21 ޖެނުއަރީ 2025

މަސްވެރިކަމަކީ ނާކާމިޔާބީއާ ގުޅުވޭނެ ކަމެއް ނޫނެވެ.

މިނިވަން
2 އަހަރު ކުރިން
  އެއް އިރެއްގައި އެއީ ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާ ހޯދައި ދިން ސިނާއަތެވެ. މިހާރު ވެސް ރާއްޖޭން އެކްސްޕޯޓްކުރާ ހަމަ އެކަނި އެއްޗަކީ އެ ސިނާއަތުގެ އުފެއްދުންތަކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކަމެއްގެ މުހިންމުކަން ބަލާ މިންގަނޑަކީ ފައިސާ ކަމަށް ބަލައިފިއްޔާ ވެސް މަސްވެރިކަމަކީ ރާއްޖޭގެ އެންމެ މުހިއްމު އެއް މަސައްކަތެވެ. ދުނިޔެއަށް ކުރިމަތިވާ ކާރިސާތަކުގައި ޓާޝަރީ ސިނާއްތައް ހުއްޓުމަކަށް އަންނަ ހާލަތެއްގައި ވެސް ނުހުއްޓޭނެ ޕްރައިމަރީ ސިނާއަތަކީ ވެސް އެޔެވެ. ފައިސާނޫން އެހެން ގޮތް ގޮތުން ދިވެހިންނަށް މަސްވެރިކަން މުހިއްމުވާ ވަރު އަހަރެމެންގެ ކާމޭޒުމަތީން މިހިރީ ފެންނާށެވެ. މިހުރިހާ ކަމެއް މިހެން ހުއްޓަސް، ރާއްޖޭގައި މަސްވެރިކަމާ މެދު އަދި އަދިވެސް ބައެއް މީހުން ދެކެނީ "ވަރަށް ދަށް" ކަމެއްގެ ގޮތުގަ އެވެ. އެ މަސައްކަތާ އަބަދުވެސް ގުޅުވަމުން ގެންދަނީ ނާކާމިޔާބީ އެވެ. "ރަނގަޅަށް ނުކިޔަވަންޏާ ދާންޖެހޭނީ މަހަށޭ" ބުނާ ބުނުން މިހާރު ކުރިއަށް ވުރެ ވަރުގަދަ ވެއްޖެ އެވެ. ކުޅިވަރެއްގައި ނާކާމިޔާބުވާ ޓީމުވެސް މިހާރު "ފުރަން ޖެހެނީ މަހަށެވެ". ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގައި އެކިއެކި ޓީމްތަކަށް ސަޕޯޓްކުރާ ދިވެހިން، ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ކުރާ ޖެއްސުންތަކުގައި ގިނަ އަދަދެއްގެ ޕޯސްޓްތައް ގުޅުވާފައި ހުންނަތަން މި ފެންނަނީ މަސްވެރިކަމާ އެވެ. ބަލިވާ ޓީމު މަސްދޯންޏަކަށް އަރައި ތިބޭ މަންޒަރު ދައްކައިދޭ މީމްތަކައި ބަލިވާ ކުޅުންތެރިން ކަނޑުމަސްތަކެއް ހިފައިގެން ތިބޭ މަންޒަރު ދައްކައިދޭ މީމްތައް ގިނަ އެވެ. އެކަމަކު ހަގީގަތުގައި މަސްވެރިކަމަކީ ގޮތް ހުސްވެފައި ތިބި ބަޔަކު ކުރާ ކަމެއް ނޫނެވެ. އޭރުވެސް މިހާރުވެސް އެއީ ގިނަ ބަޔަކު ހަމަ ހިތުން ރުހުމުން، ޝައުގުވެރިކަމާ އެކ ކުރާ މަސައްކަތެކެވެ. ވައިޓްކޮލަރު ވަޒީފާތަކަކީ މާ ގަދަރުވެރި މަސައްކަތެއްގެ ގޮތުގައި ދެކެން ނުފަށާ ޒަމާނުގައި ރާއްޖޭގައި ގަދަދު ބޮޑު މަސައްކަތްތަކުގެ ގޮތުގައި ބެލި އެއް ކަމަކީ ވަޑާންކުރުމެވެ. އެގޮތަށް ދުށް ޒަމާނުގައި މޮޅަށް ވަޑާންކޮށް އުޅުނު އެތައް ބަޔަކު ވެސް މަހަށް ގޮސް އުޅުނެވެ. ގަދަރުވެރި ހަމަ އެކަނި މަސައްކަތަކީ ވައިޓްކޮލަރު ވަޒީފާތައް ކަމަށް ދުށް ޒަމާނެއް ވެސް ރާއްޖެއަށް ނާދެ އެކޭ ނޫނެވެ. ފެންނަން އޮތް އަނެއް ހަގީގަތަކީ އަމިއްލަ ރަށް ދޫކޮށް މާލެއަށް ނުވަތަ ރިސޯޓެއްގެ ވަޒީފާއަށް ގޮސް އުޅޭ އެތައް ބަޔަކަށް ވުރެ މަސްވެރިންގެ ދިރިއުޅުން މާ އުފާވެރިކަމެވެ. އެމީހުންގެ "ބަންދުދުވަސްތައް" ހޭދަކުރަނީ އާއިލާތަކާ އެކު އަމިއްލަ ރަށުގަ އެވެ. އާއިލީ ކަމަކަށް ދުވަސްކޮޅެއް ހުސްކޮށްލަން ސިޓީއެއް ލައިގެން އޭގެ ޖަވާބުގެ އިންތިޒާރުގައި ތިބޭކަށް އެމީހުން ނުޖެހެ އެވެ. ކިޔަވައިގެން މަތީ ފާސްތައް ނަގައިގެން ތިބި އެތައް ބަޔަކު މަސްވެރިކަމުގައި މިހާރު އުޅެނީ އެހެންވެ އެވެ. އެއިން އެއްވެސް މީހަކީ ދިރިއުޅުމުގައި ނާކާމިޔާބު މީހެއް ނޫނެވެ. މަސްވެރިކަމަކީ ނާކާމިޔާބީއާ ގުޅުވޭނެ ކަމެއް ނޫނެވެ.
An error has occurred. This application may no longer respond until reloaded. Reload 🗙