މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއެއް ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ހިޔާވަހިކަމާ ގުޅޭގޮތުންނާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ މަޝްވަރާ ސަރުކާރުން ހޯދުމާމެދު އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަދި ހާއްސަކޮށް ޒުވާނުންނަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ ފަރާތްތަކެއް ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއް ތައާރަފްކުރުމަކީ ވައުދެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަން ކެބިނެޓުންވެސް ނިންމާފައިވާނެ ކަމަށާއި އެކަމުގެ އޮނިގަނޑު ވެސް މިހާރު ފާސްކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ބޯހިޔާވަހިކަމުގެ ޝަރުތުތަކާއި ޕޮއިންޓް ދޭނެ ގޮތް ކަނޑައެޅުމުގައި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާއި ދާއިރާގެ މަސައްކަތްތެރިންގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ.
އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަން ދޭނީ ހަމައެކަނި މާލެ ސަރަހައްދުން ނޫން ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާއިރު، އެ ސަރަހައްދެއްގައި ހުންނަ ރިސޯޓްތަކުގެ ޒުވާނުންނަށް ވެސް އެ ސަރަހައްދުން ޖާގަ ލިބޭނެގޮތަށް ހެދުމަކީ މި ސަރުކާރުން ގެނގުޅުއްވާ ސިޔާސަތު ކަމަށް ވިދާޅުވިއެވެ.
"އެންމެ އަވަހަށް ފެށޭ ހައުސިން ޔުނިޓް ޕްރޮޖެކްޓްތަކުގެ ތެރެއިންވެސް އެކަން ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ވަރަށް އުންމީދުކުރަން މި އަހަރު ތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޒުވާނުންގެ މަޝްވަރާއާއި ހިޔާލާއެއްގޮތަށް ދާއިރާ ކުރިއަށް ގެންދިއުން ކަމަށެވެ.