20 ޖެނުއަރީ 2025

ހަފީޒާ 4ވަނަ ބައި

މިނިވަން
3 މަސް ކުރިން
8 އޮކްޓޫބަރުގެ އަދަދާއި ގުޅޭ! އައިމިނައަށް އައިސް ހަލީމަ ދައިތަ ގޯއްޗަށް ވަދެވުނު އިރު ހަފީޒާ ހޭއަރައިފިއެވެ. ފަރީދާ އިނީ އެކުއްޖާގައިގައި ލައްކޮށްގެން އޭނާއަށް ފެންދޭށެވެ. އައިމިނަ ފެނުމާއެކު ހަފީޒާ އަޑުން އަޑުނަގައި ރޮއެގަތެވެ. އައިމިނަ ގާތަށް ޖެހިލުމާއިއެކު ހަފީޒާ އޭނާގެ މަންމަގެ ގައިގައި ބާރަށް ބައްދައިގަތެވެ. "ރާމިޒައްތަ މަރުވެއްޖެ." ރޮއެގަންނަމުން ހަފީޒާ ބުންޏެވެ. އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އެއަޑުއަހާފައި އެކަކަށް އަނެކެއްގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއި އެކުގައެވެ. ބުނާކަހަލައެވެ. މިކުއްޖާ މިކިޔަނީ ކީކޭ ހެއްޔެވެ؟ "ދަރިފުޅާ! ތިޔަ ކިޔަނީ ކީކޭ! " ފަތްޖެހި އެނދުމަތީގައި އިށީންނަމުން ހަފީޒާގެ ދެކޮނޑުގައި ހިފައިތަޅުވައިގަންނަމުން އައިމިނަ ބުންޏެވެ. އެކަމަކު ހަފީޒާއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އެކުއްޖާ އަނެއްކާވެސް ޚަބަރު ހުސްވެ ދެމިއްޖެއެވެ. އައިމިނަ ކަންތައް ބޮޑުވެއްޖެއެވެ. ހަފީޒާ ރީތިކޮށް ފަތްޖެހި އެނދުމަތީގައި ބާއްވާފައި އޭނާ ގޮވާލީ ހަލީމާދައިތައަށެވެ. ފަތްޖެހި އެނދު އުފުލޭނެ ހަތަރު ފިރިހެނުން ހޯދައިދޭތޯއެވެ. ފަރީދާވެސް މަގަށް ނުކުމެއްޖެއެވެ. މަގުމަތިން ފިރިހެނަކު ފެނޭތޯއެވެ. "ހަފީޒާ، ދަރިފުޅާ ހަފީޒާ" ޚަބަރު ހުސްވެފައި އޮތް ހަފީޒާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން އައިމިނަ ގޮވަމުން ދިޔައެވެ. އިރުކޮޅަކުން ހަލީމަ ދައިތަ އެތަނަށް އައީ މަގުފަރާތުން އަތިރިމަތީގައި ރުއްކަނޑަށް އުޅުނު ފިރިހެނުންތަކެއް ގޮވައިގެންނެވެ. ފަށްޖެހި އެނދުގެ ހަތަރުފައިގައި ހަތަރު މީހުން ހިފައިގެން ހިނގައިގެންފިއެވެ. ފަހަތުން އައި މިނައާއި ފަރީދާ އާއި ހަލީމާދައިތަވެސް ހިނގައިގެންފިއެވެ. ފަށްޖެހި އެނދު ހިފައިގެން ހަރު ހިނގުމުމުގައި ހިނގަމުން ދިޔަ ހަލީމާދައިތައަށް އެމީހުންނާއި އެއްވަރަކަށް ނުހިނގުނެވެ. މަޑުމަޑުން ކުރިއަށް ޖެހެމުން އެމީހުން ގޮސް ހަލީމަ ދައިތަގެ ލޯމަތިން ގެއްލި ގޯޅިއަޅައިފިއެވެ. އެވަގުތު ޖެހިގެން ހުރި ގޯޅިން ނުކުތް ދެފިރިހެނަކު ހަލީމާ ދައިތަ ގައިގައި ލައިނުގަތީ ކިރިޔާއެވެ. އޭގެ ތެރެއިން އެކެއްގެ އަތުގައި އޮތީ ކަތިވަޅިއެކެވެ. އަނެކަކު ކޮނޑުގައި ގޯންޏެއް އޮތެވެ. ހަލީމާދައިތަ ނުރުހުމާއި އެކުގައި ބަލާލިއެވެ. އެއީ ރަށަށް އަރުވާލާފައި ތިބި އުތުރު ކޮންމެވެސް ރަށެއްގެ ދެ މީހެކެވެ. "ކަލޭމެން ތިޔަ ދަނީ ވަގުރުކު އަޅާންދޯ!" ހަލީމާދައިތަ އެމީހުންނާއި ދިމާއަށް ބުނީ ނުރުހުމުގެ ބަހެކެވެ. "ދައިތަޔަކާއި ކޮންބެހޭ ކަމެއް؟ ތިޔަހެން ދިމާކުރަންޏާ މި ގޯންޏަށް ލައިގެން ވަލަށް ގެންގޮސްފާނަން." އެ މީހުންގެ ތެރެއިން އެކަކު ބުންޏެވެ. އެއީ ގަމަށް އަރުވާލާފައި ހުރި މުހައްމަދު ކިޔާ މީހެކެވެ. ބަދުއަޚުލާޤީ މައްސަލައެއްގައި ފޮނުވާލާފައި ހުރި އެމީހާއާ ހެދި ގަމު ރައްޔިތުންނަށްވެސް އޮތީ ބޮޑު އުނދަގުލަކަށް ވެފައެވެ. ދެން އޭނާގެ ގާތުގައި ހުރީ އާދަނެވެ. ދައިތަ އެމީހުންނާއި ދިމާއަށް ބުރުވާލީ ދުފައި ވަރުކޮށްފައި ހުރި ހައްޕުޑުގަނޑެވެ. އިތުރުއެއްޗެއް ނުބުނެ އެމީހުން ދިޔައީ ވަލާ ދިމާއަށެވެ. ހިންދެމިލައި ހަށިގަނޑު ސީދާކޮށްލުމަށް ފަހު އަނެއްކާވެސް ހަލީމަ ދައިތަ ހިނގައިގަތީ ސެންޓަރާއި ދިމާއަށެވެ. ********** ކަންބޮޑުވެފައި ޞިއްޙީމަރުކަޒު ފެންޑާމަތީގައި ދެކޮޅަށް ހިނގަ ހިނގާހުރި އިބްރާހީމަށް މަގުކޮޅުން ފެނުނީ، ހަތަރު ފިރިހެނަކު ފަތްޖެހި އެނދެއްގެ މަތީގައި މީހަކު ބާއްވައިގެން އަންނާތީއެވެ. ފަހަތުން ފަރީދާ އާއި އައިމިނަ އަންނާތީ ފެނިފައި އިބްރާހީމް ހީކުރީ، އެމީހުން އެގެންނަނީ ރާމިޒާ ކަމަށެވެ. ރާމިޒާ މަތިން އިބްރާހީމް ހަނދާންވީވެސް ދެނެވެ. ފައްޖެހި އެނދާއިއެކު، ޞިއްޙީމަރުކަޒަށް ހަފީޒާ ގެނެސް ވެއްދުމާއި އެކު، އިބްރާހީމަށް ލިބުނީ ހައިރާން ކަމެކެވެ. "މިކުއްޖާއަށް ކިހިނެއްވީ!" ހަތަރު ފިރިހެނުން ފައްޖެހި އެނދު ތިރިކޮށް ވޯޑުތެރޭގައި ބެހެއްޓުމުން އެންމެ ފުރަތަމަ ސުވާލުކުރީ އިބްރާހީމެވެ. އޭރު ސެންޓަރު ރަފީޢުވީ މަރުކަޒުގެ ވަލުފަރާތަށް ސިނގިރޭޓެއް ބޯން ނުކުމެއެވެ. "ނޭނގެ ވީގޮތެއް! ހަލީމަ ދައިތައަށް ފެނުނީ މަގުމައްޗަށް ޚަބަރު ހުސްވެގެން ވެއްޓުނުތަން! ދެން ބޯ ސަކަރާތް ވާހަކަ ދައްކަނީ." ފަރީދާ ބުންޏެވެ. ފަރީދާގެ ވާހަކައަޑުއަހާފައި އައިމިނައަށް ބަލާލެވުނީ ފަރީދާގެ މޫނަށެވެ. އޭނާ ދެލޯ ބޮޑުކޮށްލީ ނޫނެކޭ ބުނާކަހަލަ ގޮތަކަށެވެ. ރާމިޒާ މަރުވެއްޖެއޭ، ހަފީޒާ ބުނި ވާހަކަ އޭނާ ނުބުނީ، ހަފީޒާ އެހެން ބުނީ ކީއްވެކަންވެސް އެމީހުންނަށް ނޭނގޭތީއެވެ. އަދި ދަރިފުޅު މަރާ ހަނގުރާމަކުރާ ހާލުގައި އޮއްވައި އަނެއްކާ ރާމިޒާ މަރުވެއްޖެޔޭ ހަފީޒާ ބުނި ވާހަކަ ބުނެފިނަމަ އިބްރާހީމަށްވެސް އަސަރުތަކެއް ކޮށްފާނެތީއެވެ. "މިކުއްޖާ އައިހޭ މަގޭ ގާތުގައި ބުނީ، އާލިމްގައިގައި ވެނެއް ހިފައިގެން އުޅޭ ވާހަކަ!" އިބްރާހީމް ތަފްސީލްކޮށްދިނެވެ. " ކޮބާ ރާމިޒާ!" އައިމިނަ ސުވާލުކުރީ އިބްރާހީމާއެވެ. "މަގޭ ފަހަތުން އައި. ހީވަނީ ފެންވަރާލައިގެން އަންނަ ގެއަށް ވަނީހެން." އިބްރާހީމް ޖަވާބުދިނީ އޭނާއަށް ލަފާކުރެވުނު ގޮތަށެވެ. ************ ވަލުތެރޭގެ ހިމޭންކަން ފޫއްދުއްވަމުން ގެންދިޔައީ، މުހައްމަދު އަތުގައި އޮތް ކަތިވަޅިންނެވެ. ވަލަށް ވަންނަމުން އޭނާ ދިޔައީ އަތުގައި އޮތް ކަތިވަޅިން ގަސްތަކާއި ފަތްތައް ކަނޑަމުން މަގު ހަދަމުންނެވެ. ގޯނީގެ ތެރެއަށް ޅާނބުތައް އަޅައިގެން އޭނާގެ ފަހަތުން އާދަނުވެސް ވަންނަމުން ދިޔައެވެ. ގަސްތަކާއި ފަތްތައް ކޮށަމުން ވަލުތެރެއަށް  މުހައްމަދާއި އާދަނަށްވެސް ވަދެވުނީ، ރާމިޒާ ވެއްޓިފައި އޮތް ދިމާއަށެވެ. އެކަމަކު އެކަމެއް އެމީހުންނަކަށް ނޭނގެއެވެ. އެދެމީހުން އައީ ރުކުއަޅާށެވެ. ވަލުތެރެ ހާވާކަށް ނޫނެވެ. އެހެންވީމާ ވަލުތެރޭގައި މީހަކު އޮތްތޯ ނޫންތޯ ބަލާކަށް އެމީހުންނެއް ނޫޅެއެވެ. އާދަނުގާތުގައި، ރުށްދަށުގައި ހުންނަން ބުނެފައި، މުހައްމަދު އެރީ ރުކަށެވެ. ރުކު ކޮޅަށް އެރެވުމާއި އެކު އޭނާ އަވަހަށް ބެލީ ކުރުނބާ އިހާ ކަނޑާލެވޭތޯއެވެ. ކުރުނބާ އިހާ ވެއްޓި ބިމުގައި ޖެހުމާއި އެކު ރުކުން ފައިބަން ތިރިޔަށް ބަލާލިތަނުން މުހައްމަދަށް ފެނުނީ ކައިރީގައި ހާކޮށް އޮތް ތަނުގެ ވިނަތައް މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވައެވެ. "އާދަނާ! މި ދިމާ ވިނަތައް މަތީގައި އެބައޮތް މީހަކު ވެއްޓިފައި. އަންހެނެއްހެން ހީވަނީ." ރުކުގައި އޮތް މުހައްމަދު ބުންޏެވެ. "އަވަސްކޮށްގެން ފައިބާ! އަވަހަށް މިތަނުން ދަމާ ހިނގާ!" ބިމުގައި ޖެހުނު އިހަލުން ވިއްސައިގެން ދިޔަ ކުރުނބާތައް ހޮވައި ގޯންޏަށް އަޅަމުން އާދަނު ބުންޏެވެ. ހަލުވި މީދަލެއްހެން މުހައްމަދުވެސް ރުކުން ފައިބައިފިއެވެ. އަވަސް އަވަހަށް ދެމީހުންވެގެން ގޯންޏަށް ކުރުނބާތައް އަޅާ ނިންމާލާފައި ހިނގައިގެންފިއެވެ. "ހިނގާބަލަ އެއީ ކާކުތޯ ބަލާލާފަ ދާން! އަންހެނެއްހެން ހީވަނީ!" މުހައްމަދު ބުންޏެވެ. "ހިނގާބަލަ!" ގޯނި ކޮނޑުމައްޗަށް ހެޔޮވަރުކޮށްލަމުން އާދަނު ބުންޏެވެ. މުހައްމަދު ގަސްތައް ހާވަމުން ރާމިޒާ އޮތް ދިމާއަށް ނުކުންނަށް ހިނގައިގަތެވެ. ފަހަތުން އާދަނުވެސް ހިނގައިގަތެވެ. މުހައްމަދަށް ގަސްތަކުގެ ތެރެއިން ނުކުމެވުނީ ރާމިޒާ ވެއްޓިފައި އޮތް ދިމާއަށެވެ. ދިމާ އުޑުތިލަމަތިން އޮތް ރާމިޒާގެ މޭމަތި އޮތީ ކޮންމެވެސް ވަރަކަށް ހާމައަށެވެ. އިބްރާހީމް ދޫކޮށްލި ކަތިވަޅި މައްޗަށް ވެއްޓުނު އަތް ޒަޚަމްވެ ފޭބި ލޭތައް ހުރީ ތާޒާކަންމަތީ ވިނަތައް މަތީގައެވެ. ޒަޚަމްވެ ހޭހުސްވެފައި އޮތް ރާމިޒާއަށް މުޙައްމަދަށް ފެނުނީ ވަޙުޝީ ނަޒަރަކުންނެވެ. އޭނާގެ އަތުން ފައިބަމުންދިޔަ ލެޔާއި، ލޭމަދުވެ ހުދުވަމުން ދިޔަ މޫނަށްވުރެ މުހައްމަދުގެ ޝައުޤުވެރިކަން ހުއްޓުނީ އެހެން ދިމާއަކަށެވެ. ގޯނި ބަހައްޓާފައި އާދަނު ފުރަތަމަވެސް ބެލީ، ރާމިޒާގެ އަތުން ލޭ މަނާ ކުރުމަށެވެ. ކަނޑައިގެން ގޮސްފައިވާ ޒަޚަމްގެ މަތިން އޭނާ ބަނދެލީ ގޯނީގެ ތުން އައްސަން ގެންގުޅުނު ފޮތިފަށެވެ. ރާމިޒާގެ އަތުން އަންނަމުން ދިޔަ ލޭ މަނާކުރަން އުޅުނު އާދަނަށް މުޙައްމަދު ކުރާ ކަމެއް ބަލާލެވުނީވެސް ރާމިޒާގެ އަތުގައި ފޮތިފަށް އައްސާފައެވެ. ރާމިޒާގެ އަތުގައި ފޮތިފަށް އެއްސުމަށް ފަހު ބަލާލެވުނު ވަގުތު އާދަނު ދިޔައީ ސިއްސައިގެންނެވެ. މުހައްމަދު ކުރާ ކަމެއް ފެނުމުންނެވެ. "ގޮތް ކުޑަ ވިޔަސް ތީ ބޮޑުވަރު މުޙައްމަދާ. ޚަބަރު ހުސްވެފައި އޮތް އަންހެނެކޭމީ. " އާދަނު މުހައްމަދާއި ދިމާއަށް ހަޅޭލަވައިގަތެވެ. "ކަލޭ މިތަނުން ރައްކާވޭ! އެހެން ނޫނީ، މިކަތިވަޅިން ޖަހާނީ ކަލޭގެ ގައިގައި." މުހައްމަދު ބުންޏެވެ. "އެކަމަކު އިންސާނަކަށް ވެބަލަ! ޒަޚަމްވެ ޚަބަރު ހުސްވެފައި އޮތް އަންހެނެއްގެ ގަޔަށޭ ކަލޭ ތިޔަ އަރަނީ. ފުރަތަމަ އޭނާއަށް ފަރުވާއެއްދޭން ހިނގާބަލަ!" އާދަނު ބުންޏެވެ. " މިވެސް ފަރުވާއެކޭ! ހާދަ ދުވަހެއް ވެއްޖޭ އަހަރެން މުގޯލި އަޅާތާ! ގިފިލީ ފެންވަރަށް ހުންނައިރު ރުކަށް އަރައި އޮންނަނީ. މިއަދު މިލިބުނީ އަތްޖައްސާލަން." މުޙައްމަދު ހުރީ ޝައިޠާނެއްގެ ދަރަޖައިގައެވެ. އާދަނު މުހައްމަދުގެ ގައިގައި އަޅައި ރާމިޒާ އާއި ދުރަށް ކޮއްޕާލިއެވެ. އަރައިގަތް ރުޅީގައި، މުހައްމަދު އާދަނުގެ ބޮލުގައި ޖެހީ ކަތިވަޅީގެ މުއްގަނޑުންނެވެ. ************ ފަތްޖެހި އެނދުމަތިން ނަގައި ޞިއްޙީމަރުކަޒުގެ ވޯޑުގެ އެނދެއްގައި ބާއްވައިފިއެވެ. އެ އެނދާއި ޖެހިގެން ހުރީ އާލިމް ބާއްވާފައި އޮތް އެނދެވެ. އެތަނުގައި ތިބީ އިބްރާހީމާއި ހަފީޒާގެ މަންމަ އައިމިނަ އާއި ފަރީދާއެވެ. ފަތްޖެހި އެނދު ހިފައިގެން އައި ހަތަރު ފިރިހެނުންވެސް އެވަގުތު އެތަނުން ނުކުމެއްޖެއެވެ. " ރާމިއްޒައްތަ! ރާމިޒައްތަ!" ހޭވެރިކަންވާ ނުވާ ހާލުގައި އޮތް ހަފީޒާގެ އަނގައި އަޑު ނުކުތެވެ. އިބްރާހީމްގެ ބޮލުގައި ރިއްސާލިއެވެ. ހަފީޒާ ރާމިޒާގެ ވާހަކަ ދައްކާތީއެވެ. "ޢާލިމަށް ބަލައިލާތި، އަހަރެން އެބަ އަންނަން ރާމިޒާ ކޮބައިތޯ ބަލާލާފައި." އިބްރާހީމް ވޯޑުން ނުކުންނަށް ހިނގައިގަންނަމުން ބުންޏެވެ. އިބްރާހީމް އެހެން ބުނުމުން ހަފީޒާ އާއި އައިމިނައަށްވެސް ބަލާލެވުނީ، އެކަކު އަނެކެއްގެ މޫނަށެވެ. އެކަމަކު ދެންވެސް އެމީހުންނަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. =ނުނިމޭ= 5 ވަނަ ބައި 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ  
An error has occurred. This application may no longer respond until reloaded. Reload 🗙