20 ޖެނުއަރީ 2025

ލަންކާގެ ރައީސް ކުރީގެ ރައީސުންނަށް: ދައުލަތުގެ ގަނޑުވަރުތަކުން ނިކުމޭ ނޫނީ ކުލިދައްކާ

މުޙައްމަދު ޢާރިފް
5 ގަޑިއިރު ކުރިން

ލަންކާގެ ކުރީގެ ރައީސުން ދިރިއުޅުއްވާ ދައުލަތުގެ ގަނޑުވަރުތަކުން ނިކުތުމަށް ނުވަތަ އެ ތަންތަނުގެ ހަމަ ކުލި ދެއްކުމަށް އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަކަޔަ ގޮވާލައްވައފިއެވެ.

ލަންކާގެ ރައީސް އަނޫރާ ވިދާޅުވީ އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ދިރިއުޅުއްވާ ގެކޮޅުގެ ކުލީގެ ގޮތުގައި ބިމުގެ އަގު ނުހިމަނައި މަހަކު 4.6 މިލިއަން ރުޕީސް އަށް އަރާ ކަމަށާއި، އެހެންކަމުން ކުރީގެ ރައީސް ރާޖަޕަކްސަ އެ ގަނޑުވަރުގައި ހުންނަވަން ބޭނުންފުޅުވާނަމަ މަހަކު 4.6 މިލިއަން ރުޕީސް ދައްކަވަންޖެހޭނެ ކަމަށެވެ. ނޫނީ އެތަނުން ހުސްކުރައްވައި ނުކުންނަވަން ޖެހިލައްވާނެ ކަމަށެވެ.

ކުރީގެ ރައީސުންނަށް ދީފައިވާ ރަސްމީ ހުރިހާ ގެތަކެއް ހުސްކުރާނެ ކަމަށް ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރައީސް އަނޫރާ ވިދާޅުވީ ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ގެއެއް ނުވަތަ މުސާރައިގެ 1/3 ބައި ދައުލަތުން ދޭން ޖެހޭ ކަމަށާއި އެހެންކަމުން ސަރުކާރުން މިހާރު ނިންމަވާފައިވަނީ މުސާރައިގެ 1/3 ބައި ދިނުމަށް ކަމަށްވާތީ 30 ހާސް ރުޕީސްގެ ކޭޝް އެލަވަންސެއް ލިބޭނެ ކަމަށެވެ.

މިހާރު އޮތް ގާނޫނުތައް ބުނާ ގޮތުން ކުރީގެ ރައީސުންނަށް ގެއެއް ނުވަތަ މުސާރައިގެ ތިންބައިކުޅަ އެއްބައި ހައްގު. ސަރުކާރުން މިހާރު މި އިނާޔަތް ލިމިޓް ކުރާނީ 30،000 ރުޕީސްގެ ކޭޝް އެލަވަންސަކަށް، އެއީ އެމީހުންގެ މުސާރައިގެ 1/3 އަށް،" ރައީސް އަނޫރާ ވިދާޅުވި އެވެ.

އަދި ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޓް ހައުސް އާއި ކެންޑީގައި ހުންނަ ޕްރެޒިޑެންޓް ހައުސް އަދި ޓެމްޕަލް ޓްރީސް ފިޔަވައި އެހެން ހުރިހާ މިނިސްޓަރުންގެ ބަންގްލޯތައް ހޮޓެލް ޕްރޮޖެކްޓްތައް ނުވަތަ އެހެނިހެން އެކަށީގެންވާ ބޭނުންތަކަށް ހުޅުވާލަންވެސް ނިންމަވާފައިވާކަމަށް ލަންކާގެ ރައީސް އަނޫރާ ވިދާޅުވިއެވެ.

An error has occurred. This application may no longer respond until reloaded. Reload 🗙