20 ޖެނުއަރީ 2025

އާދަޔާ ޚިލާފު ލޯބީގެ ވާހަކައެއް: ޖަރުމަނަށް ދެމީހުން ދިޔައީ ވަކިނުވެވޭ ވަރަށް ލޯބިވެގެން، ޖަރުމަނުގައި ދެމީހުން މަރުވީ ޒުވާބުކޮށް މާރާމާރީ ހިންގައިގެން

މިނިވަން
3 މަސް ކުރިން
އެ ލޯބި އުފަންވީ ސަމާ އައިލެންޑް ރިސޯޓުންނެވެ. ނ. މަނަދޫއަށް އުފަން އާދަމް ނަސީރުއާއި އޭނާގެ ޖަރުމަނު ލޯބިވެރިޔާވެސް އުޅުނީ ރިސޯޓް ވަޒީފާގައެވެ. އެލޯބީގެ ގުޅުން ވަރުގަދަވެ، ދެމީހުން ކައިވެނިކުރީ މީގެ 10 ވަރަކަށް އަހަރުކުރިންނެވެ. އެހިސާބުން އާދަމް ނަސީރު ނިންމީ އޭނާގެ ލޯބީވާ އަނބިމީހާގެ އެދުމަށް ޖަރުމަނަށް ދިރިއުޅުން ބަދަލުކުރާށެވެ. ޖަރުމަނު އެދެމަފިރިިން އުޅެމުން ގެންދިޔައީ ނަމޫނާ ދެމަފިރިންގެ ގޮތުގައެވެ. ދެލޯބިވެރިންގެ ގޮތުގައެވެ. އެ ދެމަފިރިންނަށް ތިން ދަރިންލިބި ދިރިއުޅުމުގެ ތަކުލީފް ބޮޑުވުމުން ދެމީހުންގެ މެދުގައި ކުދިކުދި މައްސަލަތައް ޖެހި އެކަންކަން ހައްލު ނުކުރެވި ބޮޑުވަމުން ގޯސްވަމުން ދިޔައެވެ. އެންމެ ފަހުން އާދަމް ނަސީރު އޭނާގެ އަނބިމީހާ ވަގުފިރިން ގެންގުޅޭ ކަމުގެ ތުހުމަތު ކުރަން ފެށުމުން ދެމީހުންގެ ގުޅުން އިތުރަށް ގޯސްވެ، ޖުވާބު ބޮޑުވާން ފެށިއެވެ. ސެޕްޓެމްބަރު މަހުން ފެށިގެން ދެމީހުންގެ ގުޅުން ދިޔައީ ގޯހުން ގޯހަށެވެ. ކުރާ ޒުވާބު ތަޅާފޮޅުމަށް ބަދަލުވި އެތައް ފަހަރެއް ފާހަގަކުރެވެއެވެ. އެކަމާ މާޔޫސްވެގެން އާދަމް ނަސީރު ވަނީ ރާއްޖޭގައި ހުރި އޭނާގެ މަންމައަށް ގުޅާ އެމާޔޫސްކަމުގެ ވާހަކަ ދައްކާފައެވެ. އަދި އޭނާގެ ވިސްނުންހުރީ ވީއެންމެ އަވަހަކަށް ރާއްޖެ ދިއުމަށް ކަމަށްވެސް މަންމަގާތު ބުންޏެވެ. އޭގެ ދުވަސްކޮޅެއް ފަހެވެ. އެއްދުވަހެއްގެ ހަވީރު ވަގުތު ދެމީހުން ދިޔަ ހަފުލާއެއްގެ ތެރެެއިން އުފެދުނު ހިޔާލުތަފާތުވުން ބޮޑު ޒުވާބަކަށް ބަދަލުވިއެވެ. އެ ޒުވާބު އެންމެ ފަހުން މާރާމާރީއަކަށް ބަދަލުވެ ދެމީހުން އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދޭން ފެށިއެވެ. އެމާރާމާތީގައި އަންހެން މީހާ މަރުވެ ފިރިހެން މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބުނު ކަމަށް ޖަރުމަނުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އާދަމް ނަސީރު މަރުވީ އޭނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދޭން ހެލިކޮޕްޓަރެއްގައި ސިއްހީ ޚިދުމަތްދޭ މަރުކަޒަކަށް ގެންދިޔަތާ ހަތަރު ދުވަސް ފަހުންނެވެ. "ފިރިމީހާ މަރުވީ އޭނާގެ އަނބިމީހާ ގަސްދުގައި މަރާލިކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް،" ޖަރުމަނު ނޫހެއްގައި ރިޕޯޓުކޮށްފައިވެއެވެ. މަނަދޫން ވާހަކަދެއްކި މީހަކު ބުނީ އެ ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުނީ އެ އަންހެން މީހާ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށް އަޑުއިވިފައިވާ ކަމަށެވެ. އެހެންނަމަވެސް މާރާމާރީ ހިނގީ އެކަމާ ގުޅިގެން ކަމެއް އޭނާއަށް ޔަގީނެއް ނޫނެވެ. "ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވަނިކޮށް، ދެމީހުންގެ މެދުގައި ހިނގި މާރާމާރީއެއްގައި އަންހެން މީހާ މަރާލީ ކަމަށް ވަނީ. އަދި އާދަމް ނަސީރު މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް،" އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. "ވަރަށް ލޯބިން އުޅުނު ދެމަފިރިން އެއީ. ފަހުން މައްސަލަތައް ޖެހެން ފެށުމުން ނަސީރުގެ އާއިލާއަށް ވެސް އެކަން އޮތީ އަންގާފަ." އާދަމް ނަސީރުގެ ބައެއް ރައްޓެހިން ބުނިގޮތުގައި އޭނާގެ އަނބިމީހާ ނަސީރުއާމެދު އިހާނެތިކޮށް ކަންތައްކުރާތީ އެމީހުންނާ އެކި ފަހަރުމަތިން މަޝްވަރާކޮށް އެކަންބޮޑުވުންތައް ކިޔައިދީފައިވެއެވެ. "އޭނާ ބުނަނީ އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވައޭ. ދެމީހުން މައްސަލަ ޖެހެނީ އެކަމާ ހެދިއޭވެސް ބުނި،" ނަސީރުގެ ރައްޓެއްސަކު ކިޔައިދިނެވެ. މަނަދޫން ވާހަކަދެއްކި މީހާ ބުނީ ދާދިފަހުން އާދަމް ނަސީރު އޭނާގެ މަންމަ އަށް ގުޅާފައި ޖަރުމަނުގައި މިހާރު އުޅެން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ރާއްޖެ އެނބުރި އަންނަން ކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ ފަހުން އޭނާގެ މަންމައަށް ލިބުނީ އޭނާ މަރުވި ހަބަރު ކަމަށް ވެސް އޭނާ ބުންޏެވެ. މިއީ ލޯބީގެ ތަފާތު ވާހަކައެކެވެ. ދިރިއުޅުން ފެށުނީ އެކަކު އަނެކަކާ ވަކިން ނޫޅެވޭ ވަރަށް ލޯބިވެގެންނެވެ. ދެމީހުން މިދުނިޔެ ދޫކޮށް ދިޔައީ އެކުގައި އުޅެވެން ނެތިގެން ޒުވާބުކޮށް މަރާމާރީ ހިންގައި ދެމީހުން އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާދީގެންނެވެ.  
An error has occurred. This application may no longer respond until reloaded. Reload 🗙