ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ 720 ފުރުސަތު ހުޅުވާލައިފިއެވެ.
ސްޓޫޑަންލް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެއްވުމަށްފަހު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ލޯނުގެ ފުރުސަތުތައް ހުޅުވާލާފައިވަނީ އިދާރީ ފީގެ ގޮތުގައި %1 ނަގާ ގޮތަށެވެ. ލޯނަށް އަނބުރާ ދައްކަން ޖެހޭ ޖުމްލަ އަދަދު ދަރިވަރުންނަށް އެނގޭނެ ކަމަށާއި، އަދި އެ އަދަދު ބަދަލެއް ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ސްކީމުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެ މީހުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓަރު އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ޖާގަ އިތުރުކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ, ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ ފަރާތްތަކަށް 60 ފުރުސަތު ހުޅުވާލާފައިވާނޭ ކަމަށާއި، މިދިޔަ އަހަރު ހުޅުވާލީ 10 ފުރުސަތުކަމަށެވެ. އަދި ރާއްޖެއިން ބޭރުން އެމްބީބީއެސް ހަދަން 55 ފުރުސަތު ހުޅުވާލާފައިވާއިރު، މިދިޔަ އަހަރު ހުޅުވާލީ 25 ފުރުސަތުކަމަށް ވެސް މިނިސްޓަރު ވިދާޅުވީއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނަށް ކުރިމަތިލުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ކުރިއަށްގެންދާނެ އެވެ. މި ސެޝަންތައް ފޭސްބުކް އިން ލައިވް ކުރާނެކަން ފާހަގަކުރައްވައި ހުރިހާ ދަރިވަރުން ވެސް އެ ސެޝަންތަކުން މައުލޫމާތު ހޯދައި އޭގައި ދޭ އިރުޝާދާ އެއްގޮތަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ލޯނަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 15ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށެވެ. އަދި އަންނަ މަހުގެ އެކެއްގެ ކުރިން ފޯމު ހުށަހަޅާ ހުރިހާ ދަރިވަރުންގެ ފޯމުތައް ބެލުމަށް ފަހު، މައްސަލައެއް އުޅޭ ނަމަ، މުއްދަތު ހަމަވުމުގެ ކުރިން، ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެކަން އަންގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.