19 ފެބްރުއަރީ 2025

ހެލްތު ރިސާޗް ބުލެޓިން ނެރެފި

މިނިވަން
1 މަސް ކުރިން
މި އަހަރުގެ "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން" މިއަދު އާންމުކޮށްފި އެވެ. މިއީ ރާއްޖޭގައި ކުރެވިފައިވާ ސިއްހީ ދިރާސާތަކުގެ ނަތީޖާތަކާއި ތަފާސް ހިސާބު ހިމެނޭހެން ހެލްތު މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކު އާންމު ކުރާ ބުލެޓިންއެކެވެ. ހެލްތު މިނިސްޓްރީން ބުނީ ރިސާޗް ބުލެޓިން ޝާއިއުކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހެދޭ ސިއްހީ ދާއިރާ އާ ގުޅުންހުރި ދިރާސާތަކުން ހޯދުނު މައުލޫމާތުތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގައި ސިއްހީ ދިރާސާކުރުމުގެ ރޫހު އާލާކޮށް، ދިރާސާކުރާ ފަރާތްތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުން ކަމަށެވެ. މި އަހަރު އާންމުކުރެވޭ ރިސާޗް ބުލެޓިންގައި ރާއްޖޭގައި ހެދިފައިވާ ސިއްހީ ދިރާސާތަކުގެ 7 އެބްސްޓްރެކްޓެއް ހިމަނާފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ސިއްހަތާއި ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމާއި ނަފްސާނީ ސިއްހަތާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމާ އަދި އާންމު ސިއްހަތާ ގުޅުން ހުރި މައުލޫމާތު ހިމެނެ އެވެ. އަދި ނޭޝަނަލް ހެލްތު ރިސާޗް ކައުންސިލާ ގުޅުންހުރި މައުލޫމާތާއި ސިއްހީ ދިރާސާކުރުމަށް ހުއްދަ ދިނުމުގެ މަރުހަލާތަކާއި 2022-2025 ވަނަ އަހަރަށް ރާއްޖޭގައި ސިއްހީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތައް ވެސް މި ބުލެޓިންގައި ހުންނާނެ އެވެ. އެ މިނިސްޓްރީން ބުނީ މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ސިއްހީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ސިއްހީ ދިރާސާކުރުމަށް މަގުފަހިވާ ފަދަ ވެއްޓެއް ގާއިމުކުރަން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙