އަހަރެންނަކަށް ހިއެއް ނުވޭ ދެން އެވަރުގެ ކުޅުމެއް [މީގެ ފަހުން ] ފެނިދާނެ ހެނެއް. އެމީހުންނަށް ބޯޅަދީފިއްޔާ ބޭންކްގައި ހުންނަ ފައިސާއަށް ވުރެ ވެސް އެބޯޅައިގެ ރައްކާތެރިކަން ބޮޑުވާނެ،" އަލްޖަޒީރާއަށް ދިން އިންޓަވިއުގައި ޖުރަނޮވިޗް ބުންޏެވެ.
އޭނާ ބުނިގޮތުގައި ކްރޮއޭޝިއާއިން ވަކިކުޅުންތެރިއެއް ދެކެ ބިރުގަންނާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ވިސްނަން ޖެހޭނީ ކްރޮއޭޝިއާގެ ކުޅުންތެރިން މޮޅަށް ކުޅުމަށެވެ. ކްރޮއޭޝިއާގެ ކާމިޔާބީގެ ސިއްރަކީ ކުޅުންތެރިންގެ އެކުވެރިކަން ކަަމަށް ވެސް އޭނާ ބުންޏެވެ.
އާޖެންޓީނާ ޓީމުގެ ތަނބަކީ ހަތް ފަހަރު ބެލަންޑިއޯ ހޯދާފައިވާ މެސީ އެވެ. ސެމީފައިނަލަށް އެޓީމުން ވެސް ދިޔައީ ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. މުޅި މިމުބާރާތުގައި ވެސް އާޖެންޓީނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އޭނާ ދައްކަމުން އަންނަ ކުޅުމެވެ. އޭނާ ވަނީ ހަތަރު މެޗެއްގައި ފަސް ލަނޑު ޖަހައިފަ އެވެ. އެއް ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާއަށް އެކަމަކު ފަހުގެ ތާރީހެއްގައި ބޭއްވި ވޯލްޑްކަޕް މުބާރާތެއްގައި މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނެތެވެ. އެމީހުން އެންމެ ފަހުން ފައިނަލަށް ދިޔައީ 2014 ވަނަ އަހަރު އެވެ. އެފަހަރު ޖަރުމަނު އަތުން 0-1 އިން ބަލިވީ އެވެ.
(އަލްޖަރީޒާ)