މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ގާއިމު ކުރާ ޕެޓް ކެއާ ފެސިލިޓީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިއަދު ފަށަނީ އެތަނުގައި ފެންސު ޖެހުމުގެ މަސައްކަތް ކަމަށެވެ.
އާޒިމް ވިދާޅުވީ ކުރިއަށް އޮތް 20 ވަރަކަށް ދުވަހުން ފެންސު ޖެހުން ނިންމާލެވޭނެ ކަމަށާއި, އަންނަ ހަފްތާ ތެރޭގައި އިމާރާތުގެ މަސައްކަތް ފަށައިގަނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއް, ދެ މަހެއް ތެރެގައި ފެސިލިޓީ ބިނާކޮށް, މާލެ ތެރޭގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ބަދަލުކޮށް, ނިއުޓާ ކޮށް އެތަނުގައި ގެންގުޅެވޭނެ ނިޒާމު ހަމަޖެހިގެންދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ވެސް އެބަފެނޭ ބުޅާތައް އުޅޭ ހާލު. އެހެންވީމަ ބުޅަލަށް ވެސް އަދި ދޫންޏެއް ވެސް އެއްވެސް އެއްޗަކީ އެއަށް އޯގާތެރިކަން ނުލިބޭ މުޖުތަމައުއެއް ތެރޭ އުޅެންޖެހޭ އެއްޗެއް ކަމަށް ނުދެކެން," މޭޔަރު އާޒިމް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެމަސައްކަތް އަވަސްކުރަން ސަރުކާރުން ވެސް ބާރުއަޅާކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ފަރާތުން ވެސް މުޅި ސިޓީ ކައުންސިލް އެއްކޮށް ކަހަލަ ގޮތަކަށް މިކަމާ ގުޅޭ ހުރިހާ މުވައްޒަފުން ބައިވެރިވެގެން އަމަލީ ގޮތުން މަސައްކަތް ކުރަމުންދަނީ" މޭޔަރު ވިދާޅުވިއެވެ.
ބުޅާ ޝެލްޓަރުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ ޓެކްނިކަލް އެސިސްޓެންސް ދެމުން ގެންދަނީ އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ. މާލެ ސަރަހައްދުގައި ބުޅާ ބަލަހައްޓާ ފެސިލިޓީއެއް ގާއިމުކުރަނީ އެގްރިކަލްޗާ މިނިސްޓްރީއަށް ހުޅުމާލޭ ފަރުކޮޅުފުށިން ދީފައިވާ 18,000 އަކަފޫޓުގެ ބިމުން 5,000 އަކަފޫޓެވެ.