ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ މައި އޮފީސް، ގިނަ އަހަރުތަކެއް ވަންދެން ހިންގި އިމާރާތް ދޫކޮށް އެހެން އިމާރާތަކަށް ބަދަލުކޮށްފި އެވެ.
މީގެ ކުރިން ޕާޓީ އޮފީސް ހިންގަމުން އައީ ސޯސަންމަގުގައި ހުންނަ ހ .ޝަރާޝާ ގައެވެ. ނަމަވެސް މިހާރު ވަނީ ލިލީމަގު ޕާކިސްތާނުގެ އެމްބަސީ ކައިރީގައި ހުންނަ ގ. ނިޔުޝާގެ ދެ ވަނަ ފަންގިފިލާ އަށް ބަދަލުކޮށްފައެވެ.
މިޕާޓީގެ މައި އޮފީސް ބަދަލުވެއްޖެ! pic.twitter.com/GW3clGRyeb
— MDP Secretariat (@MDPSecretariat) July 12, 2023
އެމްޑީޕީން ބުނީ އޮފީސް ބަދަލުކުރުމުގެ މައިގަނޑު މަގްސަދަކީ ޕާޓީގެ މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުން ޖާގަ ތަނަވަސް ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ކުރިން ބޭނުން ކުރި އިމާރާތް ވެސް ބޭނުން ކުރަމުންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީން ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ އަތުލައި، އެތަނުގައި އެ ޕާޓީގެ ހަރަކާތްތައް ހިންގަން ފަށައިފައެވެ. އަދި ޑިމޮކްރެޓުން ވަނީ އެމްޑީޕީ އިން އެ ޖަގަހަ ބޭނުން ކުރި އިރު ދަމާފައި ހުރި ރައީސް ސޯލިހްގެ ޕޯސްޓަރު ތަކާއި ބެނާތައް ނެގައި، އެމްޑިޕީގެ ކުލަ ކަމަށްވާ ރީނދޫ ކުލަ ފިލުވުމަށްފަހު ދަ ޑިމޮކްރެޓްސް ގެ ކުލަ ކަމުގައިވާ މަޑު ނޫކުލަ ލާފައެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މާދަމާ ރޭ އެމަނިކުފާނު ޑިމޮކްރެޓްސް އަށް ސޮއިކުރައްވާނެއެވެ.