ބިންގަނޑު ކަނޑައިގެން ގޮސް އަޑިގުޑަންވެފައިވާ ހަނަފަސް ސަހަރާއެކެވެ. ވަށައިގެން ވަނީ ކަނު އަނދިރިކަމެވެ. ދެވޭނުދެވޭދިމާއެއް ނޭގުނުނަމަވެސް ދެފަޔަށް ލެވުނުބާރެއްލާފައި ސަލާމަތް ވުމައްޓަކައި ދުއްވައިގަނެވޭތޯ މަސައްކަތްކުރީމެވެ. ވެފައިހުރި ވަރުބައްޔަށްވުރެ ވަމުންދިޔަ ހާސްކަންބޮޑެވެ. ކުއްލިއަކަށް އެއްޗެއްގައި އަޅައިގަނެފައި ވެއްޓިއްޖެއެވެ. އެވަގުތު އުޑާއި ދިމާއަށް ބެލުނީ ބޭއިޚްތިޔާރުގައިނަމަވެސް ދެވަނަފަހަރު މައްޗަށް ބަލާލީ އުންމީދުންފުރުގެންވާ ނަޒަރަކުންނެވެ. ހަނދުގެ އަލިކަން ފާޅުވާންފަށަނީއެވެ. ކުރިމަތިން ދިއްލާލީ އާދަޔާއި ޚިލާފަށް ބޮޑު ފުރިހަމަ ހަނދެކެވެ. އަހަންނަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ކުރިމަތިން އޮތް ރާސްތާފެނި އަމާން ތަނަކަށް ދެވިދާނެކަމުގެ އުންމީދުގައެވެ. ތެދުވެގެން ހިނގައިގަތީމެވެ. އިސާހިތަކު އަނެއްކާވެސް އަނދިރިވާންފެށިއެވެ. ބަލަންހުއްޓާ އަލިގަދަ ރީތި ބޮޑު ހަނދު އޮއްސިގެން ހިގައްޖެއެވެ. ވަށައިގެން އަނދިރިކަމާއި ނާމާންކަންވެރިވިއެވެ. ކުރިއަށްދާން މައްސައްކަތްކުރި ނަމަވެސް އަހަރެންގެ ހަށިގަނޑު ހަރަކާތެއްނުކުރިއެވެ. ހަޅޭލަވަން މަސައްކަތްކުރިނަމަވެސް އަޑެއްނުނިކުތެވެ. ނޭވާހާސްވާންފެށިއެވެ.
ކުއްލިއަކަށް ހޭލެވުނު އިރުއޮތީ ދާހިއްލާފޯވެފައެވެ. މުޅިގައިން ހީބިހިނަގާފައެވެ. ހަތަރެސްފައި ފިނިވެ މައިބަދަ އައްސިވެފައެވެ. ފެނުނީ ބިރުވެރިހުވަފެނެކެވެ. އެއީ އާދައެކެވެ. ކޮންމެރެއަކުވެސް ލޯކުރިމަތިން ކޮންމެވެސް ބިރުވެރި މަންޒަރެއްސިފަވެއެވެ. އެހާއުނދަގުލުން ނިދޭ ކުޑަވަގުތުކޮޅުގައިވެސް ކުރިމަތިވަނީ ނާމާންކަމާއިއެވެ. އަހަރެންގެ ހަޔާތަކީވެސް އެފަދަ ނާމާން ހުވަފެނެކެވެ. އަނދިރިކަމުންފުރިގެންވާ ހަޔާތެކެވެ. އަހަރެންގެ ހަޔާތުގެ ހަނދު އޮއްސުނުފަހުންނެވެ.
އިނާރާ އަހަރެންގެ ހަޔާތަށްއައީ އެކަނިވެރިދުވަސްތަކެއްގުނަމުންދަނިކޮށެވެ. މައިންބަފައިން ދުނިޔެ ދޫކުރިފަހުން އަހަރެންގެ ހަޔާތަށް އައި އެންމެހާއްސަ މީހަކީ އިނާއެވެ. އަހަރެންގެ ފަޅުހަޔާތް ބާއްޖަވެރިވެގެން ދިޔައީ އިނާއާއި ކައިވެނިކުރެވުމުންނެވެ. އޭގެ ކުރިން އަހަންނަކީ އެކަނިވެރިއެކެވެ. އެތައް ދުވަހެއް ވަންދެން ޑިޕްރެޝަންގެ ޝިކާރައެކެވެ. ނަމަވެސް އިނާރާ ފިޔަވައި އެއްވެސްމީހަކަށް އެކަމެއް ނޭގޭނެއެވެ. ފެންނަފެނުމަށް އަހަންނަކީ މީހުނާއި އެންމެގުޅޭ އެންމެ ސަކަމިޒާޖުގެ މީހަކަށްވާތީ އެންމެންވެސް ހީކުރަނީ އަހަންނަނީ ވަރަށް އުފާވެރި މީހެއްކަމުގައެވެ. އަހަރެންގެ ރައްޓެހިންގިނައެވެ. އުޅެމުންދިޔައީ މިނިވަން ވައްޓަފާޅިއަކަށެވެ.
ކުއްލި އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ ނިޔާވުމުން އަހަރެންގެ ހަޔާތް ބަނަވީއެވެ. މަތީ ތައުލީމުގެ އެންމެމުހިންމު ހަރުފަތުގައި އެކަން ހުއްޓާލަންޖެހުނީއެވެ. ދުނިޔޭގައި ބޭކާރުމީހަކަށްވީކަމުގެ އިހުސާސް ބޮޑުވެ އަމިއްލަނަފްސަށް ގެއްލުންދެވޭ ހިސާބަށްވެސް ދިޔައީއެވެ. ނުހިނގަންޖެހޭމަގު ވެސް އިޚްތިޔާރުކުރެވުނެވެ. އެކުވެރިންގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި މީހުނާއި ގާތްގުޅުމެއްއުފެދުނެވެ. އެމީހުން ކުރާކަންކަމުގައި ބައިވެރިވެވުނެވެ. މަސްތުގެ ވަބާގައިޖެހެވުނެވެ. ނަމަވެސް ހިތުގައިވާ އީމާންތެރިކަމުގެ ފަނޑު ނޫރެއްގެ ސަބަބުން އަމިއްލައަށް ހެޔޮވިސްނި ސައިކޮލޮޖިސްޓެއްގެ އެހީހޯދީއެވެ. އެފަރުވާ ހޯދަމުން ދިޔަ ކްލިނިކުގައި މަސައްކަތްކުރި އިނާރާ އަހަރެންގެ ހިތުގެ ފަރުވާއަކަށްވެސް ވީއެވެ.
އިނާ އަހަންނަށް ވުރެ އެތައްއަހަރެއް އުމުރުން ދޮށިވެފައި ސިފައިގެ ގޮތުން ރީތިވެފައި ތައުލީމީގޮތުންނާއި ފޯރުންތެރިކަމުގެ ގޮތުންކިތަންމެ މަތިވިނަމަވެސް އިނާގެ ހިތްހެޔޮކަމާއި ހިތްތިރިކަމާއި އޯގާތެރިކަމާއި އަޅާލުމަކީ އަހަންނަށް އިނާދެކެ އިންތިހާއަށް ލޯބިވެވުމުގެ ހަގީގަތެވެ. އިނާއަހަރެންކަހަލަ މީހަކު ހިޔާރު ކުރީ ކީއްވެގެންކަމެއް އަހަންނަކަށްނޭގެއެވެ. އެނގޭކަމަކީ ދެމީހުންވެސް އެކަކުއަނެކަކު ދެކެ ލޯބިވާކަމެވެ. އެކުގައި ހަޔާތް ހޭދަކުރަން ބޭނުންވިކަމެވެ. އެހާއަވަހަށް ކައިވެނި ކުރީއެހެންވެގެންނެވެ.
ކައިވެންޏަށް ފަސްއަހަރު ފުރުއިރުވެސް ދަރިއަކުނުލިބުނެވެ. އެއިރު އިނާގެ އުމުރުން ސާޅީސްއަހަރަށްއަޅައިފިއެވެ. ޑޮކްޓަރުން ބުނަމުންދިޔައީ ކުދިންލިބުމަކީ ނާދިރުކަމެއްކަމުގައެވެ. އިނާގެ އުމުރުން އެހާދޮށިވެފައި އޯވަރީގެ މައްސަލައެއްއުޅޭތީއެވެ. ކިތަންމެ ދެރަވިނަމަވެސް އަހަރެން އިނާއަށް އެކަންނާންގާވޭތޯ ބެލީމެވެ. އިނާއާއިއެކު ހޭދަކުރާވަގުތުމަދުކުރީމެވެ. ނަތީޖައަކަށްވީ ކުރީގެދިރިއުޅުމަށް އެނބުރިރުޖޫއަވާން މަގުފައިވުމެވެ. ކުރީގެ އެކުވެރިންނާއި ގުޅުންބަދަހިވުމެވެ. ނަމަވެސް ކުރިން ވެއްޓުނުވަޅުގަނޑަށް ނުވެއްޓެނީސް އިނާއަނެއްކާވެސް އަހަރެން ސަލާމަތްކުރިއެވެ.
މިފަހަރު އަހަރެންގެ މުޅިހަޔާތުގައިވެސް ލިބުނު އެންމެ އުފާވެރި ހަބަރާއި އެކުގައެވެ. ހީވެސް ނުކުރާދަނޑިވަޅެއްގައި އިނާ ބަލިވެއިންކަން އެނގުމުން އަހަރެމެންގެ ދިރިއުޅުން ބަދަލުވެގެންދިޔައެވެ. ހަޔާތުގެ ހަނދު މެދުއުޑުގައި ފިޔަޖަހަންފެށިއެވެ.
ކުޑަކުޑަ ފުރުފާނައެއް އަހަރެމެންގެ ފަޅުހަޔާތް ބާއްޖަވެރިކޮއްލިއެވެ. ދަރިފުޅު ލޫތް ދުނިޔެއަށް އައުމުން އަހަންނަށް ލިބުނު އުފަލަކީ ބަޔާންކުރަންދަތި އުފަލެކެވެ. އަހަންނަށް ވުރެ އިނާގެ އުފާވެރިކަން ބޮޑެވެ. އުންމީދުކެނޑިފައިވަނިކޮށް އޭނާގެ އުނގު ފަޅުފިލުމުން ކުރެވޭވެނެ އިހުސާސް ހަމަގައިމުވެސް އަހަންނަކަށް އަންދާޒާވެސް ނުކުރެވޭނެއެވެ. އަހަރެމެން ދެމަފިރިންގެ ހުރިހާ ވަގުތެއް ހޭދަކުރީ ތުއްތު ދަރިފުޅާއިއެކުގައެވެ. އެތުއްތު މޫނުފެންނަކޮންމެ ފަހަރަކު ހިތްފުރިގެންދެއެވެ. ލޫތުގެ ކޮންމެ ހަރަކާތަކީ ކޮންމެ ކަމަކީ އަހަރެމެންނަށް ވަރަށް ހާއްސަކަންކަމެވެ. އެލޯބި ދަރިފުޅު ނިދީގައި ހިނިތުންވެލިއަސް އުފަލުން ރޮވޭވަރުވެއެވެ. ދަރިފުޅު ރޯންފައްޓައިފިއްޔާ ހިތްކުދިކުދިވާހާ ދެރަވެއެވެ. ކިރިޔާ ކަމެއްވިއަސް ހާސްވެއެވެ. ތުއްތު ހަށިގަނޑުން ކޮއްލާ ކޮންމެ ހަރަކާތަކީ ހިތައް ހަމަޖެހުންލިބޭކަމަކަށްވިއެވެ.
އިނާ ވަޒީފާދޫކޮށްލުމަށްފަހު ލޫތު ބެލުމަށްޓަކައި ހުސްވެގަތެވެ. އެހެންކަމުން އަހަންނަށްޖެހުނީ މަސައްކަތެއްކުރާށެވެ. ގޭގައި ފޮޓޯ ސްޓޫޑިއޯއެއްހެދީމެވެ. އެއީ ކުރަންއެނގޭ އެހާކުރާހިތްވާ ކަމަކަށްވާތީއެވެ. ލޫތުގެ ފޮޓޯ އެކިގޮތްގޮތަށް އެކި ތީމްތީމަށް ނަގައި އަހަރެން ފެއްޓި ކުޑަ ބިޒްނަސް މާކެޓްކުރީމެވެ. ލޫތްއަކީ ހަގީގަތުގައިވެސް އަހަރެންގެ ނަސީބެވެ.
ކަލަންޑަރު ފުރެޅެމުންގޮސް އަހަރެމެންގެ ކުޑަކުޑައާއިލާއަށް ވަރަށް ހާއްސަދުވަހެއްއައެވެ. ކުޑަކުޑަ ލޫތުގެ ދެވަނައުފަންދުވަހެވެ. ފުރަތަމަ އުފަންދުވަސް ފާހަގަކުރަން އަހަރެމެންދިޔައީ ސިންގަޕޫރުގައި ދިރިއުޅޭ އިނާގެ އާއިލާކައިރިއަށެވެ. ނަމަވެސް މިފަހަރު ބޭނުންވީ އަހަރެމެން ތިންމީހުންއެކަނި އުފާވެރި ވަގުތުކޮޅެށްހޭދަކުރުމަށެވެ. މިހާރު ލޫތްއަށްވެސް ކަންތައްތައްއެނގޭތީ އޭނާ އުފާވާގޮތަށެވެ. ލޫތު އެންމެބޭނުންވަނީ ކުޅޭ ކެރޭނާއި ފޯކްލިފްޓާއި ސިމެންތި މޭޝިނާއި ހައިމާކުފަދަ އެއްޗެއްސެވެ. އެހެންކަމުން ހެވީޑިއުޓީ ވެހިކަލް ތީމްގައި އަހަރެންގެ ސްޓޫޑިއޯ ތައްޔާރުކޮށްލީމެވެ. އަހަރެން ބޭނުންވީ އަސްލާއި ވީހާވެސްއެއްގޮތަށް ހުރިހާއެއްޗެއް ހުރުމަށެވެ. ލޫތުއެންމެ އުފާވާނެގޮތަށެވެ. އެންމެ ސަޕްރައިޒްވާނެ ގޮތަށެވެ.
ލޫތު ތައްޔާރުކުރުމަށްފަހު އިނާދިޔައި އޯޑަރުދިން ކޭކުބަލައެވެ. އަހަރެން ލޫތުގޮވައިގެންކޮޓަރީގައި ސަކަރާތްޖަހަންފެށީމެވެ. ރައްޓެހިންނާއިއެކު އުޅޭއިރުވެސް އަހްނަނަކީ ސަކަރާތްޖަހަން ފަށައިފިއްޔާ ހަމައިންނެއްޓޭމީހެކޭ އެންމެން ވެސްބުނެއެވެ. އަހަރެން ކުރާކޮންމެކަމެއް ޖައްސާ ކޮންމެ ވައްތަރެއްވެސް ލޫތަށް ވަރަށްމަޖަލެވެ. ހީހީފައި ލޫތު އުޅޭގޮތް ލޯބިކަމުން އަހަންނަށް ވަރަށްމަޖާވިއެވެ. އަލަމާރިތެރެއަށް ވަދެފައި ނުކުމެފައި ފީކޮއި ކުޅެނިކޮށް އަލަމާރީގައި އޮތް އެއްޗެއްފެނިގެން އެކުޅިވަރު އިތުރަށް މަޖާވާނެ ގޮތެއް އަހަރެންގެ ހިޔާލަށްއައެވެ.
ސްޓުޑިއޯގެ އަލިފަނޑުކޮށްލީމެވެ. ލޫތުހިމޭންވިއެވެ. ކުއްލިއަކަށް ބޮކިދިއްލާލަމުން ލޫތުގެ ކުރިމައްޗައް ފުންމާލީ އަލަމާރިން ފެނުނު މާސްކުއަޅައިގެންނެނެވެ. އެއީ ބިރުވެރިމޫނެކެވެ. އަހަރެން ހީކުރީ އެސޮރަށް ވަރަށް މަޖާވާނެކަމަށެވެ. ނަމަވެސް ފެނުނީ އެކުޑަކުޑަ ދަރިފުޅު އަރިއަޅާލައިގެން ވެއްޓުނު މަންޒަރެވެ. އެލޯބި ދެލޯ ބޮޑުވެފައި މަޑުމަޑުން މެރިގެންދިތަނެވެ. އެދެލޯ މަރާލީ އަބަދައްޓަކައިކަމެއް އަހަރެން ކުޑަކޮށްވެސް ހިޔެއްނުކުރަމެވެ. އަހަރެން ހީކުރީ ލޫތުއަހަރެން ހައްދަނީކަމުގައެވެ. މާސްކު އެއްލާލާފައި އޭނާ އުރާލީމެވެ. އެތުއްތުހަށިގަނޑުވަނީ ހަރަކާތްހުއްޓި ފިނިވެފައެވެ. އަހަރެން ހާސްވީއެހިސާބުންނެވެ. އަހަންނަށް ހުރެވުނުތަންވެސް ނޭގުނެވެ. އެމްބިއުލާންސްއަށް ގުޅީމެވެ. ކުޑަދަރިފުޅު އުރައިގެން މޮޔައެއްފަދައިން ކޮޅުކޮޅަށް ދުވަންފެށީމެވެ. އިރުކޮޅަކުން ވީނުވީއެއްނޭގުނެވެ.
އަހަންނަށް ހޭވެރިކަންވީ ހޮސްޕިޓްލުގައި އޮއްވައެވެ. ކުރިމަތީގައި ތިބިޕޮލިހުންނާއި އެކު އިނާހުއްޓެވެ. ކުޑަދަރިފުޅާއިމެދު އިހުމާލުވީކަމުގެ ކުށުގައި އަހަރެން ކުށްވެރިވިއެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ނަފުސު ބުނަމުން ދިޔައީ އަހަންނަކީ އެއަށްވުރެ މާބޮޑު ކުށްވެރިއެއްކަމުގައެވެ. ދަރިފުޅުގެ ގާތިލްކަމުގައެވެ. އިނާއަކީ ނަފްސާނީ ކަންކަމުގެ ހޭލުްތެރި މީހަކަށްވާތީ ދަރިފުޅަށްވީގޮތް އޭނާއަށްއެގެއެވެ. އަހަންނަށްމާ ބޮޑުއެއްޗެއްނޭގުނަސް އެނގޭކަމަކީ އަހަރެން ކުރިކަމެއްގެ ސަބަބުން ދަރިފުޅަށް ކުއްލިޝޮކެއްްލިބި ހިތްހުއްޓި މިދުނިޔެއާއި ވަކިވާންޖެހުނުކަމެވެ. އަހަރެން ކުރި ސަމާސާ ވިހަވީއެވެ. ވިސްނާނުލެވުނީއެވެ. ދަރިފުޅު ބިރުގަންނަވާލެވުނީ އަހަރެންގެ މޮޔަކަމުންނެވެ. އަހަރެންގެ ލޮލުގެމޭވާ ކަމުގައިވި ދަރިފުޅު އެންމެފަހުވަގުތު ދެކިލުމުގެ ނަސީބުވެސް އަހަންނަކަށްނުލިބުނެވެ. އަހަރެންގެ ދުނިޔެ އަބަދައްޓަކައި ބަނަވީއެވެ.
ކިތަންމެ ޒަމާނެއްވިޔަސް އެހަނދާންތަކާއިދުރަކަށް ނުދެވޭނެއެވެ. މިހާރު އޭގެފަހުން ވިހިއަހަރުވެއްޖެއެވެ. ނަމަވެސް އަދިވެސް އަހަރެންގެ ހަޔާތުގެކޮންމެދުވަހަކީ އެހަނދާންތަކުގައި ހޭދަވާދުވަހެކެވެ. އެބިރުވެރިމަންޒަރު ހިތުންފިލައިގެންނުދެއެވެ. އިނާ އަހަރެން ދޫކޮށްފައި ދިއުމުން އެއްވެސް ޝަކުވާއެއްނެތެވެ. އޭނާގެ ދިރިއުޅުމުގެ އުފާ ފޭރިގަތީ އަހަންނެވެ. އަހަރެން ދިރިއުޅުމުގެ މަގުސަދެއްނެތެވެ. މިނިވަންވިއިރު އަތުގައި ހުރި އެއްްޗެއް ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރުމަށްފަހު މިހާރު ހޭދަކުރަނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އަޅުކަމުން ދިރިހުރުމަށް ވާގިލިބިގެން އުޅުނަސް މިއީ އަލިކަމެއްނެތް އަނދިރި ހަޔާތެކެވެ. ހަނދު އޮއްސި އަނދިރިވެފައިވާ ހަޔާތެކެވެ.