އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގެ ގަތަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދާ މިކޮންފަރެންސްއަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ ކޮންފަރެންސްއެކެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއަކީ އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ދަރަޖައިން މެދުފަންތީގެ އާމްދަނީއެއް ލިބޭ ޤައުމުތަކުގެ ދަރަޖައަށް ބަދަލުކުރެވުނު ތިންވަނަ ޤައުމުކަމަށާއި އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ގޮތުގައި 46 ޤައުމެއް ހިމަނާފައިވާ ކަމަށެވެ.
މިއަހަރު ބާއްވާ 5 ވަނަ ކޮންފަރެންސްގެ އަމާޒަކީ ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށާއި ތަނަވަސްކަން އިތުރުކުރުމަށާއި އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން އިތުރުކުރުމެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ އެ ގުރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޙަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިޔަ އެވެ.