މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ހުރިނަމަ، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ނުހުއްޓޭނޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުށިދިއްގަރުފަޅު ހިއްކައި އެތަނުގައި ޒަމާނީ ވަސީލަތްތަކާއެކު އެތަނުގައި މީހުން އާބާދުކުރުމަކީ ރައީސް ޑރ.މުއިއްޒު ސަރުކާރުގެ އެންމެ އުއްމީދީ އެއް މަޝްރޫޢުއެވެ.
އެމްޑީޕީން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ޕްލޭންތައް ހުރީ ރައްޔިތުންނަށް އޮޅޫވާލުމުގެ ބީދައިން ކަމަށެވެ. ގްރޭޓާ މާލެ ސަރަހައްދު ހިއްކުމުގެ ކަންކަމުގައި މި ސަރުކާރުގެ ރޭވުންތައް ހުރީ ވަރަށް ފީކަޅާކޮށްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް މާލެ ސަރަހައްދުން ބޮޑު ބިމެއް އެ ބިންހިއްކާ ކުންފުންޏަށް ދޭން ނިންމުމުން އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.
މިސާލަކަށް މާލެއަކީ 200 ހެކްޓަރު. އޭގެ ތެރެއިން 80 ހެކްޓަރު، މިސާލަކަށް ޗާންދަނީމަގު އެއްކޮޅުން އަނެއްކޮޅަށް ބަލައި މާފަންނުކޮޅު އެކީ ދިނުން މިއީ. ދީފަ ރާޖޫކައިރި މި ބުނަނީ މިތަން ހިއްކަދޭށޭ. މިއަދު އެނގިއްޖެ އެއީވެސް ހެދި އޮޅުވާލުމެއްކަނ. ރާޖޫ އެތަނަށް ފަސްމުށެއް އެޅި. މިހާރު ގިރަމުން އެދަނީ. އެއްވެސް ޕްލޭނެއް ނެތީމަ ދެއްތޯ އެހެން ވާނީ. މިއަދު އަޅުގަނޑުމެނަށް އެނގެނީ އެތަން ހިއްކާނެ ފަސްވެސް މިތަނުގައި ނެތްކަން
ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް މިވީ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށްގޮސް ބޮޑެތި މަޝްރޫއުތައް ހިންގާނޭކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލަމުންދާކަމަށެވެ. މިގޮތުން ރަސްމާލެ މަޝްރޫޢު އާ، ވިލިގިއްޔާ، ތިނަދޫ ފަދަ ރަށްރަށަށް ވަޑައިގެން މި ސަރުކާރުން ދައްކަވާފައިވަނީ އެއްވެސް އަސްލެއްނެތް ތަރައްޤީގެ ވާހަކަތަކެއްކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެނަމަ، މާލޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ދޭން ނިންމި ފްލެޓާއި ގޯތިތަކުގެ ލިސްޓް އޮޅާލާނޭކަމަށް ވިދާޅުވެފައެވެ. އެކަމަކީ މި ސަރުކާރުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރަން ނިންމާފައިވާ ކަމެއްކަން ފާހަގަކޮށް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކަށް އެތަންތަން ބަހާލުން ކަމަށެވެ.
ރައީސް ސޯލިހު ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ،މުއިއްޒުވެސް ވަނީ ކުރީގެ ރައީސް ސޯލިހާ ދިމާލަށް ގަޅިގަނޑެއް އެއްލަވާފައެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރައީސްކަން ކޮށްފައި ހުންނެވުމަކީ ހިތްޕުޅަށް އަރައިހާ މޭރުމަކުން އިތުރުފުޅު ހެއްދެވުމަށް ލިބިވަޑައިގަންނަވާ ލައިސަންސެއް ނޫންކަމަށެވެ.