"ސުވާދީބު" ވިސްނުމަކީ ހުވަދޫ ކަނޑުން ދެކުނު ވަކި ދައުލަތެއްގެ ގޮތުގައި ހިންގަން 1950 ގެ އަހަރު ތަކުގައި އުފެދުނު ވިސްނުމެކެވެ. އެ ވިސްނުން އޭރު ތަންފީޒުކޮށް އެ ދައުލަތް 1958 ވަނަ އަހަރު އުފައްދައި، 1963 ވަނަ އަހަރާ ހަަމައަށް އެކަން ދެމި އޮތެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ދެކުނަށް ވަޑައިގެން އުޅުއްވުމަށް ފަހު މާލެ ވަޑައިގެން މިއަދު ބޭއްވެވި މީޑިއާ ބްރީފިންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ސުވާދީބު ވިސްނުމަކީ ޕްރޮގްރެސިވް ވިސްނުމެއް" ކަަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އެ ވިސްނުމާ ދިމާލަށް މިސްރާބު ހިފުމަކީ ބޭނުންތެރިކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޕްރޮގްރެސިވް ހިޔާލެއް ސުވާދީބުގެ ވިސްނުމަކީ. އެ ވިސްނުމާ ދިމާލަށް މިސްރާބު ހިފުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ބޭނުންތެރިކަމެއް. އެއީ ލާމަރުކަޒު ކުރުމުގައި އެންމެ ފަހުން އައިސް އަޅުގަނޑުމެނަށް ދާން އޮތް މަރުހަލާއަކީ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ޔުނިވަޓަރީ ދައުލަތުގެ ސިފަ ގެއްލޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް ރީޖަނަލް އެސްޕިރޭޝަނަށް ޖާގަ ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސުވާދީބު ހިޔާލަކީ ރަނގަޅު ވިސްނުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުން އިތުރަށް ތަފްސީލުކޮށްދެއްވަން ނޫސްވެރިއަކު އެދުމުން ނަޝީދު ވިދާޅުވީ "ސުވާދީބު" ވަކި ދައުލަތެއްގެ ގޮތުގައި އުފެދުމަށް ބާރު އަޅާނެކަމަށް ވިދާޅުނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދެކުނުގެ ރައްޔިތުންގެ އުއްމީދުތަކެއް އެބަހުރިކަމަށާއި އެ އުއްމީދުތައް އަމިއްލަވަންތަކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ސަދަން އެސްޕަރޭޝަނެއް އިނގޭތޯ. ދެކުނުގެ ރައްޔިތުންގެ އުއްމީދުތަކެއް އެބަހުރި. އެ އުއްމީދުތައް ގުޅިފައި އޮތީ ވަރަށް ބޮޑަށް އަމިއްލަވަންތަކަމާ. ދެން އެބޭފުޅުންނަށް އެމީހުންގެ ކަންތައްތައް ހިންގޭނެ ގޮތަކަށް ކަންކަން ރޭވުން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ހުވަދޫ ކަނޑުން ދެކުނުގައިވާ ސަރަހައްދަށް އެމަނިކުފާނު މިއަދު ވެސް ނިސްބަތްކުރެއްވީ ސުވާދީބުގެ ނަމުންނެވެ. އެހެން ނަމަވެސް ރާއްޖެއާ އެ ސަރަހައްދު ވަކިވާން އެދިވަޑައިނުގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ސުވާދީބު ފެންނަނީ އިންޑިއާކަނޑުގެ މެދުގައި އޮތް ސަރަހައްދެއްގެ ގޮތުގައި. އެއީ ދިވެހިރާއްޖޭގެ ބައެއް. އެހެން ނަމަވެސް ހަަމަ ފޯއްޅަވައްސާ ސީޝެލްސްއާ މޮރިޝަސްއާ ޑިއޭގޯ ގާސިއާއާ އަދި ގޮސް ލާ-ރިޔޫނިއަންއާ ، މި އިންޑިއާ ކަނޑުގެ ތެރޭގައި އެބަހުރި ބައިވަރު ޖަޒީރާ ރަށްތަކެއް. އެ ރަށްތަކުގެ އެންމެ ޑިވެލޮޕްޑް ތަނަކީ އައްޑޫ. އެހެންވީމާ އައްޑުއަށް މިސްރާބު ޖެހޭނެ ދެކުނު އިންޑިއާކަނޑުގެ ބޮޑުރަށަށް ވުމަށް،" ނަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭގެ މާނައަކީ އެ ސަރަހައްދު ރާއްޖެއާ ވަކިވުން ނޫން ކަމަށާއި އެގޮތަށް ކަންތައް ވާކަަށް އައްޑޫ އެއްވެސް ރައްޔިތަކު ނޭދޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުން ދޭހަވި ގޮތުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ އެހެން ބައެއް ގައުމުތަކުގައި ވެސް އޮންނަ ފަދަ އެތެރޭގެ ހިންގުމުގެ މިނިވަންކަން އޮންނަ "އޮޓޮނޮމަސް" ސަރަހައްދަކަށް އެ ސަރަހައްދު ބަދަލުކުރުމެވެ. އެކަހަަލަ ސަރަަހައްދުތަކުގެ އިގުތިސާދީ ސިޔާސަތާއި އެކިއެކި އެހެން ކަންތައްތައް ވެސް ނިންމާނީ ސަަރަހައްދީ ސަރުކާރުންނެވެ. އެހެން ނަމަވެސް އަސްކަރީގޮތުންނާއި ސިޔާސީ ގޮތުން އެ ސަރަހައްދުގެ ކޮންޓްރޯލް އޮންނާނީ މައިސަރުކާރަށެވެ. އެއީ އެކަމަކު ފެޑެރަލް ދައުލަތްތަކުގެ ސިފަ އެކެވެ. ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން މިއީ ޔުނިޓަރީ ދައުލަތެކެވެ.